މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިޔަފާރިވެރިއަކު މަޑުކޮށްލައިގެން. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު

މަސްމާރުކޭޓާ އެކު ޒަމާނީ މާރުކޭޓެއް އަޅަން މިހާރުގެ ލޯކަލް މާރުކޭޓު ތަޅާލަނީ

ވަގުތީ ލޯކަލް މާރުކޭޓު ގާއިމުކުރަން ބާޒާރުމަތީގެ ދެ ޕާކިން ޒޯނެއް ހުސްކުރާނެ

ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ތަރައްގީކުރުމަށް، މިހާރު ހުރި ލޯކަލް މާރުކޭޓު ތަޅާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ. އެއާ އެކު، އެ ތަން ތަރައްގީކުރެވެންދެން ވަގުތީ މާރުކޭޓު ހިންގަން ދެ ޕާކިން ޒޯނެއް ހުސްކުރަން ވެސް ވަނީ ނިންމާފަ އެވެ.

ވީ ކިހިނެއް؟ - މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އެ ކައުންސިލުގެ އޮފީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ތަފްސީލް - މި ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ،  މަސްމާރުކޭޓު ޒަމާނީކުރަން ނިންމާފައި ވަނީ ހަތަރު ބުރީގެ އިމާރާތެއް އަޅައި އެ ތަނުން އެކި ހިދުމަތްތައް ލިބޭ ގޮތަށް، ލޯކަލް މާރުކޭޓާ ވެސް އެކު ކަމަށެވެ. މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގައި ތަރައްގީކުރާ އިމާރާތުގައި މަސްމާރުކޭޓު ހުންނާނީ އެ އިމާރާތުގެ އެންމެ ތިރީގައި އޭނާ ކަމަށް ވިދާޅުވި އެވެ. 

ޒަމާނީ މާރުކޭޓު އިމާރާތުގައި ހުންނާނީ:

  • އެންމެ ތިރީ ބުރީގައި މަސްމާރުކޭޓު

  • ފުރަތަމަ ފަންގިފިލާ، ދެވަނަ ފަންގިފިލާ އަދި ތިންވަނަ ފަންގިފިލާގައި ހިންގާނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު

  • ހަތަރުވަނަ ފަންގިފިލާ ރެސްޓޯރަންޓު/ކެފޭ ހިންގަން ދޫކުރާނެ

ބުނީ ކީކޭ؟ - މުއިއްޒު ވިދާޅުވި ގޮތުގައި، ޒަމާނީ މާރުކޭޓު އެޅުމަށް މިހާރުގެ ލޯކަލް މާރުކޭޓު ހުސްކުރާނީ، އެހެން ބިމެއްގައި ވަގުތީ މާރުކޭޓުތަކެއް ހެދުމަށް ފަހު އެވެ. ވަގުތީ މާރުކޭޓު ހިންގަން ބާޒާރު މަތީގައި މިހާރު ބޭނުންކުރާ ދެ ޕާކިން ޒޯނެއް ހާއްސަކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ:

  • ހައި ކޯޓު ކުރިމަތިން އޮންނަ ޕާކިން ޒޯން

  • ބާޒާރު މަތީގެ އެހެން ޒޯނެއް (ސީދާ ސަރަހައްދު އަދި ބުނަން ނޭނގޭ ކަމަށް މުއިއްޒު ވިދާޅުވި)

ވަގުތީ މާރުކޭޓުގައި، މުއިއްޒު ވިދާޅުވި ގޮތުގައި، ލޯކަލް މާރުކޭޓުގައި މިހާރު ހިންގާ ވިޔަފާރި ނުހުއްޓޭ ގޮތަށް، ކޮންމެ ގޮޅިއަކަށް ގޮޅިއެއް ދޭނެ އެވެ.

ވަގުތީ މާރުކޭޓަށް މިހާރުގެ ލޯކަލް މާރުކޭޓު ބަދަލުކޮށް ނިމޭހާ އަވަހަކަށް ލޯކަލް މާރުކޭޓު ތަޅާލާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ވަގުތީ މާރުކޭޓު ހިންގުމަށް ހުސްކުރާ ދެ ޕާކިން ޒޯނުގެ ސަބަބުން ޕާކިންގެ މައްސަލަތައް ދިމާވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް، ވަގުތީ ލޯކަލް މާރުކޭޓު މާފަންނު ކޮޅަށް ނުވަތަ ބާޒާރުމައްޗާ ދުރުގައި ގާއިމުކޮށްފި ނަމަ، ވިޔަފާރިވެރިންނަށް މާ ބޮޑެތި ދަތިތަކާ ދިމާވާނެތީ ބާޒާރު މަތިން ދެ ޒޯން ނެގުން ނޫން ގޮތެއް ނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް