ކުރީގެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރެއްވުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސިޔާސީ

ތިން ރައީސުންގެ އެއްބަސްވުން: 'ގައުމު ހަމަ މަގަށް އެޅުވުން'

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވީ ރައީސް މުހައްމަދު މުއިއްޒު 'ހުދުމުހުތާރު' ވަމުން ގެންދަވާ ކަމަށް ވިދާޅުވެ
15 މޭ 2026

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް "ފާޅުގައި އަރައިގަނެ" ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހާއި އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރެއްވުމަށް މިރޭ ނިންމަވައިފި އެވެ.

ތަފްސީލް - އިދިކޮޅު ޕީއެންއެފްގެ ރައީސް ޔާމީނާއި އިދިކޮޅު އެމްޑީޕީގެ ލީޑަރުން ކަމަށްވާ ނަޝީދާއި ސޯލިހު މިރޭ މާލޭގައި ބައްދަލުކުރައްވައި ސޮއިކުރެއްވި ލިޔުމެއްގައިވަނީ އެކަންކަމާ ދެކޮޅަށް މަސައްކަތްކުރައްވައި "ގައުމު ހަމަ މަގަށް އެޅުވުމަށް" އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރެއްވުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މި ސަރުކާރުގެ މައްސަލަތަކުގެ ގޮތުގައި ކުރީގެ ތިން ރައީސުން ފާހަގަކުރެއްވީ:

  • މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން

  • ނޫސްވެރިން ޖަލަށް ލުން

  • ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލުން

  • ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވުން

  • ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގަނެފައިވީ ނަމަވެސް އެކަންކަން އިސްލާހުކުރުމަށް ސަރުކާރު ނުކުޅެދުން

  • ރައްޔިތުންގެ މުދާ އަމާނާތްތެރިކަމާ އެކު ބެލެހެއްޓޭ ކަމުގެ އިތުބާރު ގެއްލުން

  • ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދިޔުން

ކުރީގެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރެއްވުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އިދާރާ ބަލާ ފާސްކޮށް އެތަނުގެ އިސް ދެ ވެރިއަކަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އަދި އެ ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށް ލައިފަ އެވެ. އެހެންވެ، ޔާމީނާއި ނަޝީދާއި ސޯލިހު މިރޭ ވަނީ މިހާރުން މިހާރަށް ދެ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ. އެއީ:

  • ޖަލަށް ލާފައި ތިބި ދެ ނޫސްވެރިންނާއި އެކަމުގައި އަޑުއުފުލައިގެން ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލުން

  • ނޫސްވެރިންގެ މައްޗަށް ހިންގާ ގައިރު ގާނޫނީ ޝަރީއަތްތައް ހުއްޓާލުން

ވެސްޓު ޕާކު ކައިރީގައި ހުންނަ މ. ލާލްޕޫލްގެއާގޭގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ތިން ބޭފުޅުން އެކުގައި މިހާރު ގެންދަވަނީ ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމަވައި، ތިން ބޭފުޅުން ސޮއިކުރެއްވުމަށް ފަހު ނެރުއްވި ބަޔާން. (ދައުރު ފޮޓޯ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް