ކުރީގެ ރައީސް ޔާމީން މިދިޔަ އަހަރުގެ ޑިސެމްބަރުތެރޭ ގެއަށް ބަދަލުކުރިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީންއާއެކު މުއިއްޒު(ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ރައީސް މުއިއްޒު، ޔާމީންއާ ބައްދަލު ނުކުރައްވަނީ ކަރެކްޝަނުން މަނާކޮށްފައި އޮތުމުން: ޝަހީބު

ޝަހީބު ވިދާޅުވީ، ޔާމީންއާ ގުޅޭގޮތުން ރައީސްވީ ވައުދު މިހާރު އޮތީ ފުދިފައި ކަމަށް، އަދި ޔާމީންއަށް އިތުރު ލުއިތައް ލިބުމުން ނޫނީ ރައީސް މުއިއްޒު ޔާމީންއާ ބައްދަލު ނުކުރައްވާނެ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރައްވަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެން ވައުދުފުޅު އޮތީ ފުއްދަވާފައި ކަމަށާއި އެ މަނިކުފާނު ޔާމީންއާ ބައްދަލު ނުކުރައްވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ސިޔާސީ މީހުންނާއި ބައްދަލުކުރުން ކަރެކްޝަނުން މަނާކޮށްފައި އޮތުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޝަހީބް މިހެން ވިދާޅުވީ ރައީސް މުއިއްޒު މިހާތަނަށް ޔާމީންއާ ބައްދަލުކުރައްވާ އެއްވެސް މަޝްވަރާއެއް ކުރައްވާފައިވޭތޯ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރެއްވުމުންނެވެ.

ބުނީ ކީކޭ؟ - ޝަހީބް ވިދާޅުވީ، ޔާމީންއަކީ މިވަގުތު ޝަރުއީ ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމުން ސިޔާސީ ބޭފުޅުންނާއި ބައްދަލުކުރައްވައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގައި ހިފެހެއްޓުންތަކެއް އޮންނަން ޖެހޭނެކަން ކެރެކްޝަނުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ގެއަށް ބަދަލުކޮށް ލުއިތަކެއް ދެއްވީ އެ ޝަރުތުތައް ކޮށްފައި ކަމުން، އެކަންކަމަށް ލުއި ނުލިބެނީސް، ޔާމީންއާ ބައްދަލުކޮށް މަޝްވަރާތައް ކުރަން ރައީސް މުއިއްޒު ބޭނުންފުޅުނުވާ ކަމަށް ޝަހީބް ވިދާޅުވި އެވެ.

"އެ ކަންތައް އެހެން އޮއްވައި، ރަައީސް ޔާމީންއާ ބައްދަލުކުރައްވާ، ނުވަތަ މަޝްވަރާ ކުރައްވާ ނުވަތަ ފޯނުން ވިޔަސް އެކަހަލަ ކަމެއް ކުރެއްވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި [ރައީސް މުއިއްޒު] ދެކެވަޑައެއް ނުގަންނަވާ. އެހެންވީމަ އެ ލުއިތައް ލިބިގެން ނޫނީ ޑރ. މުއިއްޒު އެކަމެއް ނުކުރައްވާނެ،" ޝަހީބް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު. (ފޮޓޯ/ރައީސް އޮފީސް)

ޔާމީން މިނިވަންކުރުމާ ބެހޭގޮތުން ރައީސް ވެލައްވާފައިވާ ވައުދު ފުއްދުމާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީބު ވިދާޅުވީ:

  • ޔާމީން މިނިވަންކުރުމާ ބެހޭގޮތުން ރައީސް ކެމްޕެއިންތެރޭގައި ވެލެއްވި ވައުދު އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހު ފުއްދަވާފައިވާ ކަމަށް 

  • މިދިޔަ ސެޕްޓެމްބަރުގައި އޮތް އިންތިހާބު ކާމިޔާބު ވުމާއެކު، ރައީސް މުއިއްޒު، މިދިޔަ ސަރުކާރުގައި ދަންނަވައިގެން ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފައިވާކަން ޝަހީބު ފާހަގަ ކުރެއްވި 

އޭނާ މިއަދު ވިދާޅުވި ގޮތުން ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ޔާމީންއާ ގުޅޭގޮތުން ވެވަޑައިގެންނެވީ ދެ ވައުދެކެވެ. އެގޮތުން ވިދާޅުވީ: 

  • ޔާމީންއަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމުން ވެރިކަން ލިބިވަޑައިގެންފިނަމަ ޔާމީން ގެއަށް ބަދަލު ކުރައްވާނެ ކަމަށް؛ އިންތިހާބު ކާމިޔާބު ވުމާއެކު މިދިޔަ އޮކްޓޫބަރު 1ގައި ޔާމީން ގެއަށް ބަދަލުކުރެއްވި

  • ޔާމީންއަށް ކޮށްފައިވާ ހުކުމަކީ ޝަރީއަތް ތެރެއަށް އަތްބާނައިގެން ކޮށްފައިވާ ހުކުމެއް ކަމުން ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނާނެ ކަމަށް؛ ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން އެހާ ހިސާބުން ހުއްޓުމަކަށް ގެނައީ ކަމަށ ވިދާޅުވި

"އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވެވަޑައިގެން ވައުދު އެއޮތީ ފުދިފައި، ދެން ތިކުރައްވާ ސުވާލަކީ ކޮން އިރަކުންހޭ ރައީސް ޔާމީން މިނިވަންވާނީ؟ އެއީ ޖުޑިޝަރީތެރޭގައި އޮތް ކަމެއް. ސަރުކާރަކުން އޭގެތެރެއަށް ނުވަންނާނެ ވާހަކަ މިދެންނެވީ،" ޝަހީބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެނގުން މުހިންމު - ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ޝަރުއީ ދާއިރާ މިިނިވަން ކުރާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން، އެ ޕާޓީގެ އޭރުގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަންވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް މުއިއްޒު ކެމްޕެއިންތެރޭގައި ތަކުރާރުކޮށް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހާރު ހުއްޓާލާފައި ވާތީ، ރައީސް ޔާމީން މިނިވަންކުރުމަށް ވީ ވައުދު ފުދިފައިވާ ކަމަށް މިއަދު ސަރުކާރުން ބުނިއިރު، ދެ ކޯޓެއްގައި ޔާމީންއާ ގުޅިގެން ކުރިއަށްދާ ޝަރީއަތްތައް އޮތީ މަޑުޖެހިފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި އޮތް ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ނުބާއްވާތާ ހަތަރު މަހަށްވުރެ ގިނަދުވަސް މިހާރު ވަނީ ވެފަ އެވެ. އަދި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ނިމިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވީއިރު  އެ މައްސަލާގައި ވެސް އަދި ހުކުމެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް