އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޔާމީން ގެއަށް ބަދަލުކޮށްފި؛ ގޭދޮށް ފުރާލައި ސަޕޯޓަރުންގެ މަރުހަބާ
ޔާމީން ކަރެކްޝަންސްގެ ވެހިކަލުން ގޭ ކައިރިއަށް ފައިބައިވަޑައިގެންފި. އެމަނިކުފާނު ފައިބައިވަޑައިގަތުމާ އެކު އެ ސަރަހައްދަށް އެއްވެފައިވާ ސަޕޯޓަރުން ވަނީ ތަރުހީބުގެ އަޑުން ގުގުމާލާފައި. އަރިހުގައި މުއިއްޒު އެބަ ހުންނެވި. ޔާމީން ގެންދަވަނީ ސަޕޯޓަރުންނާ ސަލާމް ކުރައްވަމުން.
ޔާމީން އަރުވާފައިވާ ކަރެކްޝަންސްގެ ވެހިކަލް ޔާމީންގެ ގެއާ ދިމާލަށް މިހާރު ވަނީ މިސްރާބު ޖަހާފައި.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޔާމީންގެ ގެ ކައިރިއަށް ވަޑައިގެންފި. އެމަނިކުފާނު ވެސް ޔާމީނަށް މަރުހަބާ ދަންނަވާނެ.
ޔާމީން އަރުވާފައިވާ ކަރެކްޝަންސްގެ ވެހިކަލް އަދިވެސް އޮތީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގް ކައިރީ މަޑުކޮށްގެން. އަދި ގެއަށް ދިޔުމަށް ދަތުރެއް ނުފަށާ.
ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ޔާމީންއަށް މަރުހަބާ ކިޔުމަށް ބޭރަށް ނިކުމެ ވަޑައިގެން އެބަހުންނެވި. އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު (ސެމްބެ) ވެސް ޔާމީންއަށް މަރުހަބާ ކިޔަން އެ ސަރަހައްދުގައި އެބަ ހުންނެވި.
ޔާމީން މާލެ ގެނެސްފި
ޔާމީން ދާދި ދެންމެއަކު މާލެ ގެނެސް ކަރެކްޝަންސްގެ ވެހިކަލްއަށް އަރުވައިފި. އެމަނިކުފާނު ދެން ސީދާ ގެންދާނީ ގެއަށް. ސަޕޯޓަރުން ވަނީ ގޭ ކައިރިއަށް އެއްވެފައި.
އެމަނިކުފާނުގެ ސަޕޯޓަރުން ތިބީ ރައީސް ޔާމީންގެ ގޭ ކައިރީ މަރުހަބާ ކިޔަން ސަފަކަށް އެތުރިގެން. އެ މީހުން އަންނަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަކީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަ ކުރަމުން.
ޔާމީން މާފުށިން މާލެ ގެންނަނީ
ރައީސް ޔާމީން މިހާރު ވަނީ މާފުށިން މާލެ ގެނައުމަށް ލޯންޗަށް އަރުވާފައި. ޔާމީން މާލެ ގެންނަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގް ކުރިމައްޗަށް.
ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރާތީ އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ރައީސް ޔާމީންގެ ގޭގެ ކުރިމައްޗަށް އެއްވެ އުފާފާޅުކުރަން ފަށައިފި. ޔާމީން ގެއަށް ބަދަލު ކުރާތީ އޭނާގެ ސަޕޯޓަރުން އަންނަނީ އުފަލުގެ ޝުއޫރުތައް ފާޅުކުރަމުން.