ނިމިދިޔަ މަޖިލިސް އިންތިހާބުގެ ޕީއެންސީ ކެމްޕެއިން ޖަލްސާއެއްގައި ޝަކީލް ވާހަކަ ދައްކަވަނީ: އެންމެ ފަހުން އޭނާ ހުންނެވީ އެ ޕާޓީގެ ރަޖިސްޓްރާގެ މަގާމުގައި. (ފައިލް ފޮޓޯ)

ޕީއެންސީގެ ޝަކީލް އީސީއަށް އައްޔަން ކުރަން ރުހުން ދީފި

ޝަކީލް ފަދަ ސިޔާސީ ބޭފުޅެއް އީސީ ފަދަ މިނިވަން މުއައްްސަސާއަކަށް އައްޔަން ކުރަން ރައީސް ފޮނުއްވުމުން ބައެއް އާންމުން އެކަމަށް ފާޑުކިޔުން އަމާޒުކޮށްފައިވޭ

ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ ސެނެޓް މެންބަރުކަމާއި އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަކީލަކީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާ އީސީއަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފްތާގަ އެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނާތީޖާއަށް ފަހު، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ތަފްސީލު - ޒާހިދުގެ ބަދަލަށް އީސީއަށް އައްޔަން ކުރަން ރައީސް އިހްތިޔާރު ކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ޝަކީލެވެ. ރައީސް އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީން ޝަކީލްއަށް ރުހުން ދިނުމަށް އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އޮތީ ކޮމިޓީގެ އެ ރިޕޯޓަށް ވޯޓަށް އެހުމެވެ. ކޮމިޓީން ފާސް ކުރި ގޮތަށް ޝަކީލް އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ 51 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ހަތް މެންބަރުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޝަކީލް ފަދަ ސިޔާސީ ބޭފުޅެއް އީސީ ފަދަ މިނިވަން މުއައްްސަސާއަކަށް އައްޔަން ކުރަން ރައީސް ފޮނުއްވުމުން ބައެއް އާންމުން އެކަމަށް ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.

ޝަކީލް ޕީއެންސީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް މިހާރު އެ މަގާމު އޮތީ ހުސްކޮށެވެ. އޭނާއަކީ ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓް މެންބަރެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް