މާރުކޭޓު މަސައްކަތުގެ އެއްބަސްވުމުގައި، ޓްރަސްޓެން މޯލްޑިވްސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން، ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް މިދިޔަ މާޗުމަހު ސޮއިކުރައްވަނީ(ފޮޓޯ/ހައުސިން މިނިސްޓްރީ)

މަސް މާރުކޭޓު

މާރުކޭޓު އަޅަން ބިން ދިނުމަށް ކުންފުނީގެ ގާބިލުކަން ވެސް ބަލަންޖެހޭ، އެ ލިއުން ވެސް މިނިސްޓްރީން ނުދިން: ކައުންސިލް

މާރުކޭޓު މަސައްކަތަށް ބިން ހަވާލުކޮށްދިނުމަށް ހައުސިން މިނިސްޓްރީން ތަކުރާރުކޮށް ސިޓީ ފޮނުވަމުންދާ ކަމަށް؛ އެކަމަކު އެކަމަށްޓަކައި ބޭނުންވާ ލިޔެކިއުންތައް ހިއްސާކުރަން އެދި ކައުންސިލުން ފޮނުވާ އެއްވެސް ސިޓީއަކަށް މިނިސްޓްރީން ޖަވާބުނުދޭކަމަށް ބުނި
1 ގަޑިއިރު ކުރިން

މަސްމާރުކޭޓު ބިން ހަވާލުކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެދެމުންދަނީ، ބިން ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގާނޫނީ ކަންކަން ފުރިހަމަ ނުކޮށް ކަމަށާއި އޭގެތެރޭގައި މަސައްކަތްކުރާ ކުންފުނީގެ ގާބިލުކަން ކަށަވަރުކުރުމަށް ކޮންމެހެން ހުށަހަޅަންޖެހޭ ލިޔެކިއުންތައް ފޮނުވުމަށް ތަކުރާރުކޮށް އެދުމުން ވެސް މިނިސްޓްރީން އެއްބާރުލުންދީފައިނުވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާރުކޭޓު އަޅަން ހަދާފައިވާ ކުރީގެ ދެ އެއްބަސްވުމެއް އޮތް ކަމަށް ކައުންސިލުން ބުނެފައިވަނިކޮށް، މިހާރު ލޯކަލް މާރުކޭޓް ހުރި ބިމުގައި 'މާލޭ ވެޓް މާރުކޭޓް ކޮމްޕްލެކްސް' ނަމުގައި އެތަން ތަރައްގީކުރަން އިތުރު ބަޔަކާ އެކު މި ސަރުކާރުން ވަނީ މިދިޔަ 15 މާޗުގައި އެއްބަސްވުމެއް ހަދާފަ އެވެ.

ޖުމްލަ 126.3 މިލިއަން ރުފިޔާއަށް މި މަސައްކަތް މިފަހަރު ހަވާލުކުރީ، 'ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ' އެވެ. މި ކުންފުންޏަށް އެއްވެސް ވިޔަފާރިއެއްގެ ލައިސެންސް ސަރުކާރުން ދީފައި އޮތް ކަމަކަށް ބިޒްނަސް ޑައިރެކްޓަރީއަކުން ނުދައްކަ އެވެ. އެ ނަމުގައި އެއްވެސް ވިޔަފާރިއެއް ވެސް ރަޖިސްޓްރީކޮށްފައި އޮތް ކަމުގެ މައުލޫމާތެއް ނެތެވެ.

ބުނީ ކީކޭ؟ - މާލެ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާރުކޭޓު މަސައްކަތަށް ބިން ހަވާލުކޮށްދިނުމަށް ހައުސިން މިނިސްޓްރީން ތަކުރާރުކޮށް ސިޓީ ފޮނުވަމުންދާ ކަމަށެވެ. ހަމައެއާ އެކު، އެ ބިން ހަވާލުކޮށްދިނުމަށް އެދި މިހާރު ފިޝަރީޒް މިނިސްޓްރީން ވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، މިނިސްޓްރީން މި ސިޓީތައް ފޮނުވާފައިވަނީ، އެ މަޝްރޫއު ކުރިން ހަވާލުކޮށްފައިވާ ދެ ބަޔަކާ އެކު ހަދާފައިވާ އެއްބަސްވުންތަކެއް އޮތުމުން، އެކަންކަން ހައްލުކުރަން މީގެ ކުރިން ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ނުދީ އޮތުމަށް ފަހު ކަމަށެވެ.

ބިން ހަވާލުކުރުމުގެ ކުރިން ބަލަންޖެހޭ އެހެނިހެން ކަންކަން ވެސް ހުރުމުން، އެކަންކަން ސާފުކޮށްދިނުމަށް އެދި ފޮނުވި ސިޓީތަކަށް ވެސް މިހާތަނަށް ޖަވާބެއް ދީފައިނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އެ މާރުކޭޓު ނިމުމުން، މާރުކޭޓު ބެލެހެއްޓުން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރަން އެދިވެސް އެ މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އެކަމަކު މާރުކޭޓުތައް ބެލެހެއްޓުމަކީ ކައުންސިލުތަކުގެ ޒިންމާއެއް ކަމަށް ލާމަރުކަޒީ ނިޒާމު ބުނާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން، އެކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާ ބައްދަލުކޮށް ވާހަކަދެއްކުމުން، އެކަމުގައި އިސް ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ޖަވާބެއްދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެކަމަކު އަދި ޖަވާބެއް ނުލިބޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެހެންވީމާ، ގާނޫނާއި އިމުގެ ތެރެއިން ނޫނިއްޔާ މިތާގައި އަޅުގަނޑުމެންނަކަށް އަމަލެއް ނުކުރެވޭނެ. އެއީ ކޮންމެ މީހަކު ބުންޏަސް ގާނޫނާ ހިލާފަށް މިތާގައި އަޅުގަނޑުމެން އަމަލެއް ނުކުރާނަން،" އާޒިމް ވިދާޅުވި އެވެ.

ގާނޫނުތަކާއި ހަވާލާދީ އާޒިމް ވިދާޅުވީ:

  • މަޝްރޫއެއް ހަވާލުކުރުމުގެ ކުރިން ކައުންސިލާއި މަަޝްވަރާކުރަންޖެހޭނެ

  • އޭގެތެރޭގައި މަޝްރޫއުގެ ތަފްސީލީ ކުރެހުންތައް ކައުންސިލަށް ފޮނުވަންޖެހޭ؛ ތަކުރާރުކޮށް އެދުމުން ވެސް އެ ތަފްސީލެއް މިހާތަނަށް ނުފޮނުވާ

  • މަޝްރޫއު ހަވާލުކޮށްފައިވާ ފަރާތަކީ އެ މަޝްރޫއަށް ގާބިލު ފަރާތެއްކަން ކަށަވަރުކުރިގޮތް ކައުންސިލާއި ހިއްސާކުރަންޖެހޭނެ؛ އެކަމާގުޅޭ ލިޔެކިއުންތައް ވެސް ހިއްސާއެއްނުކުރޭ

  • މަޝްރޫއު ހިންގަން ބިން ހަވާލުކުރަނީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ކަމަށްވާތީ އެއްބަސްވުމުގެ ކޮޕީ ވެސް ކައުންސިލަށް ލިބެންޖެހޭނެ

  • މަޝްރޫއު ނިމުމުން ބިން ބެލެހެއްޓުމަށް ޕްލޭންކުރެވިފައިވާ ގޮތެއް ވެސް ކައުންސިލަށް އެނގެންޖެހޭނެ

  • މިގޮތަށް މިކަންކަން ގާނޫނާއި ގަވާއިދުތަކުގައި ތަރުތީބުކޮށްފައިވަނީ ސަބަބުތަކެއް ހުރެގެން

  • މި ގަވާއިދުތަކަށް ނުބަލައި ކައުންސިލުން މީގެ ކުރިން ވެސް އެއްބަސްވުންތައް ހަދާފަ ހުރުމުން މަޝްރޫއުތައް ނުހިނގައިގެން އުޅޭކަން އޮޑިޓުން ފާހަގަކުރެވޭ

  • ދެންވެސް މި ގަވާއިދުތަކުގައިވާ ތަރުތީބުތަކުގެ ދަށުން ލިޔެކިއުންތައް ހިއްސާނުކުޜާ ނަމަ މަސައްކަތްތައް ނުހިގައި އަނެއްކާ ވެސް އިތުރު އަހަރުތަކެއް ހިނގައިދާނެ

"އެހެންވީމާ މިހުރިހާ ކަމެއް ބަލައި ތަފްސީލުތައް ލިބިގެން ނޫނީ އަޅުގަނޑުމެންގެ ބިމެއް އަސްލު ހަވާލުކުރުމަކީ ކައުންސިލުން ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށް ރައްޔިތުން ބުނާނީ ފަހުން. އަޅުގަނޑުމެން ވާނީ މި ތަފްސީލުތައް ހިއްސާކޮށްދެއްވުމަށް އެދި މިނިސްޓަރު މުއްތަލިބަށް ސިޓީވެސް ފޮނުވާއި،" އާޒިމް ވިދާޅުވި އެވެ.

"މީގެ އެއްވެސް އެއްޗަކަށް ޖަވާބުވެސް ނުދެއްވާ މިބޭފުޅުން މިކަން މިކުރައްވަނީ. އެހެންވީމާ އަޅުގަނޑުމެންނަށް ގާނޫނާއި ހިލާފަށް ކަންކަމެއް ނުކުރެވޭނެ. އެހެންވީމާ ބިން ހަވާލުނުކުރެވިގެން އުޅޭ ސަބަބަކީ މިއީ އަސްލު،"

މަޝްވަރާނުކުރެވޭ މައްސަލަ ހައްލުކުރަން އެލްޖީއޭންވެސް އެއްބާރުލުމެއް ނުދޭ

ކުރީގެ ދެ އެއްބަސްވުންތަކާބެހޭގޮތުން އާޒިމް މިއަދު ވިދާޅުވީ:

  • ކުރީގެ ދެ އެއްބަސްވުން އަދިވެސް އޮތީ ބާތިލުނުވެ

  • އެ ދެ އެއްބަސްވުމުގެ ތެރެއިން އެއް އެއްބަސްވުމުގައި ހިމެނޭ ފަރާތުން އެ އެއްބަސްވުން ބާތިލުކުރުމަށް މައްސަލައެއް ނެތްކަމަށް ވަނީ އަންގާފައި

  • އެކަމަކު އެ އެއްބަސްވުމުގައި ވާގޮތުން ތިންވަނަ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން އެ މަޝްރޫއު ހިންގިދާނެ ކަމަށް ބަޔާންކުރާ މާއްދާއެއް އޮންނާތީ، ތިންވަނަ ފަރާތުން އެ މަޝްރޫއު ބާތިލުކުރާ ހާލަތުގައި ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަމެއްނެތް

  • އެ މަޝްރޫއު ބާތިލުކުރާ ހާލަތުގައި ތިންވަނަ ފަރާތުން ދައުވާ ނުކުރާނެ ކަމުގެ ލިޔުމެއްގައި ސޮއިކުރުމަށް އެ އެއްބަސްވުން ހަދާފައި އޮތް ފަރާތުގައި އެދިފައިވާނެ؛ އެކަމަކު އެކަމަށް އަދި އެއްބަސްވެފައެއްނުވޭ

  • އެހެންވެ، އެހާ އަވަސް އަރުވާލައިގެން ސަރުކާރުން އެކަން ކުރަން މި އެއްބަސްވުން ބާތިލުކޮށްފި ނަމަ، ދައުލަތާއި ކައުންސިލަށް އެތައް މިލިއަންގެ ގެއްލުމެއް ވުމުގެ ފުރުސަތު އެބައޮތް

މިފަދަ ގާނޫނީ މައްސަލަތަކެއް ހުރުމުން މިދިޔަ މަހުގެ 18ގައި ވެސް ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެކަމަކު އެ ސިޓީއަށް ވެސް ޖަވާބެއްދީފައިނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ. 

ފޮނުވާ ސިޓީތަކަށް ޖަވާބުނުދޭތީ ބައްދުލުކުރަން ދެ ފަހަރެއްގެ މަތިން ހައުސިން މިނިސްޓްރީއަށް ދިއުމުން ވެސް ބައްދަލުނުކޮށް، މިނިސްޓަރު އަބްދުﷲ މުއްތަލިބު ދޮގު ހައްދަވައި، ލިޔެކިއުމުން މުއާމަލާތުކުރަން އަންގާފައިވިޔަސް، ލިޔެކިއުމުން ކުރާ މުއާމަލާތަކަށް ވެސް އެ މިނިސްޓްރީން ޖަވާބެއް ނުދޭކަން އާޒިމް ފާހަގަކުރެއްވި އެވެ.

އެ މައްސަލަތައް ހައްލުކޮށްގެން ނޫނީ މާރުކޭޓު މަޝްރޫއަށް ބިން ހަވާލުކުރެވެން ނެތުމުން، ވީހާވެސް އަވަހަށް އެކަންކަން ހައްލުކުރަން މިނިސްޓްރީއާ އެކު މަޝްވަރާކުރަން ކައުންސިލުން ތަކުރާރުކޮށް މަސައްކަތް ކުރަމުންދާކަން އާޒިމް ފާހަގަކުރެއްވި އެވެ.

އެކަމަށް މިނިސްޓްރީން އެއްބާރުލުން ނުދޭތީ ދެ ފަރާތުން އެއްމޭޒަކަށް ގެނެސް، އެ މައްސަލަތައް ހައްލުކޮށްދިނުމަށް ކައުންސިލުތަކުގެ ބެލެނިވެރި ފަރާތް އެލްޖީއޭގައި އެދުމުން، އެ އޮތޯރަޓީން ވެސް އެކަމަށް ޖަވާބެއްދީފައިނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެހެންވީމާ މިކަމުގައި އޮތް ގާނޫނީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ކައުންސިލުން ހަމަ ހުރިހާ މަސައްކަތެއް އެބަ ކުރަން. އެ އެއްބަސްވުން މިއޮތް ގޮތަށް ތަންފީޒުކުރަން ދޫކޮށްލައިފި ނަމަ، ފަހުން އަންނާނެ މާލެ ކައުންސިލާއި މާލެ ކައުންސިލަރުން ބަލަންވީ ވަރަށް ނުބަލައި މިކަންކުރުމުގެ ސަަބަބުން ދައުލަތަށް ބޮޑު ގެއްލުމެއް ވެއްޖެޔޭ ކިޔާފަ އަންނާނީ،" އާޒިމް ވިދާޅުވި އެވެ.

"މިހާރު އޮތްގޮތުން އެ ތުހުމަތު އަޅުގަނޑުމެންނަށް އައުމަކީ އެކަށީގެންވާ ކަމެއްވީމާ މި ލަސްވެގެން މިދަނީ އެކަން ކުރުން. މާލެ ކައުންސިލުން މި [މާރުކޭޓު] މަޝްރޫއު ކުރިއަށް ގެންދިއުމަށް ލަސްވާނެ އެއްވެސް ކަމެއް ނުކުރާނަން،"

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް