އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އެ އޮތޯރިޓީގެ އޮފީހުގައި (ފޮޓޯ/ އެލްޖީއޭ)

އަތޮޅު ކައުންސިލްތައް އުވާލުމުން އެސްޖީން ވަކިކޮށްފި

އަތޮޅު ކައުންސިލްތަކުގައި ތިބި އެހެން މުވައްޒަފުންނާ ހިލާފަށް ކައުންސިލްގެ އިދާރީ އިސް މަގާމު ކަމަށްވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ސީދާ އަތޮޅު ކައުންސިލަކަށް ނިސްބަތްވާ މަގާމަކަށް ވާތީ އެ މަގާމު މިހާރު އުވިގެންދާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނި

އަތޮޅު ކައުންސިލްތައް އުވާލުމުން އެ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމުގައި ތިބި މީހުން އެ މަގާމުން ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބަޔާންކުރާ ގޮތުގައި އަތޮޅު ކައުންސިލްތަކުގެ އެންމެ ފަހުން އޮތް ދައުރު ހަމަވުމާ އެކު އަތޮޅުތަކުގެ ހިންގުން ހަވާލުވަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ އެވެ. 

އެ އިސްލާހުގެ ދަށުން ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ގާއިމުކުރުމަށް ނިންމި ނަމަވެސް، ކުރީގެ ދައުރު ހަމަވެގެން ދިޔައިރު އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް މަގާމު ފުރި މީހުންނަށް އެ މީހުން މަގާމުން ވަކިކޮށްފައިވާ ކަމުގެ ލިޔުން ވަނީ ފޮނުވައިފަ އެވެ.

ތަފްސީލް - ސިވިލް ސާވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހީމް ރަޝީދު 'ދައުރު'އަށް މިއަދު ވިދާޅުވީ އެސްޖީން މަގާމުން ވަކިކުރަން ޖެހުނީ އެ މަގާމަކީ ސީދާ އެ އަތޮޅު ކައުންސިލެއް އިދާރީ ގޮތުން ހިންގުމަށްޓަކައި އެ ކަންކަން ބަލަހައްޓަން އުފައްދާފައިވާ އިސް މަގާމު ކަމަށެވެ.

އެހެންވެ، އަތޮޅު ކައުންސިލްތައް އުވާލުމުން އެ މަގާމު ވެސް އުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޑަންޑެންސީގެ އުސޫލުން އެސްޖީން ވަކިކުރަން ނިންމައި ރިޑަންޑެންސީ އެލެވަންސެއް ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެލްޖީއޭގެ ހިދުމަތްތައް އަތޮޅުތަކުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެހެން އިދާރީ މުވައްޒަފުން ބަދަލު މި ކުރީ އެލްޖީއޭއަށް. އެކަމަކު އެސްޖީންނަކީ ސީދާ އެ އަތޮޅު ކައުންސިލަކަށް، ވަކި ދައުރަކަށް އައްޔަންކުރާ ބައެއް،" ރަޝީދު ވިދާޅުވި އެވެ.

ކޮމެންޓް (2)

އަސްލު

12 ޖޫން 2026
މިވެސް ބޮޑު ކަމެއް ، މަގާމުތައް އުވާލުމާއި ، ބަދަލު ކުރުމުގެ ސަބަބުން މީހާގެ އެއްވެސް ކުށެއް ނެތި ވަޒީފާ ގެއްލުން. ވަޒީފާ އަދާ ކުރާ މީހާ ފަރާތުން ވަޒީފާއިން ވަކި ކުރަންޖެހޭ ވަރުގެ ކަމެއް ނުފެންނަހާ ހިނދަކު ، ގަނޫނަށް އަންނަ ބަދަލަކުން ، ސިޔާސަތަށް އަންނަ ބަދަލަކުން ވަޒީފާއިން ވަކި ކުރެވިގެން. ތިގޮތަށް ތިކަން ކުރަންޏާ ތައުލީމީ ގާބިލު ، ޕްރޮފެޝަނަލް މީހުން މަގާމުތަކަށް ނާންނާނެ.
0 1

ސިކުނޑި

11 ޖޫން 2026
ދައުރުގެ ފުރަތަމަ ހާފުގައި ހޭވިހަޑި ސާފު ކުރުމުގައި ދެވަނަ ހާފު ދާނީ! ރައްޔިތަކަށް އެއްކަމެއްވެސް ވާނެކަމަކަށް ނުބެލެވޭ! ވައުދުތަކާއި މެނިފެސްޓޯ ވީތަނެއް އިނގޭ މީހެއްނެތް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް