މާލޭ މޭުޔަރު އާދަމް އާޒިމް ކައުންސިލް ރަސްމީ އާންމު ޖަލްސާއެއްގައި(ފޮޓޯ/މާލެ ކައުންސިލް)
މިނިސްޓްރީ އާއި މާލެ ކައުންސިލާ ދެމެދު އޮތް މައްސަލަތައް ހައްލުކުރަން އެލްޖީއޭގައި އެދިއްޖެ
ހައުސިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކުރަން ދެކޮޅު ހަދަމުންދާތީ އާއި ކައުންސިލުގެ ސިޓީތަކަށް ވެސް ޖަވާބުދެމުންނުދާތީ އެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - މާލެ ސިޓީ ކައުންސިލުން މިކަން ހާމަކުރީ، މާލޭގެ ލޯކަލް އަދި މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއުއަށް އެ ކައުންސިލުން ބިން ނުދީ ހުރަސް އަޅަމުންދާ ކަމަށް ސަރުކާރާއި ހައުސިން މިނިސްޓްރީން ބުނާ ބުނުން ދޮގުކޮށް އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.
އެ ބިން މިހާތަނަށް ހަވާލުކުރެވިފައި ނުވަނީ، އެ މަޝްރޫއަކީ މީގެ ކުރިން ދެ ބަޔަކާ އެކު އެއްބަސްވުން ހަދާފައިވާ މަޝްރޫއަކަށްވުމުން ތިންވަނަ ފަރާތަކާ އެކު އެއްބަސްވެ އެ މަޝްރޫއަށް ބިން ދެވޭނީ ކުރީގެ ދެ އެއްބަސްވުން ގާނޫނީ ހަމަތަކުގެ މަތިން ބާތިލުކޮށްގެން ކަމަށް މީގެ ކުރިން ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.
އެކަމަކު މިހާރު އެ މަޝްރޫއު ތިންވަނަ ބަޔަކާ ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވާއިރު، ކައުންސިލާއި މަޝްވަރާކޮށްފައިނުވާތީ އާއި އެ ބިމަކީ ކައުންސިލުގެ ބިމަކަށްވާތީ މިހާރު އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ މައުލޫމާތާއި މަޝްރޫއުގެ ތަފްސީލުތައް ހިއްސާކުރަން ވެސް ކައުންސިލުން އޮތީ މިނިސްޓްރީގައި އެދިފަ އެވެ.
އެ މަޝްރޫއުއަށް ބިން ހަވާލުކުރެވޭނީ، އެ މައުލޫމާތުތައް ލިބި ގާނޫނީ ހަމަތަކުގެ މަތިން ކުރީގެ ދެ އެއްބަސްވުން ބާތިލުކޮށްގެން ކަމަށް ކައުންސިލުން މިފަހުން ބޭއްވި ރަސްމީ އާންމު ޖަލްސާގައި ވަނީ ނިންމާފަ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލް - އިއްޔެ ނެރުނު ބަޔާނުގައި އެކަންކަން ތަކުރާރުކޮށް ކައުންސިލުން ބުނީ، ވަރަށް ސާފުކޮށް ލިއުމުން ވެސް މިނިސްޓްރީއަށް އެކަންކަން ހިއްސާކޮށްފައިވާނެ ކަމަށާއި އެކަމަކު ހައުސިން މިނިސްޓްރީގެ ފަރާތުން އެއްވެސް އިޖާބައެއް ލިބިފައިނުވާ ކަމަށެވެ.
އެކަންކަން ބަޔާންކޮށް ބަޔާނެއް ނެރުނީ، އެ މަޝްރޫއުއަށް އިތުރު ދެ ބަޔަކާ އެކު އެއްބަސްވެފައި އޮތްކަން އެނގިތިބެ އަދި އެ މަޝްރޫއަށް ކައުންސިލާ އެކު މަޝްވަރާކުރުމެއް ވެސް ނެތި، ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ފަތުރަމުންދާތީ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ކައުންސިލުން އެލްޖީއޭގައި އެދުނީ، އެ މައްސަލަތައް ހައްލުކުރަން މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށެވެ. އެގޮތަށް އެދޭ ސަބަބަކަށް ބުނީ، ލޯކަލް އަދި މަސް މާރުކޭޓުގެ މަޝްރޫއު ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދާ ނަމަ ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނެތީ އެ މައްސަލާގައި މަޝްވަރާކުރަން އެދުމުން މިހާތަނަށް އެއްވެސް އިޖާބައެއްދީފައި ނުވާތީ އާއި ލިޔެކިއުމުން އެކަނި މުއާމަލާތުކުރަން އެ މިނިސްޓްރީން ކައުންސިލަށް އަންގާފައިވާތީ އެވެ.
"މި ކައުންސިލާ މެދު ހައުސިން މިނިސްޓްރީން އަމަލުކުރަމުންދާ ގޮތުގެ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށް، ގާނޫނީ އިމުގެ ތެރެއިން ކަންކަން ވިލަރެސްކުރުމަށް މަގުފަހިކޮށްދިނުމަށް އެލްޖީއޭގައި މާލެ ކައުންސިލުން މިހާރު ވާނީ އެދިފައި،" ބަޔާނުގައިވެ އެވެ.
އެ މަޝްރޫއަކީ އާންމު މަސްލަހަތު ހިމެނޭ މާލެއަށް އަރާފައިބާ އެންމެންނަށް ނުހަނު ބޭނުންވެފައިވާ އަދި ކައުންސިލުގެ ޕްލޭންގައި ހިމެނޭ ކަމަކަށްވުމުން އެ މަޝްރޫއު ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންދަން އެ ކައުންސިލުން ފުރިހަމައަށް ދާއީދުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ކޮމެންޓް