މަސް މާރުކެޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަސްމާރުކޭޓު ހަދަން މިލިއަން ޑޮލަރުގެ 2 އެއްބަސްވުން: 'މާރުކޭޓު ނޭޅި، ބިން ވެސް ގެއްލިދާނެ'

މައްސަލަ ޖެހިގެން އުޅެނީ ފަހުން ހަދާފައިވާ 9.6 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި؛ މި އެއްބަސްވުން ހަދާފައިވަނީ ރައީސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށް މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްކޮށް އޮއްވާ

ލޯކަލް މާރުކޭޓަކާ އެކު ތަރައްގީކުރާ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓުގެ މަސައްކަތަށް މިލިއަން ޑޮލަރުގެ، ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާ ކަމަށާއި ފަހުން ހަދާފައިވާ އެއްބަސްވުން އޮތް ގޮތުން މާރުކޭޓުގެ މަސައްކަތް ހުއްޓި، އެ އިމާރާތް ވެސް ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާޒިމް މިހެން ވިދާޅުވީ، މަސްމާރުކޭޓު މަަޝްރޫއު ކުރިއަށް ނުދަނީ ކީއްވެގެންތޯ ވަރަށް ގިނަ މީހުން ސުވާލުކުރަމުންދާކަން ފާހަަގަކުރައްވައި އެކަން ސާފުކޮށްދެއްވަމުން، މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ.

ބުނީ ކީކޭ؟ - އާޒިމް ވިދާޅުވީ އެ މަޝްރޫއު މަޑުޖައްސާލާފައިވަނީ އެ މަސައްކަތް ހަވާލުކުރުމުގެ ދެ އެއްބަސްވުމެއް އެކުލަވާލައި މަސައްކަތް ހަވާލުކުރުމުގައި ހަދާފައިވާ ގޯސްތަކެއް ފާހަގަކުރެވިފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ މަސްމާރުކޭޓު ހަދަން ދެ އެއްބަސްވުން ހަދާފައި އޮތްއިރު، މަޝްރޫއު މަޑުޖެހިފައި އޮތީ އެ ތަނުން ރަނގަޅީ ކޮން އެއްބަސްވުމެއް ކަމެއް ވެސް ނޭނގޭތީ ކަމަށެވެ.

އެގޮތުން، އޭނާ ވިދާޅުވީ:

  • ފުރަތަމަ އެއްބަސްވުމުގެ އަގަކީ 6.1 މިިލިއަން ޑޮލަރު؛ މިއީ މޭޔަރުކަމުގައި ރައީސް މުހައްމަދު މުއިއްޒު ހުންނެވިއިރު ހަދާފައި އޮތް އެއްބަސްވުމެއް

  • ފުރަތަމަ އެއްބަސްވުން ވަރަށް ރަނގަޅަށް ގެންގޮސްފައި އޮތްކަން ފާހަގަކުރެވޭ؛ އެކަމަކު ކުދިކުދި މައްސަލަތައް އުޅޭ

  • ދެވަނަ އެއްބަސްވުމުގެ އަގަކީ 9.6 މިލިއަން ޑޮލަރު؛ މި ކޮންޓްރެކްޓު ހެދީ ކާކު ބުނެގެން ކަމެއް ވެސް އެނގޭކަށް ނެތް 

  • ދެވަނަ އެއްބަސްވުން ހަދާފައިވަނީ ރައީސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށް މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްކޮށް އޮއްވާ؛ އޭރު މޭޔަރުކަމުގެ ޒިންމާ އުފުއްލެވީ އޭރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

  • ފަހުގެ އެއްބަސްވުން ހަދާފައި އޮތީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް؛ އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކައުންސިލްގެ ވަކީލު އަލީ ނަސީރު

  • ދެވަނަ ފަރާތަށް އެއްބަސްވުން ލިބުނީ ކިހިނެއްކަން ވެސް އެނގޭކަށް ނެތް؛ ދެ އެއްބަސްވުމުގައި އޮތީ ވެސް އެއް ނަންބަރެއް

"މި ފައިސާ ނުދެއްކިއްޖެ ނަމަ މުޅި އިމާރާތް އެއްކޮށް އެ މީހުންނަށް [ކޮންޓްރެކްޓަރުން]ނަށް ލިބެނީ. އެ ތަނުގައި މަސްމާރުކޭޓެއް ވެސް ނޭޅޭނެ. އެ ތަނުގައި ލޯކަލް މާރުކޭޓެއް ވެސް ނޭޅޭނެ. މިހާރު ހުރި މަސްމާރުކޭޓައިގެން އަޅުގަނޑުމެން ކުރިއަށްދާ ގޮތަށް މިހާރު މިއޮތީ. މިއީ ވަރަށް ދެރަކޮށް ހިނގާފައި އޮތް ކަމެއް،" އާޒިމް ވިދާޅުވި އެވެ.

ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ތަރައްގީކުރުމަށް ނިންމީ ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު އެވެ. އެ ތަން ތަރައްގީކުރުމަށް ފަހު މިހާރު ހުރި ލޯކަލް މާރުކޭޓު ތަޅާލަން އޮތީ ނިންމާފަ އެވެ.

