30 ޑިސެމްބަރ 2022 - ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ޕީޕީއެމްއިން ބޭއްވި ހިނގާލުމުގައި އޭރުގެ މާލޭ ކައުންސިލުގެ މޭޔަރު މުހައްމަދު މުއިއްޒު (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ )
ރައީސް މުއިއްޒު ކިތަންމެ އަނިޔާވެރިޔަސް އަޅުގަނޑު ޖަލަކަށް ނުލާނެ: ޔާމީން
ރައީސް މުހައްމަދު މުއިއްޒަކީ ކިތަންމެ އަނިޔާވެރި ވެރިއަކަށް ވިޔަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުގެ ވިސްނުން ގެންގުޅުއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒާ ވާދަކުރައްވަން ޔާމީން ނުކުންނަވާފާނެ ކަމުގެ ބިރުވެރިކަމުގައި އެ މަނިކުފާނު ޖަލަށްލާން އުޅޭ ކަމަށް ބުނެ ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ބައެއް މީހުން ވާހަކަދެއްކުމުންނެވެ.
ބުނީ ކީކޭ؟ - އެ މައުލޫގައި ވާހަކަ ކުރިއަށް ގެންދަން ފެށުމުން، އެ ވާހަކަތައް މެދުކަނޑާލައި ޔާމީން ވިދާޅުވީ، އެ މަނިކުފާނު ޖަލުގައި ގެންގުޅުމުގެ ވިސްނުން ރައީސް މުއިއްޒު ގެންގުޅުއްވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ތުހުމަތުކުރެވޭ މަނީލޯންޑްރިންގެ ކުށުގެ މައްސަލައެއް މިވަގުތު ވެސް ކޯޓުގައި އޮތް ޔާމީން ވިދާޅުވީ:
-
އަޅުގަނޑު ޖަލުގައި ގެންގުޅުނީ ރައީސް މުއިއްޒެއް ނޫން
-
އަޅުގަނޑު ޖަލުގައި ގެންގުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
-
ސޯލިހު އެކަން ކުރީ، ޔާމީން ޖަލުގައި ބާއްވައިގެން ދެވަނަ ދައުރެއް ލިބޭނެ ކަމަށް އޭނާގެ ކާހިނުން އޭނާއަށް މަޝްވަރާދިނީމަ
"އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރާނަން މުއިއްޒު އަނިޔާވެރިވިޔަސް، މުއިއްޒު އެވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އެކަން ރައީސް މުއިއްޒު ކުރައްވާނެ ކަމަށް ގަބޫލުނުކުރަނީ، އެ މަނިކުފާނަކީ ވެސް ހިސާބުތަކެއް ޖަހައިގެން އުޅޭ ބޭފުޅަކަށްވާތީ ކަމަށެވެ. ޕީޕީއެމްގެ ތެރޭގައި ޔާމީންއާ މެދު ހިތްހަމަނުޖެހޭ މީހުން ތިއްބަަސް، އެ މަނިކުފާނު ޖަލަށްލައިގެން ދެކޮޅު ނުޖެއްސޭނެކަން އެ މީހުންނަށް ވެސް އެނގޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑެއް ގަބޫލެއް ނުކުރާނަން މުއިއްޒުގެ ވިސްނުންފުޅު ހުރެދާނެ ކަމަކަށް އަޅުގަނޑު ޖަލުގައި ގެންގުޅުމަކަށް،" ޔާމީން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ޔާމީން ގެއަށް ބަދަލުކުރެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު އެވެ. އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އާރަށް މައްސަލާގައި ކްރިިމިނަލް ކޯޓުން 25 ޑިސެމްބަރު 2022ގައި ޔާމީންގެ މައްޗަށް އިއްވި އެ ހުކުމް ހައި ކޯޓުން މިހާރު ވަނީ ބާތިލުކޮށް، އަލުން ބަލަން އަންގާފަ އެވެ. އެހެންވެ ޔާމީން މިވަގުތަށް ހުންނެވީ މިނިވަންވެފަ އެވެ. އެކަމަކު، އެ މައްސަލައިގެ ޝަރީއަތްތައް މިހާރު ދަނީ ކޯޓުގައި ހިނގަމުންނެވެ.
އިތުރަށް ކިޔާލަން
ޖަލު ހުކުމްތައް ބާތިލްކޮށް ޔާމީން މިވަގުތަށް މިނިވަންކޮށްފި
18 އޭޕްރީލު 2024
ޔާމީން މިނިވަންކުރުމުގެ ވައުދު އަސްލު ވެސް ފުއްދުނީތަ؟
3 ޖެނުއަރީ 2024
ޔާމީން ގެއަށް ބަދަލުކޮށްފި؛ ގޭދޮށް ފުރާލައި ސަޕޯޓަރުންގެ މަރުހަބާ
1 އޮކްޓޯބަރު 2023
ކޮމެންޓް