އިލެކްޝަންސް ކޮމިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް ޒާހިދު ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/މުޒައްޔިން ނާޒިމް)

އީސީގެ ރައީސްކަމުން ޒާހިދު އިސްތިއުފާ ދެއްވައިފި

ޒާހިދު ވަނީ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވައިފި އެވެ. 

ވީކިހިނެއް؟ - ޒާހިދު މިއަދު އިސްތިއުފާ ދެއްވިކަން އީސީން 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ. 

ތަފްސީލް - އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު 'ދައުރު'އަށް ވިދާޅުވި ޒާހިދު އިސްތިއުފާ ދެއްވީ މިއަދު މީގެ ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު ކުރިން ކަމަށެވެ. 

"އެއްވެސް ސަބަބެއް ވިދާޅެއް ނުވޭ," ސަލާހް ވިދާޅުވި އެވެ. 

ޒާހިދު މިއަދު އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ވެސް މެ އެވެ.

އީސީގެ ރައީސްގެ މަގާމަކީ މިހާރު ވަކިން ނަން ފޮނުވައިގެން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ.

ފާހަގަކޮށްލެވޭ - ޒާހިދު އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭނާ އެ ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރީ ޖެހިގެން އައި ފެބްރުއަރީ މަހުގަ އެވެ.

ޒާހިދު އޭގެ ކުރިން މަސައްކަތްކުރެއްވީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް)ގެ މެންބަރެއްގެ ގޮތުގަ އެވެ.

ގުޅުން ހުރި - ޒާހިދުގެ ލީޑާޝިޕްގައި އީސީން ބޭއްވީ ނިމިގެން ދިޔަ ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެވެ. ހިޔާލު ހޯދުމުގެ ވޯޓު ނެގީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާން ފެނޭތޯ ބެލުމަށެވެ. 69% ވޯޓު ލިބުނީ ނުފެންނަ ކަމަށެވެ.

އޭގެ އިތުރުން ޒާހިދު އިސްތިއުފާ ދެއްވި ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އީސީން ތައްޔާރުވަމުންދާ ދަނޑިވަޅެވެ. އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގަ އެވެ.

ކޮމެންޓް (6)

މުތޯގެ ސަންދޮކު ގެ

3 މޭ 2026
ކީވެއްހޭ މުއިއްޒު ވެރިކަމުގައި ވަގުންނަން ނޫނީ ހިފަހައްޓާ ނުލެވެނީ ދައުލަތުގެ މަގާމްތަކުގައި. މަ މިއޮއް ހުރިހާ ދުވަހު ކިޔަމުން އައީ ދައުރު މެދުން ރައީސް ބާލަން އުޅުމަކީ ގައުމު ހަލަބޮލިވާ ބޮލާ ނުހުރުއްޕާން ކަމެކޭ. އެކަމު ލިބޭ ފައިދާ އަށްވުރެ ގެއްލުން ބޮޑު. މިހާރު މަ ބަލިވެއްޖެ. ކިިޔާ ލަވަ ބަދަލުކޮށްފިން ބެލެންސް ކާޓައިފި. މީ ދެން ފުކެއް ބޮޑުވަރު. ކުރިން 200 ޕަސެންޓަށް ތާއީދު ކުރި މީހުންވެސް ދައުލުގެ ފައިސާއިން ނުހައްގު ގޮތުގައި ބަހާތި ތިބީ ފޫހިވެފައި. އަދި ބަހަނީ 40 ހާހުން 60 ހާހުން ނަމެއްގައި ވަޒީފާއޭ ކިއައިގެން. އަހަރެމެންގެ ޓެކްސް ފައިސާއިން މަސްވިހާ ފަޅު ހަލާކު ކުރުން ނޫކަމެއް ނުކުރި. ދެން ފުދިއްޖެ. ބައި ބައި
1 0

ތަގުޑި

1 މޭ 2026
އިންތިހާބުގެ ކަންކަން ބޭނުންވާގޮތަށް ގެންދަން އެއްބަސް ނުވެވުނީ ކަމަށްވާނީ.
1 0

ކޮސް

1 މޭ 2026
ޒާހިދު އިސްތިއުފާ ދެއްވީ އެބޭޅާގެ ޒާހިދުކަމުންތަ؟
1 1

ށޑިރާސާ

1 މޭ 2026
ކޮމިޝަނުގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނަސް ކޮމިޝަނުގެ މެންބަރު ކަމުގައި ހުރެވޭނެ ދައުރު ހަމަވަންދެން.. ދައުރު ކުދިން ޔަގީން ކޮއްލަދީ ކޮމިޝަނުން އެއްކޮށް ވަކިވީތޯ ، ހަމައެކަނި ރައީސްގެ މަގާމުން އިސްތިއުފާ ދިނީތޯ
0 0

ތެފައާސާ.

1 މޭ 2026
ހުކުރު ދުވަހެއްގެ މެންދުރު؟
1 1

1235

1 މޭ 2026
@ތެފައާސާ. ދިވެހިރާއްޖޭގަ ކަން ކުރަމުން އަންނަ ސަގާފަތް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް