މާލޭ މަސް މާރުކެޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަސްމާރުކޭޓް ރައީސްގެ މޭޔަރުކަމުގައި ކުއްޔަށް ދީފައި އޮތީ މާ ކުޑަ އަގެއްގައި

މާލޭ ސިޓީ ކައުންސިލްގެ ބިޑް ކޮމެޓީން ކަނޑައަޅާފައި އޮތީ މާރުކޭޓު 130،000ރ އަށް ކުއްޔަށް ދޫކުރަން؛ ނަމަވެސް އެއަދަދު ކުޑަކޮށް 70،000ރ އަށް ދޫކުރަން ކަނޑައެޅީ އެހެން ކޮމެޓީ އަކުން ކަމަށް މޭޔަރު އާޒިމް ވިދާޅުވި

މާލޭ މަސް މާރުކޭޓު ހިންގާ ކުންފުންޏަށް އެތަން ހިންގުން، ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި، ހަވާލުކޮށްފައި އޮތީ މާލޭ ސިޓީ ކައުންސިލްގެ ބިޑް ކޮމެޓީން އެތަން ކުއްޔަށް ދޫކުރަން ކަނޑައެޅި އަގަށް ވުރެ ކުޑަކޮށް ކަން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލޭ މަސް ކާރުކޭޓު ހިންގުން ހަވާލުކޮށްފައިވާ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރުކުރަން ނިންމި ނަމަވެސް، ކުއްޔަށް ދޫކުރަން ކަނޑައަޅާފައިވާ އަގަށް ވުރެ ކުޑަ އަގަކަށް އެތަން ދޫކޮށްފައިވާކަން ފާހަގަވުމުން މުއްދަތު އިތުރު ނުކުރަން ނިންމާފައިވާ ކަމަށް މިދިޔަ ހަފްތާގައި ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.

ތަފްސީލް - މާލޭ ސިޓީ ކައުންސިލްގެ ބިޑް ކޮމެޓީން ކަނޑައަޅާފައި އޮތީ މާރުކޭޓު 130،000ރ އަށް ކުއްޔަށް ދޫކުރުމަށެވެ. ނަމަވެސް އެ އަދަދު ކުޑަކޮށް 70،000ރ އަށް ދޫކުރަން ކަނޑައެޅީ އެހެން ކޮމެޓީއަކުން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ބިޑް ކޮމެޓީން ނިންމާފައި އެބަ އޮތް 130،000ރ އަށް ދޭން. ބިޑް ކޮމެޓީން ނިންމާފައި އޮތް ނިންމުމެއް އެހެން ކޮމެޓީއަކުން ބަދަލުކޮށްފައި އޮންނަނީ. އަޅުގަނޑަށް ލީގަލް ލަފާ މި ލިބެނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް،" މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް (ފޮޓޯ/ކައުންސިލް)

"އަދި އެބަހުރި އަޅުގަނޑުމެން ބަލައިލަން ޖެހޭ ކަންތައް. މި ވަގުތުން މިވަގުތަށް [ކުރިއަށް] ގޮސްފި ނަމަ ބޮޑެތި ތުހުމަތުތަކެއް މުޅި ކައުންސިލަށް އައިސްފާނެ ކަމަށް ފެންނަނީ ފެންނަން ހުރި ޑޮކިޔުމެންޓުތަކުގެ އަލީގައި."

އޭނާ ވިދާޅުވީ މާރުކޭޓު ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން ކުރިން ނުފެންނަ އެހެން ލިޔުންތަކެއް ވެސް ފެނިއްޖެ ކަމަށެވެ.

"ވަރަށް ބައިވަރު މައްސަލަތައް އުޅޭ ކޮންޓްރެކްޓެއް މި އުޅެނީ،" އާޒިމް ވިދާޅުވި އެވެ.

އެފަދަ މައުލޫމާތު ހިމެނޭ ލިޔުންތައް ފެންނަވަރަކުން ކައުންސިލް ބައްދަލުުވުމަށް ގެންނަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މާރުކޭޓުގެ ކަރަންޓު ބިލަށް އަރާފައިވާ 400،000ރ އަށް ވުރެ ގިނަ ފައިސާ ވެސް ނުދައްކާ އެބަހުއްޓެވެ.

އާޒިމް ވަނީ މާރުކޭޓު ކުއްޔަށް ދޫކުރަން އަލުން ބިޑަށް ހުޅުވާލަން ހުށަހަޅުއްވައިފަ އެވެެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް