ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)
ސިނގިރޭޓް އަގު ކުޑަކުރާ ބިލު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށަް
ސިނގިރޭޓު ޑިއުޓީ 4ރ.އަށް ކުޑަކުރަން ޖެހޭ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން 3.50ރ.އަށް ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ.އަށް ބޮޑުކުރީ ޑިސެމްބަރު 2024ގަ އެވެ. މި ސަރުކާރުން އެ ބަދަލު އޭރު ގެނައީ ވޭޕް މަނާކުރުމާ އެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ ކަމަށް ބުނެ އެވެ. ނަމަވެސް:
-
ޑިއުޓީ ބޮޑުކުރިތާ ދޮޅު އަހަރެއް ފަހުން މިދިޔަ މަހު ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޑިއުޓީ 4ރ.އަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކުރާކަން ހާމަކުރައްވައިފައި
-
އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން، ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވި
ތަފްސީލް - އެ ބިލުގެ ފުރަތަމަ ބަހުސް މިއަދުގެ ޖަލްސާގައި ނިންމައި، ވޯޓަށް އެހުމުން، ބިލު ބަލައިގެންފައި ވަނީ، 49 މެންބަރުންގެ ވޯޓާ އެކު އެވެ. އެއާ އެކު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުއްވިކަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީއަކީ، މަޖިލީހުގެ ހުރިހާ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޮޑު ކޮމިޓީ އެވެ. މި ކޮމިޓީއަށް ފޮނުވަނީ އަވަހަށް ފާސްކުރަން ބޭނުންވާ ބިލުތަކާއި މާލީ ކަންކަމާ ގުޅޭ ބިލުތަކެވެ.
ޑިއުޓީ ކުޑަކުރާ އިސްލާހަށް އަމަލު ކުރަން ފަށާނީ، ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި މި ބިލާ ގުޅިގެން ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް 30 ދުވަހުގެ ތެރޭގައި ގެނަން ޖެހެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން ސިނގިރޭޓް ޑިއުޓީ ކުޑަކުރަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެގޮތަށް ލަފާ ލިބިގެންނެވެ.
ކޮމެންޓް