ކެބިނެޓް ބައްދަލުވުމެއްގެ ރިޔާސަތުގައި ރައީސް މުހައްމަދު މުއިއްޒު (ފައިލް ފޮޓޯ/ ރައީސް އޮފީސް)
ހަންކެޑެ ޓޫރިޒަމް މަޝްރޫއު ހިންގަން ކުންފުންޏެއް ރައީސް އުފައްދައިފި
އައްޑޫގެ ޓޫރިޒަމް ފުޅާކުރުމުގެ މަގްސަދުގައި އެ ސަރަހައްދަށް ހާއްސަ ކުންފުންޏެއްގެ ގޮތުގައި 'އައްޑޫ ހަންކެޑެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު އާ ކުންފުންޏެއް އުފައްދަވައިފި އެވެ.
ވީ ކިހިނެއް؟ - ކުންފުނިތަކާ ބެހޭ ގާނޫނުގެ ދަށުން ރައީސް މުއިއްޒު އެ ކުންފުނި މިއަދު އުފެއްދެވިކަން ރައީސް އޮފީހުން ޝާއިއުކުރި ލިޔުމުގައި ވަނީ ހާމަކޮށްފަ އެވެ. އަދި އެ ކުންފުނި އުފެއްދުމަށް ރައީސް ނެރެއްވި ގަރާރު މިހާރު ގެޒެޓްގައި ވެސް ޝާއިއުކޮށްފައިވެ އެވެ.
ތަފްސީލު - ރައީސް އޮފީހުގެ ލިޔުމުގައި މި ކުންފުނި އުފެއްދި މަގްސަދުތައް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް މޮޑެލަކަށް "އައްޑު އަތޮޅު ހަންކެޑެ" ތަރައްގީ ކުރުން
-
އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކުރުމާ އެކު، ސިނާއަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުން
-
ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫގެ ބައިވެރިވުން އިތުރުކުރުން
-
ހަންކެޑެ މަޝްރޫއުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
ރައީސްގެ ގަރާރުގައިވާ ގޮތުން މިއީ ސަރުކާރުގެ %100 ހިއްސާއާ އެކު އުފެއްދި ކުންފުންޏެކެވެ. ކުންފުނީގެ ރައުސުލްމާލަކީ އެއް މިލިއަން ރުފިޔާގެ ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100 މިލިއަން ރުފިޔާކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ހަންކެޑެ މަޝްރޫއާ ގުޅޭ ރިޕޯޓެއް
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު
-
ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ކުރީގެ ސަރުކާރުގައި ސޮއިކުރި
-
އެތަން ތަރައްގީކުރަން ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ
-
އޭރުގެ ސަރުކާރުން ބުނެފައި ވަނީ އެ މަޝްރޫއު ނިންމަން ސީއެންއީއީސީއަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެއް ކަމަށް
-
އޭގެ ފަހުން މި ސަރުކާރުން ވަނީ ހަންކެޑެ ތަރައްގީކުރަން ނުފަށައި އޮއްވާ އެތަން ހިންގަން ޔޫއޭއީގެ ޓައިމް ހޮޓެލްސް ކިޔާ ކުންފުންޏަކަށް ދީފައި. އެ އެއްބަސްވުމުގެ ތަފްސީލެއް ނެތް
ކޮމެންޓް