ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)
ސަރުކާރުން ފޮނުވި ގޮތަށް ސިނގިރޭޓް އަގު ކުޑަ ކުރަން ކޮމިޓީން ފާސްކޮށްފި
ސަރުކާރުން ފޮނުވި ގޮތަށް އިތުރު ބަދަލެއް ނުގެސް، ސިނގިރޭޓުގެ އަގު ކުޑަ ކުރާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ފޮނުވި ބިލު، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ސިނގިރޭޓް ޑިއުޓީގެ ގޮތުގައި މިހާރު ނަގާ 8ރ.ގެ ބަދަލުގައި 4ރ.އަށް ހެދުމަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމް، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ މިދިޔަ ހަފްތާގަ އެވެ.
އެ ބިލު ބަލައިގަނެ، ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް މިދިޔަ ބުދަ ދުވަހު އޮތީ ފޮނުވާފަ އެވެ. މިއަދު އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައި 30އަކަށް މިނެޓް ތެރޭ ބިލުގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލު - އެ ބައްދަލުވުމުގައި މި ބިލު އިތުރަށް އިސްލާހު ކުރުމަށް އިދިކޮޅު ބައެއް މެންބަރުން ވަކާލާތު ކުރެއްވި އެވެ. ނަމަވެސް އެކަމަށް ތާއީދު ނުލިބި، ޕީއެންސީގެ ޕާލިމަންޓްރީ ގްރީޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރުމަށެވެ.
އެ ހުށަހެޅުމާ އެއްގޮތަށް ބިލު ކޮމިޓީން ފާސްކޮށްފައި ވަނީ، 69 މެންބަރުންގެ ތާއީދާ އެކު އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ތިން މެންބަރަކު މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، މި ވޯޓުގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އެއީ:
-
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
-
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
-
ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
މި ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމާފައިވާއިރު، މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ވޯޓަށް އަހާނެ ކަމަށް ބެލެ އެވެ.
ކޮމެންޓް