15 މޭ 2026 - ކުރީގެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރެއްވުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތިން ރައީސުންގެ އިއްތިހާދަށް ކިޔަނީ، 'ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓް'

ސޯލިހް ވިދާޅުވި ގޮތުގައި ނަޝީދު ޗެއާޕާސަން ރޭހުން ފަހަތަށް ޖެހި، އާ ލީޑަރުންނަށް ފުރުސަތު ދޭން ޖެހޭ؛ އަދި އިސްކަންދޭންވީ ތިން ރައީސުންގެ އިއްތިހާދުގެ މަސައްކަތަށް ކަމަށް ވިދާޅުވި

ކުރީގެ ތިން ރައީސުން މި ސަރުކާރު ޒިންމާދާރުކުރުމަށް ފެށި ހަރަކާތަށް ކިޔާނީ، 'ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓް' ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ އިއުލާން ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ނޫސްވެރިކަމުގެ މިނިވަންކަމަށާއި އެނޫންވެސް ބައެއް ކަންކަންމުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުމަށްޓަކައި ސޯލިހް ހިމެނޭހެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި އެ ބައްދަލުވުމަށް ފަހު އެ ގުޅުން ރަސްމީކޮށް، އެއްބަސްވުމަކަށް އާދެވުނުކަން ތިން ރައީސުން ހާމަ ކުރި އެވެ.

މި ގުޅުމަށް ކިޔާނެ ނަމެއް މިހާތަނަށް އޮތީ އިއުލާންނުކޮށެވެ. އެކަން ސޯލިހް އިއުލާން ކުރެއްވީ ރޭ އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންވަރުގައި ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕްެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - އެ ޖަލްސާގައި  ޗެއާޕާސަންކަމަށް ވާދަ ކުރައްވާ ނަޝީދަށް ބައެއް ވާހަކަތައް ރައްދުކުރައްވަމުން ސޯލިހް ވިދާޅުވީ ތިން ރައީސުންގެ އިއްތިހާދަކީ، 'ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓް' ކަމަށެވެ. އަދި ނަޝީދު ޗެއާޕާސަންކަމަށް ވާދަ ކުރުމުގެ ރޭހުން ބޭރުވެވަޑައިގެން، އެ އިއްތިހާދުގެ މަސައްކަތަށް އިސްކަން ދިނުމަށް ސޯލިހް އެދިވަޑައިގެންނެވި އެވެ.

"ގައުމުގައި އެބަހުރި މިއައަށް ވުރެ [އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަ ކުރުމަށް ވުރެ] މާ ބޮޑެތި މަސައްކަތް. އެހެންވެގެން ނޫންތޯ އިހަށްރޭ އަޅުގަނޑާއި ރައީސް ނަޝީދާއި ރައީސް ޔާމީންއާ އެއް މޭޒެއްގައި އިށީންދެ މަސައްކަތް މި ފަށައިގަތީ. އަޅުގަނޑުމެން މި އުފެއްދީ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓް ކިޔާ އިއްތިހާދެއް،" ސޯލިހް ވިދާޅުވި އެވެ.

ތިން ރައީސުން އެކުގައި މަސައްކަތް ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސޯލިހް ވިދާޅުވި ގޮތުގައި އެ ތިން ރައީސުންނަށް މިއަދު ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ، އެ އިއްތިހާދުގެ ތެރެއިން ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމެވެ.

އެ ތިން ރައީސުންގެ ތެރެއިން ނަޝީދާއި ސޯލިހް ނިސްބަތް ވެވަޑައިގަންނަވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށެވެ. އަދި ޔާމީން ނިސްބަތް ވެވަޑައިގަންވަނީ، އެމަނިކުފާނު އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފޮރޮންޓް (ޕީއެންއެފް) އަށެވެ. މި ތިން ރައީސުންގެ އިއްތިހާދުގެ ނަން އުފައްދާފައި މި ވަނީ ބެލެވޭ ގޮތުގައި އެ ދެ ޕާޓީގެ ނަމާ ގުޅުވާލާ ގޮތަށެވެ.

ނަޝީދު ޗެއާޕާސަންކަމަށް ވާދަނުކޮށް، އާ ލީޑަރުންނަށް ފުރުސަތު ދޭން ޖެހޭ: ސޯލިހް

24 ޑިސެމްބަރު 2025: ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެބޭފުޅުން އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން (ދައުރު ފޮޓޯ)

އެމްޑީޕީގެ ޗެއާޕާސަން ރޭހުގައި ސޯލިހް ހުންނެވީ، ނަޝީދާ ވާދަވެރި ކެންޑިޑޭޓު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ފަޅީގަ އެވެ. މީގެ ކުރިން މީކާއިލް ތާއީދު އޮތްކަން ސޯލިހް ވަނީ ހާމަ ކުރައްވާފަ އެވެ.

ރޭގެ ޖަލްސާގައި ސޯލިހް ވަނީ މީކާއިލްއަށް ތާއީދު ކުރައްވާ ސަބަބު ހާމަ ކުރައްވައިފަ އެވެ. އޭގެ އެއް ސަބަބަކީ، ސޯލިހް ވިދާޅުވި ގޮތުގައި އާ ލީޑަރުންނަށް ފުރުސަތު ދިނުމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ރައީސް ނަޝީދު ވާދަ ކުރައްވަންވީ އިންތިހާބެއް ނޫން،" 2023ގެ ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް ނަޝީދާ އެކު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރެއްވި ސޯލިހް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ރައީސް ނަޝީދަށް ބަދު ބަހެއް ބުނަނީކީ ނޫން. އެމަނިކުފާނު ކުރައްވާފައި ހުރި މަސައްކަތްތައް އަޅުގަނޑުމެން ބަލައިނުގަންނަނީ އެއްވެސް ނޫން."

ރޭ ހިންނަވަރުގައި ބޭއްވި މީކާއިލްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން (ފޮޓޯ/ ކެމްޕެއިން ޓީމް)

ސޯލިހް ވިދާޅުވީ އެ ވާހަކަ އެހެން ގޮތަކަށް މާނަކޮށްގެން ޕާޓީތެރޭގައި އިތުރު ބައިބައިވުމަށް ނޭދޭ ކަމަށެވެ. އަދި އެމަނިކުފާނު މީހާއިލްގެ ފަޅީގައި ހުުންނަވައިގެން ކެމްޕެއިން ކުރެއްވި ނަމަވެސް އަދި ވެސް ތިން ރައީސުންގެ އިއްތިހާދުގައި ނަޝީދާ އެކު ގުޅިގެން މަސައްކަތް ކުރެއްވޭނެ ކަމަށް ވެސް ސޯލިހް ވިދާޅުވި އެވެ.

ނަޝީދު ޗެއާޕާން ކަމަށް ވާދަ ކުރެއްވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުގެ ކުރިން، ސޯލިހް ދެއްކެވީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ހުދުމުހުތާރު ވެރިކަމަށް ދިޔަ ގޮތާ ގުޅޭ ގޮތުންނެވެ. އަދި ސިޔާސީ ބޭފުޅުން އާ ލީޑަރުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ބާރު އަޅުއްވާ ވެސް ވާހަކަ ދެއްކެވި އެވެ.

