މާލޭ މޭޔަރު އާދަމް އާޒިމް (ކ) އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު(ވ)
ކައުންސިލާ ބައްދަލުކުރެއްވުމަށް އިންކާރުކުރައްވައި، މުއްތޮލިބު އެދިވަޑައިގަތީ ލިޔެކިޔުމުން މުއާމަލާތު ކުރަން
މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމަށް އިންކާރުކުރައްވައި، ލިޔެކިއުމުން މުއާމަލާތު ކުރުމަށް ހައުސިން އަދި އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - މާލޭގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ހިޔާލާއި މަޝްވަރާ ހުށަހެޅުމަށާއި ރައްޔިތުންގެ ހުރި ބައެެއް ކަންބޮޑުވުންތައް ހިއްސާކުރައްވަން ބޭނުންވެ، އެކަމަށް އެދިވަޑައިގެން އުޅުއްވާތާ ދެ އަހަރުވީއިރު ވެސް މުއްތޮލިބު ބައްދަލުކުރައްވާފައިނުވާތީ، މޭޔަރު އާދަމް އާޒިމް ހިމެނޭހެން މާލެ ހުރިހާ ކައުންސިލަރުން މިދިޔަ ބުދަ ދުވަހު ވަނީ ހައުސިން މިނިސްޓްރީއަށް ގޮސްފަ އެވެ.
އެކަމަކު، މިނިސްޓަރުގެ މަސައްކަތްތައް ހުރިގޮތުން ވަގުތު ދެވެން ނެތް ކަމަށް މިނިސްޓްރީން ބުނުމުން އެދުވަހު ވެސް މުއްތޮލިބާ ބައްދަލުވާ ގޮތެއް ނުވި އެވެ. ކައުންސިލަރުންނަށް މިނިސްޓްރީން އެދުވަހު ދިން ޖަވާބަކީ ހޯމަ ދުވަހަށް ބައްދަލުވުމެއް ހަމަޖައްސައިދޭނެ ކަމަށެވެ.
އިތުރަށް ކިޔާލަން
ތަފްސީލް - މިއަދު އޮތް ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި މޭޔަރު އާޒިމް ވިދާޅުވީ، ހޯމަ ދުވަހަށް ވެސް ބައްދަލުވުމެއް ހަމަޖައްސައިދީފަ ނުވާ ކަމަށެވެ. ބަދަލުގައި ސިޓީއެއް ފޮނުވާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެ ސިޓީގައި އޮތީ:
-
ވޭތުވެދިޔަ ދުވަސްތަކުގައި އަނގަބަހުން މޭޔަރާ އެކު ކުރެވިފައިވާ މުއާމަލާތްތަކުގެ ހަގީގަތް އޮޅޭގޮތަށް މޭޔަރު ވާހަކަފުޅު ދައްކަވާފައިވާތީ އާއި މާލޭގެ ތަރައްގީއަށް ސަރުކާރުން ކުރާ ކަންކަމަށް މޭޔަރުގެ އެއްބާރުލުން ލިބެމުންނުދާތީ
-
އެންމެ މަސްލަހަތު ހުރިގޮތަކަށް ވާނީ މީޑިއާ ސްޓަންޓު ޖެއްސުމުގެ ބަދަލުގައި ލިޔެކިއުމުން މުއާމަލާތުކުރުން ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭ
-
އެހެންވީމާ، މޭޔަރާއި ކައުންސިލުން ބޭނުންވާ ކަންކަން ލިޔެކިއުމުން ފޮނުވައިދިނުން އެެދެން
އެކަމަކު ބައްދަލުކުރެއްވި ކަމަށް މުއްތޮލިބު ވިދާޅުވާ ވިދާޅުވުމަކީ އިތުރުފުޅެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، މިހާތަނަށް އެ ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް ބައްދަލުވުމެއް ބާއްވާފައިނުވާ ކަމަށެވެ.
"އަޅުގަނޑާ އެކު އަނގަބަހުން އަދި ފޯނަކުން ވެސް އެބޭފުޅާއާ އެކު މިހާތަނަށް ވާހަކަދެއްކިފައެއް ނުވާނެ. އެއީ ފޯނުވެސް ނުނަގާތީ އެބޭފުޅާ. އެބޭފުޅާއަށް ހީވަނީ އެބޭފުޅާއަކީ މަތިން ފައިބާފައި ހުންނަ ބޭފުޅެއްހެން. އެހެންވެ ކަންނޭނގެ ރައްޔިތުން އިންތިހާބު ކޮށްފަ ތިބި މީހުންނާ އަދި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ގާނޫނުން މަތިކޮށްފަތިބި މީހުންނާއި ބައްދަލުނުކޮށް އެބޭފުޅާ އެހެން އުޅުއްވާ މިގޮތަށް ސިޓީ ފޮނުވީމަ،" އާޒިމް ވިދާޅުވި އެވެ.
"އެބޭފުޅާ ބައްދަލުކުރެވުނީ ކޮން މޭޔަރަކާ ކަމެއް އަޅުގަނޑަކަށް ނޭނގެ. މާލޭ ސިޓީގެ މޭޔަރުކަމެއް ނޫނީ ބޭރުގެ ގައުމެއްގެ، ވެދާނެ ކުރީގެ މޭޔަރު ކަމަށް، އެހެން ކަންނޭނގެ ތިވީ. އެހެންވީމާ އެހާ ބޮޑަށް އޮޅިފައި ހުންނަ ބޭފުޅަކު މިނިސްޓަރަކަށް ހުންނެވީމަ އެއީ ވަރަށް ބޮޑު މައްސަލައެއް ހަގީގަތުގައި. އަޅުގަނޑު ދެކޭގޮތުގައި މިހާ ބޮޑެތި ދޮގު ހަދާކަށް ނުވާނެ ރައްޔިތުންނަށް،"
އާޒިމް ވިދާޅުވިގޮތުން:
-
މާލޭގެ މަގުތައް ހެދުމަށް ޗައިނާގެ ބަޔަކާ ހަވާލުކޮށްގެން މިއަހަރުތެރޭ އެ މަސައްކަތް ފަށަން މަސައްކަތްކުރާއިރު މާލޭ ކައުންސިލަށް އެމަސައްކަތުގެ އަދާހަމަތައް ވެސް ހިއްސާކުރަންޖެހޭނެ
-
މާލޭގެ ސަހަރާތައް ފުރެމުންދާތީ އިތުރު ބިންތައް ބޭނުންވެގެން އެކަމަށް ވެސް އެދިފައިވާނެ
-
މާލޭގެ ގެދޮރުގެ ކަންކަމަށް ހައްލު ހޯދުމަށް އެކަމުގެ މަޝްވަރާތައް ކުރަން ވެސް އެދިފައިވާނެ
-
މާލޭގެ ހައުސިން ކަންކަމަށް މާލެ ކައުންސިލުގައި ހަދާފައި އޮންނަ ކޮމިޓީގެ މަޝްވަރާ އާއި ހިޔާލަށް ވެސް އަހާނުލައި މަޝްރޫއުތައް ބޭނުންހާ ގޮތަކަށް މިނިސްޓްެރީން ކުރިއަށް ގެންދޭ؛ ހައުސިން މަޝްރޫއުތައް ކުރަންޖެހޭނީ އެ ކޮމިޓީއާ މަޝްވަރާކޮށްގެން
-
މާލެ ލޯކަލް މާރުކޭޓު ހަދަން މިހާރު ބަޔަކާއި ސަރުކާރުން ހަވާލުކޮށްފައިވާއިރު އޭގެކުރިން ހަދާފައިވާ އެއްބަސްވުންތަކެއް ވެސް އެބައޮތް
-
އެ އެެއްބަސްވުންތަކާމެދު ގޮތެއް ނުނިންމައި ކައުންސިލާއި މަޝްވަރާ ވެސް ނުކޮށް އެހެން ބަޔަކާ އެކު އެއްބަސްވުން ހަދައި ބިން ހަވާލުކޮށްދޭން މިނިސްޓްރީން އެދިފައިވޭ؛ އެކަަމަކު އެކަންކަން ކުރެވޭނީ ގާނޫނީ ހަމަތަކުގެ މަތިން ކުރަންހުރި ކަންކަން ނިންމާފައި، އެކަމަކު އެކަމާބެހޭގޮތުން ސާފުކޮށްދޭން އެދިފައިވާ ކަންކަމަށްވެސް މިނިސްޓްރީން ޖަވާބެއް ނުދޭ
އާޒިމް ވިދާޅުވީ، ހައުސިން މިނިސްޓްރީއާ ބައްދަލުކޮށް މަޝްވަރާކުރަންޖެހޭ މިފަދަ ގިނަ ކަންކަމެއް އެބަހުރި ކަމަށާއި ވެރިކަމާ ހަވާލުވުމަށް ފަހު ކައުންސިލަށް ރައީސް މުއިއްޒު ވަޑައިގެންނެވި ދުވަހެއްގައި އެކަންކަން ފާހަގަކޮށްފައި ވެސް ވާނެ ކަމަށެވެ. އެކަމަކު އެކަންކަން ކުރިއަށް ނުދާތީ ރައީސް އޮފީހަށް ވެސް މީގެ ކުރިން ސިޓީ ފޮނުވާފައިވާނެ ކަމަށާއި ކަމާގުޅޭ މިނިސްޓްރީތަކާއި ގުޅިގެން އެކަންކަން ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުން ފޮނުވި ޖަވާބުގައި އެދިފައިވާ ކަމަށެވެ.
އެކަންކަމަށް ހައްލުތައް ހޯދަން ކަމާބެހޭ ހުރިހާ މިނިސްޓްރީތަކަކަށް ވެސް ސިޓީތައް ތަކުރާރުކޮށް ފޮނުވާފައިވާނެ ކަމަށާއި އެއްވެސް މިނިސްޓްރީއަކުން ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ހަމަ އެދެން މިނިސްޓަރަށް ވަގުތު ދެއްވައިގެން ޒިންމާ އަދާކުރައްވާށޭ. ތިހެން އަދި އުޅެގެނެއް ތިކަން ވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ ގާނޫނީ އިމުގެ ތެރެއަށް ވަންނަވައިގެން ހިގާށޭ ހުރިހާ ކަމެއް ކުރަން އެންމެން ގުޅިގެން.
"އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ކުރަންވާ ކޮންމެ ކަމެއް [ކުރަން ތައްޔާރަށް]. ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެންނަށް ވެސް ކުރެވޭނީ އެނޫން ގޮތަކަށް ނުކުރެވޭނެ. މާދަމާ އަޅުގަނޑުމެން ނަގާ ކެންސަލް ކޮށްލައިގެން މި ކައުންސިލުން ބޮޑު ބަދަލެއް ދޭން ޖެހިއްޖެއްޔާ ބުނާނެ މާލެ ސިޓީ ކައުންސިލަރާއި މި ކައުންސިލަރުން އެ ކޮންޓްރެކްޓް ބަލާނުލައި ކެންސަލް ކޮށްލައިގެން ބޮޑު ބަދަލެއް ޖެހުނީ އަޅުގަނޑުމެންގެ ސަބަބުންނޭ. އެކަމަކު މި އެއްބަސްވުމަށް ވަދެފަ ތިބީ އެބޭފުޅުން. އެހެންވީމާ ވިސްނުންތެރިކަމާ އެކު ގާނޫނީ ލަފާ ހޯދައިގެން އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނީ،"
އާޒިމް ވިދާޅުވީ ހުރިހާ ތަފްސީލުތަކަކާ އެކު ސިޓީ ފޮނުވާފައިވަނީ ވެސް މިނިސްޓަރު މުއްތޮލިބު އެގޮތަށް އެދިގެން ކަމަށާއި އެކަމަކު އެ ސިޓީތަކުގައި ސާފުކޮށްދޭން އެދިފައިވާ އެއްވެސް ކަމަކަށް މިނިސްޓްރީން ޖަވާބެއްދީފައިނުވާ ކަމަށެވެ. އެހެންކަމުން، ލިޔެކިއުމުން ކުރާ މުއާމަލާތަކަށް ވެސް ޖަވާބު ނުދެވިގެން އުޅެނީ މުއްތޮލިބަށް ކަމަށް އާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި އެބޭފުޅާ ހަމަ އަޅުގަނޑުމެންނާ ބައްދަލުކުރަންޖެހޭނެ. ލިޔެކިއުމުން މިހާރު ހުރިހާ އެއްޗެއް ފޮނުވިފައި މިހުރީ. މިއިން އެއްވެސް އެއްޗަކަށް މިހާތަނަށް ޖަވާބުދެއްވާފައެއް ނުވޭ،"
މާލެ ކައުންސިލުގެ މަސައްކަތްތަކާއި ހައުސިން މިނިސްޓްރީއާ ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮންނަކަން ފާހަގަކުރައްވާ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ސަރުކާރަށް އެއްބާރުލުން ދެވޭނީ އެ މިނިސްޓްރީން ކައުންސިލަށް އެއްބާރުލުންދިން ވަރަކަށް ކަމަށެވެ.
"އަޅުގަނޑުމެން މިނިސްޓަރާއި ބައްދަލުކުރަން މިއުޅެނީ މާ ރީތި މީހަަކަށް އޭނާ ވެގެނެއް ނޫން. ބައިވަރު ކަންބޮޑުވުންތަކެއް ހުރީމަ. އެހެންވީމާ މި ފުރުސަތުގައި އަޅުގަނޑު ގޮވާލަން މުއްތޮލިބު އެ މަގާމަށް ތަސައްރަފު ނުފުދޭތީ މިނިސްޓަރު މުއްތޮލިބު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންަނަވާށޭ." ގާލިބު ވިދާޅުވި އެވެ.
މިއަދުގެ ކައުންސިލުގައި ބައެއް ކައުންސިލަރުން ވަނީ، ކައުންސިލާއި ބައްދަލުކުރަންދެން މިނިސްޓްރީއަށް ގޮސް އެތަނުގައި ކައުންސިލަރުން ކޮންމެ ދުވަހަކު ތިބުމަށް ހިޔާލު ހުށަހަޅާފަ އެވެ. އެކަމަކު އެއީ އެޖެންޑާގައި ނެތް ކަމަކަށްވުމުން އެގޮތަށް އެކަން ކުރަން މިއަދު ފާސްކޮށްފައެއްނުވެ އެވެ.
ކޮމެންޓް