ހައްޖު ކޯޕަރޭޝަނުގެ އެމްޑީ މުހައްމަދު ޝަކީލް (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ޒާހިދުގެ ބަދަލަށް އީސީއަށް ޕީއެންސީގެ ޝަކީލް އައްޔަން ކުރަން ފޮނުވައިފި

ޔާމީންގެ ސަރުކާރުގައި އީސީގެ މެންބަރުކަން ކުރެއްވި ޝަކީލްއަކީ، ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓް މެންބަރެއް އަދި އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މެންބަރެއް

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަން ކުރުމަށްޓަކައި ރުހުން ހޯދުމަށް މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނާތީޖާއަށް ފަހު، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެއާ އެކު ޝަކީލް އެ މަގާމަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ.

ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ޝަކީލް އެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވި ސިޓީ ވަނީ އިއްވައިފަ އެވެ. އެ ސިޓީގައި އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ހިމަނާފައިވެ އެވެ. ނަމަވެސް ރައީސް އިހްތިޔާރު ކުރެއްވީ ހަމައެކަނި ޝަކީލް އެވެ.

އެ ސިޓީ މަޖިލީހުން އަދި އާންމު ނުކުރާތީ، ދެން ކުރިމަތިލެއްވި ބޭފުޅުން އަދި ނޭނގެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޝަކީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އީސީގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓް މެންބަރެކެވެ. އަދި އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މެންބަރެކެވެ.

ކޮމެންޓް (1)

profile-image-placeholder

ތެފައާސާ.

1 ގަޑިއިރު ކުރިން
މަ ހީކޮށްގެން ހުރީ އިލެކްޝަން ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް!!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް