އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޔާމީން މިނިވަންކުރުމުގެ ވައުދު އަސްލު ވެސް ފުއްދުނީތަ؟
މުހިންމު ނުކުތާތައް
ރައީސް މުއިއްޒު އަކުރުން އަކުރަށް ވިދާޅުވެފައި އޮތީ ޔާމީން އެކީއެކަށް މިނިވަންކޮށްދެއްވާނޭ ކަމަށް
ޔާމީންގެ އިސްތިއުނާފު މައްސަލަ ހުކުމާ ހަމައިގައި އޮތަސް ހުކުމް ކުރުމުގެ އަޑުއެހުން ނުބޭއްވި އެތައް މަހެއް
ޔާމީން އާއި މުއިއްޒު ބައްދަލުނުކުރައްވަން ސަރުކާރުން ދައްކާ ހުއްޖަތުގައި މާ ބޮޑު ބުރަދަނެއް ނެތް
މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮށް ކުރި އެއް ސުވާލެއް އޮތެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދު މިހާރު ފުއްދުނީ ހެއްޔެވެ؟
ރައީސް އޮފީހުގެ އޭރުގެ ތަރުޖަމާން މުހައްމަދު ޝަހީބު އެ ހުރިހާ ސުވާލަކަށް އެ ދުވަހު ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވުމުން އެމަނިކުފާނު އެ ވައުދު މިހާރު ފުއްދިފައިވާ ކަމަށެވެ.
ވައުދު ފުއްދުނު ކަމަށް ތަރުޖަމާން އެހެން ވިދާޅުވި ނަމަވެސް މިއަދާ ހަމަޔަށް ވެސް ޔާމީން އަދި ވެސް އެ ހުންނެވީ ޖަލު ހުކުމެއްގަ އެވެ. އެ ހުކުމުން ސަލާމަތްވެވަޑައިގަތުމަށް ހައި ކޯޓުގައި ކުރި އިސްތިއުނާފުގެ މައްސަލަ ހުކުމަކާ ހަމަޔަށް ގޮސްފައިވީ ނަމަވެސް ހުކުމެއް ނުކޮށް އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މީގެ އިތުރަށް އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެހެން މައްސަލަ އެއްވެސް ކްރިމިނަލް ކޯޓުގައި އަދި އެބަ އޮތެވެ.
ޝަހީބު ވިދާޅުވި ގޮތުން ނަމަ، ޕީޕީއެމް/ޕީއެންސީގެ ލީޑަރު ޔާމީންއާ ގުޅޭގޮތުން، އެ ކޯލިޝަންގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގަތް ރައީސް މުއިއްޒު ވެވަޑައިގަތް ހަމައެކަނި ވައުދުފުޅަކީ ޔާމީން ގެއަށް ބަދަލުކުރެއްވުމެވެ. އަދި އެއަށް ފަހު ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމެވެ. އެ ދެ ކަންތައް ވެސް މިހާރު ވަނީ ފުއްދަވާފައި ކަމަށް ޝަހީބު ވިދާޅުވި އެވެ.
"އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވެވަޑައިގެން ވައުދު އެއޮތީ ފުދިފައި، ދެން ތިޔަ ކުރައްވާ ސުވާލަކީ ކޮން އިރަކުންހޭ ރައީސް ޔާމީން މިނިވަންވާނީ؟ އެއީ ޖުޑިޝަރީތެރޭގައި އޮތް ކަމެއް. ސަރުކާރަކުން އޭގެތެރެއަށް ނުވަންނާނެ ވާހަކަ މިދެންނެވީ،" ޝަހީބު ވިދާޅުވި އެވެ.
އެ ވާހަކަތަކާ އެކު ޔާމީންގެ ސަޕޯޓަރުން ބުނީ ތަރުޖަމާން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. ހުރިހާ ޖަލު އަދަބަކުން ޔާމީން އެކީ މިިނިވަންކުރެއްވުމަކީ ރައީސް މުއިއްޒު ވެވެވަޑައިގަތް ވައުދެއް ކަމަށް އެ މީހުން ބުންޏެވެ. ޔާމީންގެ ސަޕޯޓަރުން ދެކޭ ގޮތުގައި ޔާމީނަށް ސަޕޯޓްކުރަމުން ދިޔަ އެތައް ރައްޔިތުންނެއް ރައީސް މުއިއްޒުއަށް ވޯޓްލީ ޔާމީން މިނިވަން ކުރައްވާނެ ގޮތެއް ހޯދުމުގެ ޒިންމާ މިހާރުގެ ރައީސްއާ މަތިކޮށްފަ އެވެ.
ރައީސް މުއިއްޒު ވައުދުވީ ކޮންކަމަކަށް؟
"ކޮންމެ ގޮތެއް ވިޔަސް، އަޅުގަނޑުމެންނާ ވެރިކަން ހަވާލުވާ ދުވަހު އެންމެ ފުރަތަމަ ކަމަކަށް ވެސް (އެހާ ތަނަށް އެމަނިކުފާނު ގެއަށް ނުގެނެސް ބަހައްޓައިފި ނަމަ) އަޅުގަނޑު ފުރަތަމަ [ރައީސް ޔާމީން ގެއަށް] ގެންނާނަން. މާނައަކީ އިއްޔެ ފެށި މަސައްކަތް އިތުރަށް ގިއަރު މަތިކުރަމުން ގޮސް، ކާމިޔާބުކޮށް އެ މަނިކުފާނު މިނިވަން ކުރާނަމޭ،" ޕީޕީއެމް-ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސްއަށް ފޯމު ހުށަހެޅުއްވުމަށް ފަހު ވާހަކަ ދައްކަވަމުން 7 އޮގަސްޓް 2023ގައި މުއިއްޒު ވިދާޅުވި އެވެ.
އޭރު ބުނެފައިވާ މި އިބާރާތުގައި އޮތީ ޔާމީން ގެއަށް ބަދަލުކުރުމާ އެކު، ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް "ޔާމީން މިނިވަން ކުރާނަމޭ" އެވެ. ގެއަށް ބަދަލު ކުރެއްވުމަކުން އެ މަސައްކަތް ހުއްޓާލައްވާނެ ވާހަކައެއް ވިދާޅެއް ނުވެ އެވެ. އެހެން ކަމުން ޔާމީންއާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވީ ވައުދު ފުއްދުނު ކަމަށް ބުނެވޭކަށް އަދި ނެތެވެ.
-
އިތުރަށް ކިޔާލަން - ވެރިކަން ލިބޭ ދުވަހު ޔާމީން ޖަލުން މިނިވަން ކުރާނަން: މުއިއްޒު
އޭގެ ފަހުން ރިޔާސީ ކެމްޕެއިންނަށް އަތޮޅުތަކަށް ފުރާވަޑައިގަތުމުގެ ކުރިިން 'ދައުރު' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވެސް މި ވައުދުފުޅާ ގުޅޭގޮތުން ރައީސް އިތުރަށް ވާހަކަ ދެއްކެވި އެވެ. ޔާމީން މިނިވަން ކުރައްވާނެ ގޮތަކީ ކޮބައިތޯ މުއިއްޒުއާ ސުވާލުކުރުމުން އެކަމުގެ ތަފްސީލަށް ވެސް އެމަނިކުފާނު ވަޑައިގެންފައިވެ އެވެ.
ޝަރުއީ ދާއިރާގައި އޮތް ނުފޫޒު ނައްތާލައިގެން ޔާމީން މިނިވަން ކުރާނެ ގޮތުގެ ތަފްސީލުތައް އެ ދުވަހު ވިދާޅުވެ ދެއްވި އެވެ. ރައީސް އެ ދުވަހު ވިދާޅުވީ ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ފަހު ދެން އޮންނާނީ ޝަރުއީ ދާއިރާ އިން ރައީސް ޔާމީނަށް ހައްގު ހޯދައިދިނުން ކަމަށެވެ.
"އެކަން ކުރާނީ ގާނޫނީ ހަމަަތަކުގެ މަތިން ދައުލަތުގެ އިސްވެރިޔާއަށް ލިބެން އޮންނަ ފުރުސަތެއްގެ ތެރެއިން [ޝަރުއީ ދާއިރާގައި] ދެންނެވެން އޮތް ވަރަކަށް ދެންނެވުމޭ. ވަކި ގޮތަކަށް ނިންމާކަށް ނުދެންނެވޭނެ. މިނިވަންކަމާ އެކީ ޖުޑީޝަރީ އޮންނާނީ. އެހެން ނަމަވެސް، އަދުލުވެރި، އިންސާފުވެރި ގޮތަކަށް އެ ކަމުގައި ގޮތެއް ނިންމުމަށް ދެންނެވޭނެ،" މިދިޔަ އަހަރުގެ އޮގަސްޓު 26ގައި ކެމްޕެއިނަށް ފުރާވަޑައިގަތުމުގެ ކުރިން ދައުރަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވި އެވެ.
ޝަހީބު އެ ވިދާޅުވި ގޮތަށް މުއިއްޒު ޔާމީންއާ ގުޅޭގޮތުން ވީ ވައުދުގައި ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ނައްތާލުމާ ބެހޭ ގޮތުން ވާހަކަދެއްކެވި އެވެ. އެކަމަކު، ހަމައެއާ އެކު ވެސް ރައީސެއްގެ ހައިސިއްޔަތުން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރެއްގެ ބޭނުން ކުރައްވައިގެން ޔާމީން މިނިވަން ކުރައްވާނެ ވާހަކަ ވެސް ވިދާޅުވެފައި އެބައޮތެވެ.
ރައީސް އެ ދުވަހު ވިދާޅުވި ގޮތަށް ޔާމީންގެ މައްސަލައިގެ ހުކުމް ނައިސް ދިގު ދެމިގެން ދާއިރު ވެސް އެ މައްސަލައިގައި މިހާތަނަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒު އެއްވެސް އިދާރާއެއްގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
އެެހެންވީމާ ޔާމީން ގެއަށް ބަދަލުކުރެވިފައި ހުރުމާއި، ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް މިހާރު ނޯންނާނޭ ބުނުމަކުން، ޔާމީންއާ ގުޅޭގޮތުން ރައީސް މުއިއްޒު ވެވަޑައިގަތް ވައުދުފުޅު ފުދިއްޖެ ކަމަކަށް އަދި ބުނެވޭކަށް ނެތެވެ. އެކަމަށްޓަކައި ރައީސް މުއިއްޒު ވެވަޑައިގަތް ވައުދުފުޅަކީ ހަމައެކަނި ޔާމީން ގެއަށް ބަދަލުކުރެއްވުމާއި ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ނައްތާލުމަކުން ނިންމާލައިގެން ހުންނަވަން ވެވަޑައިގަތް ވައުދުފުޅެއް ނޫންކަން އެ މަނިކުފާނުގެ ކެމްޕޭން ވައުދުތަކުން ސާފުވެ އެވެ.
ޕީޕީއެމް-ޕީއެންސީން ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެންމެ ބޮޑަށް ވިއްކީ ޔާމީން ހުންނެވީ ނުހައްގު ޖަލު ހުކުމެއްގައި ކަމާއި އެ އަދަބުން އެމަނިކުފާނު އެކީ ވީއްލައި ދޭނެ ކަމަށެވެ.
ޔާމީންގެ ސަޕޯޓަރުން ބުނަނީ އެ މީހުން އުންމީދު ކުރީ ކުރީގެ ސަރުކާރުތައް ބަދަލުވީ ދަނޑިވަޅުގައި ހުކުމްތަކުގައި ތިއްބެވި ސިޔާސީ މީހުން މިނިވަންވެގެން ދިޔަ ފަދައިން ރައީސް މުއިއްޒަށް ގާނޫނުގެ ތެރެއިން ލިބިވަޑައިގަންނަވާ މާފުދިނުމުގެ ބާރުގެ ތެރެއިން ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ.
އެކަމަކު، އެވެސް ގާނޫނީ ބަހުސެއް ވެސް އޮތް ކަމެކެވެ. އެކަމަކު، މިހާތަނަށް މާފުދިނުމުގެ ބާރު ރައީސުން ބޭނުން ކުރައްވާފައި އޮތް ގޮތުން އެއީ ނުކުރެވޭނޭ ކަމެއް ވެސް ނޫނެވެ.
ޔާމީންއާ ބައްދަލުނުކުރެއްވުމުގެ އުޒުރު
މިދިޔަ ހަފްތާގެ ނޫސް ކޮންފަރެންސްގައި އޭރުގެ ތަރުޖަމާން އެހެން ވާހަކަފުޅެއް ވެސް ވިދާޅުވި އެވެ. ރައީސް މުއިއްޒު އާއި ޔާމީން ބައްދަލު ނުކުރައްވަން ދެއްކެވި ހުއްޖަތެވެ. ވިދާޅުވީ، "ކަރެކްޝަންސްއިން ޔާމީން އާއި އެކި ފަރާތްތަކާ ބައްދަލުކުރުން މަނާކޮށްފައި އޮއްވާ ރައީސް، ޔާމީންއާ ބައްދަލުކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ރައީސް ދެކެވަޑައި ނުގަންނަވާ" ކަމަށެވެ.
ކަރެކްޝަންސްއިން އެ ހުއްދަ ޔާމީންއަށް ނުދެއްވަނީވެސް ރައީސް، ޔާމީންއާ ބައްދަލުނުކުރައްވާނޭ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެ 'ބަހަނާ' އަކީ ހަގީގަތާ ވަރަށް ދުރު ވާހަކަ އެކެވެ.
ކަރެކްޝަންސް އިން ޔާމީންއަށް ބޭނުންވާ ލުއިއްތައް ދިނުމާއި ނުދިނުމުގެ ހުރިހާ ބާރެއް އޮތީ ހަގީގަތުގައި ރައީސް މުއިއްޒުގެ އަތްޕުޅުގަ އެވެ. ކަރެކްޝަންސް އަކީ އެމަނިކުފާނުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާއެކެވެ. އެ މުއައްސަސާ ހިނގާނޭ ގޮތުގެ ހުރިހާ ކޮމާންޑެއް ކުރައްވަނީ ރައީސްގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރެވެ.
-
އިތުރަށް ކިޔާލަން - ރައީސް މުއިއްޒު ޔާމީންއާ ބައްދަލުނުކުރަނީ މަނާކަމެއްވީމަ: ޝަހީބު
ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. ޔާމީން މިނިވަންކުރުމަށް ރައީސް މުއިއްޒު ވެވަޑައިގަތް ވައުދު އަދި ނުފުދޭ ކަމެވެ. އެމަނިކުފާނު އޭރު ކެމްޕޭންގައި އެ ވާހަކަ ދެއްކެވި ރޫހާއި ޖޯޝާއި ފޯރިއާ ގާތަށް ވެސް މި ސަރުކާރުން އެ ވައުދު ފުއްދުމަށް މަސައްކަތް ކުރާތީއެއް އަދި ނުފެނެ އެވެ. ހަގީގަތަކީ އެ ވައުދު ފުއްދުމަކީ ރައީސް މުއިއްޒަށް ވެސް އަދި ސަރުކާރުގެ މަސްލަހަތުގައި މި ވަތުގު އޮތް ކަމެއް ކަމެއް ކަމަކަށް ވެސް ހުދު ރައީސްގެ އަމަލުތަކުން ނުފެން ކަމެވެ.
ކޮމެންޓް (1)
ސޭކުސްތާން