އެ ތަން ތަރައްގީކުރެވެންދެން ވަގުތީ މާރުކޭޓު ހިންގަން ދެ ޕާކިން ޒޯނެއް ހުސްކޮށް އެތަނުގައި ވެސް މާރުކޭޓު ގޮޅިތަކެއް ހަދަން އޭރު ނިންމި އެވެ. މޭޔަރުކަމުގައި ހުންނެވިއިރު ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ލޯކަލް މާރުކޭޓުގައި މިހާރު ހިންގާ ވިޔަފާރި ނުހުއްޓޭ ގޮތަށް، ކޮންމެ ގޮޅިއަކަށް ގޮޅިއެއް ދޭނެ އެވެ.

މިއަދުގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ވަގުތީ މާރުކޭޓުގައި ހަދަންޖެހޭ ގޮޅިތައް ހެދުމަށް ވެސް އެ ކޮންޓްރެކްޓަރަށް ވަކިން އަގެއް ދޭ ގޮތަށް އެއްބަސްވެ، އެ މަސައްކަތް ހަވާލުކޮށްފައި އޮތީ ވެސް 2.1 މިލިއަން ރުފިޔާއަށް ކަމަށެވެ. އެކަމާ ގުޅޭ ބިޑު ލިޔެކިއުންތައް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަހުން ސޮއިކުރެވިފައި އޮތް އެއްބަސްވުން އޮތް ގޮތުން ވިއްޔާ 9.6 މިލިއަން ޑޮލަރަކީ މާލެ ކައުންސިލަށް ދެއްކޭނެ ފައިސާއެއް ނޫން. މިހާރު މިއޮތީ ކޮންޓްރެކްޓަރަކަށް ދެވިފައި އެ ތަން ހަދަން. އެ ތަން ހަދަން ދިނީ ކާކުތޯ، އެކަން ނިންމީ ކާކުތޯ އެ ވެސް އަޅުގަނޑުމެން ސުވާލު ކުރަންޖެހޭ ކަމެއް،" އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އޭރުގެ އެސްޖީގެ ފަރާތުން ލިބެނީ ވަރަށް ޒިންމާދާރު ކުޑަ ޖަވާބުތަކެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވި އެވެ.

'އެކަންކުރި ބަޔަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ'

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިއަދުގެ ބައްދަލުވުމުގައި ވާހަކަދެއްކެވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އެކަންޏެވެ. އާންމުކޮށް ވެސް މިފަދަ މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވާ ސައިފު ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ފެންނަނީ ކައުންސިލުން މަޝްރޫއެއް ފާސްކުރާ ފަހުން، އެކަމުގެ އެއްބަސްވުން ހެދުމާ ހަމައިން އެ މަޝްރޫއެއް ގަޑުބަޑުވަމުންދާ ތަން ކަމަށެވެ.

ތަނުގެ މޭޔަރަށާއި ކައުންސިލް މެމްބަރުންނަށް ވެސް ނޭނގި އެެއްބަސްވުމެއްގެ އަގު ގަޑުބަޑުކޮށް، އެހެން މީހުންނަށްދީ، ޝަރުތުތައް ބަދަލުކޮށް ހަދާ ނަމަ، އެކަން ކުރާ މީހަކު މަގާމުގެ މަސްއޫލިއްޔަތުތަކުގައި ދެމެހެއްޓުމަކީ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މި ތަން މިއޮތީ ފޫގޮސްފައި ނޫންތޯ. އެހެންވީމާ ދެންހުރި ކޮންޓްރެކްޓުތައް ހުރީ ކިހިނެއްބާއޭ އަޅުގަނޑު ހިތަށް އަރަނީ... އެ ކަންބޮޑުވުމުގައި އަޅުގަނޑު ފާހަގަކުރަމުން މިދަނީ އަވަހަށް ހުރިހާ ކޮންޓްރެކްޓެއް މޭޔަރު އާންމުކޮށްދެއްވާ،" ސައިފް ވިދާޅުވި އެވެ.

އެހާ ހިސާބަށް ސައިފުގެ ވާހަކަ ކުރިއަށް ގެންދެވި ފަހުން، އެ ބައްދަލުވުމުން ކައުންސިލަރަކު ނުކުމެވެވަޑައިގަތުމުން، ކޯރަމް ގެއްލިގެން މިއަދުގެ ޖަލްސާ ނިންމާލީ އެވެ. އެކަމަކު ސައިފު ވަނީ ޖަލްސާ ނިންމާލުމަށް ފަހު، އެ މަޝްރޫއަށް ހަދާފައިވާ ދެ އެއްބަސްވުން އަޅާކިޔާ ބެލުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެނގުން މުހިންމު - މަސްމާރުކޭޓު ޒަމާނީކުރަން ނިންމާފައި ވަނީ ހަތަރު ބުރީގެ އިމާރާތެއް އަޅައި އެ ތަނުން އެކި ހިދުމަތްތައް ލިބޭ ގޮތަށް، ލޯކަލް މާރުކޭޓާ ވެސް އެކު އެވެ. މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގައި ތަރައްގީކުރާ އިމާރާތުގައި މަސްމާރުކޭޓު ހުންނާނީ އެ އިމާރާތުގެ އެންމެ ތިރީގަ އެވެ.

ޒަމާނީ މާރުކޭޓު އިމާރާތުގައި ހުންނާނީ:

  • އެންމެ ތިރީ ބުރީގައި ހުންނާނީ މަސްމާރުކޭޓު

  • ފުރަތަމަ ތިން ފަންގިފިލާގައި ހިންގާނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު

  • ހަތަރު ވަނަ ފަންގިފިލާ ރެސްޓޯރަންޓު/ކެފޭ ހިންގަން ދޫކުރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް