ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވެރިކަން ލިބޭ ދުވަހު ޔާމީން ޖަލުން މިނިވަން ކުރާނަން: މުއިއްޒު

މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުވުމާ އެކީ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހަށް ދެންނެވުން ކަމަށް

ރިޔާސީ އިންތިހާބު ކާމިޔާބުވެ، ރައީސް ކަމަށް ވަޑައިގަންނަވާ ދުވަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުން ކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލޭގެ މޭޔަރު މުއިއްޒު އެހެން ވިދާޅުވީ، އޭނާގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަަހެޅުއްވުމަށް ފަހު، އޭނާގެ މައި ކެމްޕޭން ޓީމާ އެކު ޕީޕީއެމް-ޕީއެންސީގެ އޮފީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ ވީޑިއޯތަކެއް 'ދައުރު'އަށް ވަނީ ފެނިފަ އެވެ.

ބުނީ ކީކޭ؟ - މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުވުމާ އެކީ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުން ކަމަށެވެ.

"ދެ ވަނަ ބުރަކަށް ދަންޏާ ދެ ވަނަ ބުރުގައި ކާމިޔާބުވެ، ފުރަތަމަ ޕޯޑިއަމްއަށް އަރާ، ފުރަތަމަ އަޅުގަނޑު ދައްކާނެ ވާހަކަ އަކީ ވެސް، މިހާރު ހުރި ރައީސްއަށް ގޮވާލުން މިހާރުން މިހާރަށް އެ މަނިކުފާނު [ރައީސް ޔާމީން] ގެއަށް ގެންނަން،" މުއިއްޒު ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް، އަޅުގަނޑުމެންނާ ވެރިކަން ހަވާލުވާ ދުވަހު އެންމެ ފުރަތަމަ ކަމަކަށް ވެސް (އެހާ ތަނަށް އެމަނިކުފާނު ގެއަށް ނުގެނެސް ބަހައްޓައިފިނަމަ) އަޅުގަނޑު ފުރަތަމަ [ރައީސް ޔާމީން ގެއަށް] ގެންނާނަން. މާނައަކީ އިއްޔެ ފެށި މަސައްކަތް އިތުރަށް ގިއަރު މަތިކުރަމުން ގޮސް، ކާމިޔާބުކޮށް އެ މަނިކުފާނު މިނިވަން ކުރާނަމޭ."

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މާލޭގެ މޭޔަރު މުއިއްޒު މިއަދު ފޯމް ހުށަހަޅުއްވަނީ: އޭނާއަށް ތާއީދު ކުރައްވަން ޔާމީން ވަނީ ނިންމަވާފައި. (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

އެނގުން މުހިންމު - ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ވަޑައިގަތް ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މަސައްކަތް ކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން ވެސް ނިންމީ ޔާމީންއާ ދެކޮޅަށެވެ. އެ މައްސަލަ ނުނިމެނީސް، ބެކްއަޕް ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން މުއިއްޒު ކަނޑައެޅީ އެ ޕާޓީން ކެންޑިޑޭޓަކު ކަނޑައެޅުމަށް ޔާމީން އެންގެވުމުން ނެގި ވޯޓަކުުންނެވެ.

މުއިއްޒުގެ ކެންޑިޑެސީ ފޯމް މިއަދު ހެނދުނު ހުށަހެޅުއްވިއިރު، ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މުއިއްޒަކީ ތިން ވަނަ ޗޮއިސް ކަމަށް ވެސް ޕީޕީއެމްއިން އެންމެ ފުރަތަމަ ބުންޏެވެ. އެގޮތުން:

  • ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެ މަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހަޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުން އޮތް ދުވަހަށް ފަހު، ޕީޕީއެމްގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވި

  • ޔާމީން އެންމެ ފަހުން ގޮތް ދޫކުރައްވައި މިއަދު ހެނދުނު މުއިއްޒުއަށް ތާއީދުކުރެއްވި ނަމަވެސް، ޔާމީނަށް ވާދަނުކުރެއްވޭނެކަން ސުޕްރީމް ކޯޓުން އިއްޔެ ޔަގީން ވުމުން، ޔާމީން އެންމެ ފުރަތަމަ އެންގެވީ ޕީޕީއެމްއިން އިންތިހާބު ބޮއިކޮޓް ކުރުމަށް 

  • ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ޔާމީންގެ އެ އެންގެވުމާ ދެކޮޅަށް އިންތިހާބުގައި ވާދަކުރަން ނިންމުމުން ޔާމީން ވަނީ އެކަމާ ވެސް ރޭ ދެކޮޅު ހައްދަވާފައި

  • ޔާމީން ގޮތް ދޫކުރައްވައި މުއިއްޒަށް ތާއީދުކުރައްވަން ނިންމެވީ މިއަދު، ލީޑަޝިޕްގެ ބޭފުޅުން ޔާމީންއާ އިތުރަށް ވާހަކަދެއްކެވުމުން

ކޮމެންޓް (2)

އައްޑާ

7 އޯގަސްޓު 2023
ބަލަގަ މޭޖަރޫ. ހޮޅި ވާހަކަ ނުދައްކަވާ. ކުށުގެ ވަކިވަރެއް ނިމިގެން އަފުއާމެއް ދެވުނަސް ދެވޭނީ. ނޫނީ ކޯޓުން ގެއަށް ފޮނުވޭނީ. ކޯޓުގެ ކޮންޓްރޯލެއް އަދި މޭޖަރަށް ލިބުނު ދުވަހަކުން ތިކަންވާނީ. ލޮޖިކަލް ވާހަކައެއް ދައްކަބަލަ
2 1

ޕްރެސިޑެންޓް

7 އޯގަސްޓު 2023
ނުކުރާނެ، ތިޔައީ މިނިކާ ބާޒެއް، އަހަރުމެން ވޯޓް އެއް ނުދޭނަން
2 6

އިތުރު އާޓިކަލް

އިތުރު އާޓިކަލް