މާލޭ މަސް މާރުކޭޓު (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)
މާރުކޭޓު އިމާރާތުގެ މަސައްކަތް ލަސްވަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: މިނިސްޓްރީ
މާލޭ މާރުކޭޓުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ މަސައްކަތް ލަސްވަނީ މާލޭ ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ހަތަރު އަހަރާއި ދެ މަހަށް ބަހާލައިގެން އަގު ދައްކާ ގޮތަށް، 117 މިލިއަން ރުފިޔާއަށް މާރުކޭޓު މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ 15 މާޗުގަ އެވެ. ހަ ފަންގިފިލާގެ، 85،000 އަކަ ފޫޓުގެ މާރުކޭޓު އިމާރާތެއް އެޅުމުގެ އެ މަޝްރޫއު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހިމެނޭ ގޮތަށް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިިނިސްޓްރީންނާއި ކޮންޓްރެކްޓަރު ކުރަން ޖެހޭ ހުރިހާ ކަމަކާއި ތައްޔާރީތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް މަސައްކަތް ހިންގުމަށް ބޭނުންވާ ބިން ހަވާލުކޮށްދިނުމަށް އެދި މިދިޔަ ދެ މަސް ދުވަހު، މާލޭ ސިޓީ ކައުންސިލަށް ހަތަރު ފަހަރު ސިޓީ ފޮނުވުމުން ވެސް ބިން ހަވާލުކޮށްދީފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން:
-
29 މާޗުގައި، ބިން ހަވާލުކުރުމަށް އެދި ފުރަތަމަ ސިޓީ ފޮނުވި
-
11 އޭޕްރީލްގައި ފައިސާ ހަމަޖެހުމާ އެކު ބިމަށް ވަނުމުގެ ހުއްދައަށް ކޮންޓްރެކްޓަރު އެދުނު
-
12 އޭޕްރީލްގައި 18 އޭޕްރީލްގެ ކުރިން ބިން ހަވާލުކޮށްދިނުމަށް އެދި ދެވަނަ ސިޓީއެއް ފޮނުވި
-
30 އޭޕްރީލްގައި، ބިން ހަވާލުކުރުމުގެ ކުރިން މާލޭ މޭޔަރު އާދަމް އާޒިމް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާ ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނެ ދެވަނަ ސިޓީގެ ޖަވާބުގައި ސިޓީއެއް ފޮނުވި
-
3 މެއިގައި 7 މެއިގެ ކުރިން ބިން ހަވާލުކޮށްދިނުމަށް އެދި ތިންވަނަ ސިޓީ ފޮނުވި
-
އިއްޔެ، މި މަސް ނިމުމުގެ ކުރިން ބިން ހަވާލުކޮށްދިނުމަށް އެދި ހަތަރުވަނަ ސިޓީ ފޮނުވި
"މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވީ ނަމަވެސް މި މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއަށް ހަވާލުނުކުރުމެވެ،" ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
ފާހަގަކުރެވޭ - ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގައި، އަލިފާން ނިއްވާ ނިޒާމަކާއި ފަސް ލިފްޓާއި މަސް ބެހެއްޓުމަށް ބޭނުންވާ ދަގަނޑު ސާމާނާއި ތަރުކާރީ ބެހެއްޓުމަށް ބޭނުންވާ ލަކުޑި ފޮށިތަކާއި ފަސް ޓަނުގެ އައިސް މެޝިނެއް ބަަހައްޓާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މަސައްކަތް ނިމުމުން އިމާރާތުގެ ފަންގިފިލާތައް ހާއްސަކުރުމަށް ހަމަޖެހިފައިވަނީ:
-
ބޭސްމަންޓް: ޕާކިން
-
ތިރީ ފަންގިފިލާ: މަސް މާރުކޭޓް
-
ފުރަތަމަ، ދެވަަނަ، އަދި ތިންވަނަ ފަންގިފިލާ: މޭވާ އާއި ތަރުކާރީ މާރުކޭޓް
-
ޓެރަސް: ފުޑް ކޯޓް
ކޮމެންޓް (1)
ކޮމެންޓު މޭން