މަޖިލީހުގެ ނައިބު ރައީސް އީވާ. (ފައިލް ފޮޓޯ/ މަޖިލިސް)

މެންބަރުންގެ ރައްޓެހިންނަށް ވީއައިޕީ ހިދުމަތް ލިބޭ ގޮތަށް ނިންމި ނިންމުން ތަންފީޒެއް ނުކުރާނަން: އީވާ

އެ ނިންމުން ނިންމާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު މަޖިލީހުގެ އާންމު ކޮމިޓީން ސިއްރުކޮށްގެން ބެއްވި ބައްދަލުވުމެއްގައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއެކު ފުރަން ދާ އޭނާގެ ރަށްޓެހިންނަށް ވެސް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަަށް އާންމު ކޮމިޓީން ނިންމި ނިންމުން ތަންފީޒު ނުކުރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ހަފްތާގެ ބުދަ ދުވަހު މަޖިލީހުގެ އާންމު ކޮމިޓީން ސިއްރުކޮށްގެން ބެއްވި ބައްދަލުވުމުގައި ނިންމާފައިވަނީ މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖު ހިދުމަތުގެ އިތުރުން، އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެ ހިދުމަތް ލިބޭނެ ގޮތަަށެވެ. ކުރިން އަމަލު ކުރަމުން  އަންނަ ގޮތަކީ:

  • މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭ ގޮތަށް

ބުނީ ކީކޭ؟ - އިވާއާ ހަވާލާދީ މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު މިއަދު ދައުރު'އަށް ވިދާޅުވީ އާންމު ކޮމިޓީގެ އެ ނިންމުމަށް ރިޔާސަތުން ތާއީދު ނުކުރާނެ ކަމަށެވެ. ނަމަވެސް، ކޮމިޓީގެ ނިންމުމާ ރިޔާސަތުން އަދި މިހާތަނަށް ގޮތެއް ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޖިލިސް ނައިބު ރައީސްގެ ވިސްނުންފުޅު ހުރީ މިހާރު އޮތް ގޮތަށް ބާއްވަން އިތުރު ބަދަލެއް ނުގެނެސް. ހާއްސަކޮށް އެއީ ބަޖެޓަށް އަސަރު ކުރާނެ ކަމަށް ވާތީވެ، އެއީ ކުރެވިދާނެ ހަރަދެއްކަމަށް [އީވާ] ދެކެވަޑައިނުގަންނަވާ،" އިވާއާ ހަވާލާދީ ޒިޔާއު ވިދާޅުވި އެވެ.

އެނގުން މުހިންމު - އާންމު ކޮމިޓީން ނިންމާ ނިމުންތައް މަޖިލިސް ތަޅުމަށް ގެނެސް ވޯޓަށް އަހާކަށް ނުޖެހެވެ. ޒިޔާއު ވިދާޅުވި ގޮތުގައި އެ ކޮމިޓީގެ ނިންމުމަކީ ބަޖެޓަށް އަސަރު ކުރާނެ ނިންމުކަަށްވުމުން އެކަން ތަންފީޒު ކުރާނީ ރިޔާސަތުން އެ ނިންމުން ބަލައިގަނެ، މަޖިލިސް އިދާރާއަށް އެންގުމުންނެވެ.

އެމްޑީޕީގެ އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޓީގެ ނިންމުމާ މެދު ބައެއް އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން، ސިވިލް ސާވިސް މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސާއި މުސާރަ ވެސް ކޮވިޑުގެ ސަބަބުން ބޮޑު ނުކުރެވޭއިރު، ދައުލަތަށް އިތުރު މާލީ ބުރައެއް ލިބޭ ގޮތަށް ކޮމިޓީން ނިންމާފައިވާ ނިންމުމަށް އެތައް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މި ކޮމިޓީގައި ތިއްބަވަނީ:

  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު (މުގައްރިރު)

  • ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން

  • މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ

  • ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު

  • އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން

  • ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް

  • ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު

  • ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް

ނަމަވެސް، އެ ދުވަހުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނާއި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ވޯޓު ދެއްވި ގޮތް އަދި ސާފެއް ނުވެ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

ބުޅާ

30 ސެޕްޓެމްބަރު 2021
މިނިމަމް ވޭޖް ކަނޑަ އަޅަން ވީމަ އެކަން ޖެހެނީ ލަސްކުރަން. ރައްޓެހިންނަށް ވީައައިޕީ ހިދުމަތް ހޯދަދޭން ވަގު މީޓިންގް ބާވައިގެން. ސަޅި އިނގޭ
0 0

މޯޑުމީ

30 ސެޕްޓެމްބަރު 2021
ތީ ދެން މިހާރު ނުވެފައޮތްކަމަކީ. ބޮޑުމުސާރަ ނަގައިގެން ތިތާ ބަހުސްކުރަން އެންމެ ރަނގަޅުކަންތައްތީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް