ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން ނިންމަވައި، މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
3 ރައީސުން އެކުގައި ފެށި މަސައްކަތް މާ ބާރަކަށް ކުރިއަކަށް ނުދޭ: ނަޝީދު
އިދިކޮޅު ލީޑަރުންގެ ގޮތުގައި މިހާރު ތިއްބެވި ކުރީގެ ތިން ރައީސުން އެކުގައި ފެއްޓެވި މަސައްކަތް މިހާރު މާ ބާރަށް ކުރިއަށް ނުދާ ކަމަށް، އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދެ ނޫސްވެރިއަކު ޖަލަށްލުމާ އެކު، މި ސަރުކާރު ޒިންމާދާރު ކުރުމަށް ނަޝީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ތިން ބޭފުޅުން ބައްދަލުވުމެއް ބާއްވަވައި 'ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް'ގެ ނަމުގައި އެކުގައި މަސައްކަތް ފެއްޓެވީ މިދިޔަ މެއި މަހު އެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައެއް ނޫސްވެރިން ވަނީ އެ އިއްތިހާދާ ގުޅޭ ގޮތުން ނަޝީދާ ސުވާލުކޮށްފަ އެވެ.
ބުނީ ކީކޭ؟ - "ތިން ރައީސުންގެ ބައްދަލުވުމާ ގުޅިގެން ނެގުނު ކޮމިޓީއެއް ނަގާފައި އެ ކޮމިޓީ ދެ ފަހަރު ބައްދަލުވީ. ބައްދަލުވުމަށް ފަހު، އަޅުގަނޑުމެންނަށް އެ މަގުން މާ ބާރަށް ކުރިއަށް ހިނގިފައެއް ނެތް،" ތިން ރައީސުންގެ އެކުގައި ފެއްޓެވި މަސައްކަތުގެ ފަހުގެ އަޕްޑޭޓަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
ތަފްސީލު - ނަޝީދުގެ އެ ޖަވާބާ އެކު އެ މަސައްކަތް މިހާރު ހުއްޓުނީތޯ 'ދައުރު'ން ސުވާލު ކުރުމުން އެ މަނިކުފާނު ވިދާޅުވީ، "މަސައްކަތް ހުއްޓުނުކަމަށް އަޅުގަނޑަށް ދެންނެވޭކަށް ނެތް" ކަމަށެވެ.
ޔާމީންގެ ޕީއެންއެފުން މިފަހުން ބޭއްވި ޖަގަހަ ޖަލްސާތަކުގައި އެ މަނިކުފާނު ވަނީ ނަޝީދާއި އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އެ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނަޝީދު، ޔާމީނަށް ސީދާ ރައްދެއް ނުދެއްވަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެއީ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.
"އެއް ރައީސަކު އަނެއް ރައީސަކާ ގުޅޭ ގޮތުން ފާޅު ކުރާ ހިޔާލެއްގެ ސަބަބުން އަޅުގަނޑުމެެންގެ މި ބައްދަލުވުމަށް [ތިން ރައީސުންގެ މަސައްކަތަށް] އެއްވެސް ކަހަލަ ހިޔަންޏެއް ނާންނާނެ،" ޔާމީންގެ ވާހަކަތާ ގުޅޭ ގޮތުން ކޮމެންޓަކީ ކޮބައިތޯ އެހުމުން ނަޝީދު ވިދާޅުވި އެވެ.
"ދެން ސިޔާސީ ބޭނުންފުޅަށް އެކި އިރު، އެކި ވާހަކަ، އެކި ބޭފުޅުން އެބަ ދައްކަވާ. އެއީކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން."
ތިން ރައީސުންގެ މަސައްކަތް މަޑުޖެހިފައި އޮތީ ސީދާ ކޮން ސަބަބާކާ ގުޅިގެންތޯ އަދި އެއީ އެ ތިން ބޭފުޅުންގެ ވާދަވެރިކަން ބޮޑުވުމުންތޯ އެހުމުން ނަޝީދު ވިދާޅުވީ:
-
ސިޔާސީ ޕާޓީ ހަދައިގެން އުޅޭއިރު، ސިޔާސީ ލީޑަރުންގެ ވިސްނުން ވެސް ތަފާތުވާނެ؛ ނަމަވެސް "ތިން ފަރުދަކު ކަންބޮޑުވާ ކަންތައްތަކެއް ހުރެދާނެ، އެހެންވީމަ އެ ތިން ފަރުދުން އެކީގައި މަސައްކަތް ކުރުން އެއީ ވިސްނަފާނެ މަގެއް" ކަމަށް
-
އަދި އިއްތިހާދެއްގެ މަސައްކަތް ކުރުމަކީ އޮނިގަނޑަކުން ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެއީ ރިޔާސީ ނިޒާމުގައި ވެސް އޮންނަ ކަމެއް ނޫން ކަމަށް
"ދެން އަޅުގަނޑުމެން އެމްޑީޕީން ކުރަން ޖެހޭ ކަމެއް ކުރަން ޖެހެނީ، އެމްޑީޕީގެ ގައުމީ މަޖިލީހުން އެކަންތައް ނިންމައިގެން އެ ނިމުނު ގޮތަކަށް،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.
ތިން ރައީސުންގެ މަސައްކަތް ހުއްޓިފައި އޮތް ސަބަބަކީ ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެ މަސައްކަތް ނުހުއްޓޭ ކަމަށެވެ.
"އެ މަސައްކަތް ހުއްޓިފައި ކުޑަކޮށް ވެސް ނެތް. އަޅުގަނޑުމެން އިދާރާތަކަށް ލިޔަން ޖެހޭ ސިޓީތައް، ބައިނަލްއަގުވާމީ އިދާރާތަކަށް ލިޔަން ޖެހޭ ސިޓީތައް ވެސް އަދި އެކިއެކި އިދާރާތަކުގައި ޖައްސަން ޖެހޭ މައްސަލަތައް އަޅުގަނޑުމެން މިދަނީ ޖައްސަމުން،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.
ކޮމެންޓް