"ތިރީސް އަހަރު އެއް ވެރިއަކު ވެރިކަން ކުރުމަށް ފުރުސަތު ލިބިގެން ދިޔައީ ކީއްވެގެންތޯ؟ އެއާ ދޭތެރޭ ވިސްލާން ޖެހޭ. އޭގެ ސަބަބުން އެކެއް ނުވަތަ ދެ ޖެނެރޭޝަން ރާއްޖޭގެ ލީޑާޝިޕަށް އައުމަށް ފުރުސަތު ނުލިބިގެން ދިޔައީ. ހަގީގަތުގައި ހުދުމުހުތާރު ވެރިކަމަށް ރާއްޖެ ބަދަލުވެގެން ދިޔަ އެއް ސަބަބަކީ އެއީ،" 2028ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އަދި ވެސް ޝައުގުވެރިކަން އޮތްކަން ދޭހަވާ ގޮތަށް މަސައްކަތް ކުރައްވަމުން އަންނަ ސޯލިހު ނުސީދާކޮށް ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ވިދާޅުވި އެވެ.

ނޮވެމްބަރު 2023ގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، 25 އަހަރު މަޖިލީހުގެ މެންބަރުކަން ކުރެއްވި ސޯލިހް ވަނީ މައުމޫންގެ ހުދުމުހްތާރު ވެރިކަމުން ބައެއް މިސާލުތަކެއް ވެސް ޖައްސަވައިފަ އެވެ. އަދި  ޕާޓީ ތެރޭގައި "އެފަދަ ދިގު ވެރިކަމަށް ތަޖުރިބާ ނުކުރުމަށްޓަކައި އާ ލީޑާޝިޕަކަށް ފުރުސަތު ދޭން ޖެހޭ" ކަމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން [ކުރީގެ ރައީސުންގެ ހައިސިއްޔަތުން] ކުރަންވީ ކަމަކީ، މި ސަރުކާރު ބަދަލުކުރުމަށްޓަކައި މިހާރުން މިހާރަށް ކުރަން ޖެހޭ މަސައްކަތް ކުރުން. ޕާޓީގެ ލީޑާޝިޕަށް އާ ބަޔަކު ގެނެސް، އަޅުގަނޑުމެންގެ ތަޖުރިބާއާ އެކު އިހުސާސްތަކާއި ކުރިމަތިވި ދަތިތަކާ އެކު މި ގައުމަށް އަނެއްކާ ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެކުގައި ކުރަންވީ ކަންކަން ކުރުން،" ސޯލިހް ވިދާޅުވި އެވެ.

ޒުވާނުން ކަމަކަށް ނުކުތުމުން އަބަދު ވެސް ދައްކާ ބަހަނާއަކީ އެމީހުންގެ ތަޖުރިބާ ނެތް ކަމަށް ބުނުން ކަމަށް ފާހަގަ ކުރައްވައި، ސޯލިހް ވިދާޅުވީ، މީހުން މީހުންނަށް ވަނީ މީހުންނަށް ހެދީމާ ކަމަށެވެ.

"ތިމަންނައޭ އެންމެ މޮޅު މީހަކީ. މަގު މައްޗަށް ނުކުތީމާ، ތިމަންނައަށް ފެންނަނީ ފުޅާވެފައި އޮތް ތިމަންނަގެ އަތް އެކަނި ކަމުގައިވާ ނަމަ، ދެނެއް ކުރެވޭނެ ކަމެއް ނޯންނާނެ،" ނަޝީދަށް ނުސީދާކޮށް ރައްދު ދެއްވަމުން ސޯލިހް ވިދާޅުވި އެވެ.

ކޮމެންޓް (1)

ކުރިކީލަ

21 މޭ 2026
ތިޔައޮތީ އެއްޗެއް ކަތިލާފަ ނުވަތަ ނުކަތިލާ ނަމަވެސް ނަމެއްކިޔާފަ. އެކަމަކު " އެމް.އޯ" ނުވަތަ " މުއިއްޒު އައުޓު" ކިޔުމުން ވައިގަ ހިފުން ބޮޑުވާނެ. އިންޑިއާ އައުޓު ކިޔަން ޕީ.އެން.ސީ ކުދިން ފަރިތަކޮށްފައިވާތީ އެވެރިންވެސް "އެމް.އޯ" ކިޔުމުގައި ބައިވެރިވާނެ..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް