ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ސިނގިރޭޓު ޑިއުޓީ %50 ކުޑަ ކުރުމާ މެދު ވިސްނަމުންދާ ކަމަށް ސަރުކާރުން ބުނެފި

މިނިސްޓަރު އިހްސާން ވިދާޅުވި ގޮތުގައި، ޑިއުޓީގެ ރޭޓް 8ރ. އިން 4ރ.އަށް ކުޑަ ކުރުމަށް ޑަބްލިއުއެޗްއޯއިން ލަފާ ދީފައިވޭ

ސިނގިރޭޓު ޑިއުޓީ %50 ކުޑަ ކުރުމަށް ވިސްނަމުންދާ ކަމަށާއި އެކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު، ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން މިކަން ހާމަކޮށްފައި ވަނީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ކެބިނެޓްގެ ބައެއް ނިންމުންތައް ހާމަ ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، 2024 ވަނަަ އަހަރު ފަހުކޮޅު އޭރު ސިނގިރޭޓު ޑިއުޓީ ބޮޑު ކުރީ އެ ދަނޑިވަޅު ވޭޕް މަނާ ކުރުމާ ގުޅިގެން އެ ބޭނުން ކުރާ ފަރާތްތަކުން ސިނގިރޭޓު ބޭނުން ކުރަން ފަށާފާނެ ކަމަށް ބަލައިގެން ކަމަށެވެ. އެހެންވެ އެ ސަބަބަށްޓަކައި އޭރު ހަދާފައިވާ ދިރާސާތަކާއި ތަޖުރިބާކާރުން ދިން ލަފައާ އެކު ޑިއުޓީ ރޭޓް ބޮޑު ކުރުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭޕްގެ ޑިމާންޑުގައި އޭރު ތިއްބެވި ބޭފުޅުން ކުއްލިއަކަށް ޓޮބޭކޯއަށް ބަދަލުވެދާނެ ކަމަށްޓަކައި ނުވަތަ ސިނގިރޭޓު ބޭނުންކޮށްފާނެ ކަމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުން ކުރާ ޓޫލްއެއް ޑިއުޓީ ރޭޓްތައް ބަދަލު ކުރުމަކީ... [އެހެންވެ] އޭރު 3.50ރ. އިން 8ރ.އަށް އަޅުގަނޑުމެން ޑިއުޓީ ރޭޓް ބޮޑު ކުރިން،" އިހުސާން ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

އެއާ އެކު މިނިސްޓަރު ވިދާޅުވީ، އެ ދަނޑިވަޅުގައި ސިނގިރޭޓް ޑިއުޓީ ބޮޑު ކުރަން ނިންމި ނިންމުމަކީ ސަރުކާރުން ނިންމި އުދަނގޫ ނިންމުމެއް ކަމަށެވެ. އަދި އޭރެއްގައި ދިރާސާތަކުން ދައްކާ ރޭޓެއްގައި ޑިއުޓީ ރޭޓަށް ބަދަލު ގެނައުމަކީ ސަރުކާރުން އަބަދު ވެސް ވިސްނުން ގެންގުޅެމުން އައި ގޮތް ކަމަށް ވެސް އޭނާ ވދިާޅުވި އެވެ.

"މި ވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗްއޯއިން ހަދާފައިވާ ދިރާސާއަކުން ރާއްޖެއަށް 2026 ވަނަ އަހަރަށް ރިކޮމެންޑްކޮށްފައި އޮތް އެއް ޑިއުޓީ ރޭޓަކީ 4ރ.ގެ ގޮތުގައި. މިއީ އަޅުގަނޑުމެން ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް މިހާރު ވެސް،" އިހުސާން ވިދާޅުވި އެވެ.

ޑިއުޓީ ރޭޓް 8ރ. އިން 4 ރ.އަށް ކުޑަ ކުރާ ނަމަ، އެއީ %50ގެ ކުޑަ ވުމެކެވެ. 

"ކަމާ ގުޅުން ހުރި އިދާރާތަކާ އަދި މިކަމުގައި ނިންމުމެއް ނިންމުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މަޝްވަރތައް ކުރާނަން. އަދި މަޝްވަރާކުރުމަށް ފަހު، އެ ރޭޓަށް [4ރ.އަށް] ދާން އަޅުގަނޑުމެންނަށް އެއްބަސްވެވޭ ނަމަ، ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ،" އިހުސާން އިތުރަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި، މި ބަދަލުތައް ގެންނައިރު މާކެޓް ޑިމާންޑްއަށް އަންނަ ބަދަލުތައް އަދި މި ނިންމުންތަކުން ކުރާ އަސަރުތައް ހިސާބުކޮށް، ފަންނީ މާހިރުން ދޭ ލަފައަށް އަބަދު ވެސް ރިއާޔަތް ކުރާނެ އެވެ. އަދި ވަކިން ހާއްސަކޮށް ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގުވާމީ ޖަމިއްުޔާތަކުން ދޭ ލަފާތަކަށް ބަލާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދުންފަތާ ދެކޮޅަށް ގައުމީ ކެމްޕެއިނެއް ފެށުމަށް ނިންމާފައިވާކަން ވެސް ވަޒީރުން ހާމަ ކުރެއްވި އެވެ.

ކޮމެންޓް (5)

ތެފައާސާ.

1 ޖޫން 2026
ޑިއުޓީ ބޮޑުކޮށްފި. ޑިއުޓީ ކުޑަކޮށްފި. ބިއުރޯގެ ހެޑުކަން ދީފި. ބިއުރޯގެ ހެޑުކަމުން ވަކިކޮށްފި. ދެމެހެއްޓެނިވި ދުރުރާސްތާ ވިސްނުމާއި ސިޔާސަތާއި ނިންމުންތަކުގެ ލާމަސީލު މިސާލުތައް.
0 0

އުނބުށޭމު

31 މޭ 2026
އުނބަށް ޖަހަނީ. ހުރިހާ ކަމެއްވެސް މިހެން.
2 0

އިސްމާލު2.0

31 މޭ 2026
ވޭޕް މަނާކުރުމުން، ވޭޕް ބޯ މީހުން ސިނގިރޭޓު ބޯން ފަށާފާނެކަމަށް މިނިސްޓަރު އެ ބުނީ ކޮން ދިރާސާއަކަށް ހަވާލާދީފަތޯ؟ އެހެންވެގެންތަ އާ އާމުދާނީގެ ސިޔާސަތުގެ ގޮތުގައި ބަޖެޓު ފޮތުގައި ދުންފަތުން ބޮޑުކުރި ޑިއުޓީ ހިމެނީ؟ ދުނިޔެދައްކާ ހަގީގަތެއް ނޫންތަ އެއީ ދެވިހިފާ އެއްޗެއްކަން. އޭތި ހޯދެން އޮތްގޮތަކަށް ހޯދަން ބޭނުންވާ މީހުން ހޯދާނެ. ވަގަށް އެތެރެވެސް ކުރާނެ. ސިޔާސަތުތައް ހަދާ ތަންފީޒުކުރަން ތިބޭ މީހުންގެ ތަންދޮރު ނުދަންނަކަމާއި ނޭނގޭކަން އިންތިހާއަށް ދިޔައީމާ ދެން ޖެހޭނީ ސިޔާސަތު އުނބަށްޖަހަން.
3 0

ކޮމޮޑަސް

31 މޭ 2026
ފުރުތަމަ ތިޔަ ޑިއުޓީއެއް ބޮޑުކުރިއިރު، ފުޅާ ދާއިރާއެއްގައި މަޝްވަރާ ނުކުރީމާ ތިޔަ ލަނޑު ލިބުނީ. 2025 ވަނަ އަހަރުގެ ބަޖެޓު ފޮތުގައި އޮތީ ޖަހާލާފައި، 1.1 ބިލިއަން ރުފިޔާ ލިބޭނޭ - ތިޔަ ބޮޑުކުރި ޑިއުޓީއަކުން. އާހިރު ނަތީޖާ ކިހާ ތާހިރު؟ މީގެ ކުރިން ދުވަހަކު ދަށަށް ނުދާވަރަށް ޖުމުލަ އިމްޕޯޓު ޑިއުޓީގެ އާމުދަނީ އޮތީ ދަށަށް ގޮސްފައި. ރާއްޖޭގައި މީގެކުރިން ނެތް ސިނގިރޭޓުގެ ކަޅު ބާޒާރެއްވެސް އުފައްދައިފި. އަހަންނަށް ޔަގީން ބޮޑުކުރި ޑިއުޓީ އާއި ބަލާފައި ނިސްބަތުން ސިނގިރޭޓު ހުއްޓާލި މީހުންވެސް މާ ގިނައެއް ނުވާނެކަން. މިއީ ސިޔާސަތު ވަނދުވީމާ ލިބޭނެ ލޮޓި. މިއީ ވެރިކަން ކުރަން ނޭނގޭތީ ވާނެ ކަންކަން.
4 0

ޔޭޔޭ

31 މޭ 2026
ޔޭ......... ދުންފަތާ ދެކޮޅު ކެމްޕެނު ފެށުމަށް، ދުންފަތް ލިބުން ފަސޭހަކޮއްލީމަ ދުންފަތާ ދެކޮޅު ކެމްޕެނު ވަރަށް ކާމިޔާބް ވާނޭވާނޭ...... ޔޭ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް