އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އެ އޮތޯރިޓީގެ އޮފީހުގައި (ފޮޓޯ/ އެލްޖީއޭ)

އަތޮޅުތައް

ކައުންސިލްތަކުގެ އާ ދައުރާ އެކު އަތޮޅުތައް ހިންގާނީ އެލްޖީއޭން

މިހާރު ހިނގަމުންދާ އަތޮޅު ކައުންސިލްތަކުގެ ދައުރު އަންނަ މަހު ހަމަވުމުން ދެން އަތޮޅު ކައުންސިލްތަކެއް ނޯންނާނެ؛ ކައުންސިލްތަކުގެ މެންޑޭޓާ އެކު މި ސަރުކާރުން އެކުލަވާލި ހާއްސަ މިނިސްޓްރީ ވެސް އުވާލުމުން އާންމުންގެ ތެރޭގައި ސުވާލުތަކެއް ވަނީ އުފެދިފައި

މިހާރު ހިނގަމުންދާ އަތޮޅު ކައުންސިލްތަކުގެ ދައުރު އަންނަ މަހު ހަމަވުމުން އަތޮޅުތަކުގެ ހިންގުން ހަވާލުވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އާކަން ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބަޔާންކުރާއިރު، އަތޮޅުތަކުގެ ހިންގުމަށް ވާނެ ގޮތަކާ މެދު މީހުން ސުވާލު އުފައްދާތީ އެކަން ފާހަގަކޮށް އެލްޖީއޭން މިއަދު ބަޔާނެއް ނެރެފި އެވެ.

ވީކިހިނެއް؟ - ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލްތައް އިންތިހާބުކޮށްފައެއް ނުވެ އެވެ. އެއީ އަތޮޅު ކައުންސިލްތައް އުވިގެންދާ ގޮތަށް، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، އެ އިސްލާހުތައް ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމުންނެވެ.

ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގައި މިނިސްޓްރީތަކުގެ މެންޑޭޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ލޯކަލް ގަވަމެންޓް މިނިސްޓްރީ ސަރުކާރުން ވަނީ އުވާލާފަ އެވެ. އެހެންވެ އަތޮޅުތަކުގެ ހިންގުން ދެން ހިނގާނެ ގޮތަކާ މެދު ބައެއް މީހުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައިވެ އެވެ.

ތަފްސީލް - އަތޮޅު ކައުންސިލްތައް އުވާލުމަށް ފަހު، ލާމަރުކަޒީ ގާނޫނަށް ދެން ގެނައި ބަދަލަކީ އެލްޖީއޭގެ ބާބުގައި ހިމެނޭ އެ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިދާރީ ދާއިރާ ނުވަތަ އަތޮޅުތައް ހިންގުމުގެ ކަންކަން ހިމަނާފައިވެ އެވެ. އެގޮތުން:

  • އިދާރީ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ކަމާ ބެހޭ ފަރާތްތަކަށް ދިނުން

  • އިދާރީ ދާއިރާގެ ފެންވަރުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް، ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކާ އެއްހަމަކުރުމަށްޓަކައި ގައުމީ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުން

  • އިދާރީ ދާއިރާތަކުގެ ތަރައްގީއަށް ކުރެވެން ހުރި ކަންކަން ދިރާސާކޮށް، ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު، ލޯކަލް ކައުންސިލްތަކަށް މައުލޫމާތު ފޯރުކޮށްދިނުން

  • އިދާރީ ދާއިރާގައި ހިމެނޭ ރަށްތަކުގެ ރަށްވެހި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލޯކަލް ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ގައުމީ އިދާރާތަކާ ގުޅިގެން ހައްލުކޮށްދިނުން

މީގެ އިތުރުން 'ލާމަރުކަޒީ އުސޫލުން އެލްޖީއޭގެ ހިދުމަތްތައް ދިނުމާއި އޮތޯރިޓީގެ އޮފީސްތައް ގާއިމުކުރުން' ނަމުގައި އެ މާއްދާއަށް އިތުރު ނަންބަރެއް ވެސް ހިމަނާފައިވެ އެވެ. އޭގައި އޮންނަނީ:

  • އެލްޖީއޭގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އިދާރީ ދާއިރާގެ ފެންވަރުގައި ލާމަރުކަޒީ އުސޫލުން ތަންފީޒުކޮށް ހިންގޭނެ އިންތިޒާމުތައް އެލްޖީއޭން ހަމަޖައްސަންވާނެ

  • އެކަން ތަންފީޒުކޮށް ހިންގުމަށާއި އެ އޮތޯރިޓީން ދޭން ޖެހޭ ޚިދުމަތްތައް އިދާރީ ދާއިރާގެ ފެންވަރުގައި ދިނުމަށް، އެ އޮތޯރިޓީގެ އޮފީސްތައް އިދާރީ ދާއިރާތަކުގައި ގާއިމުކޮށް ހިންގުމުގެ އިހުތިޔާރު އެ އޮތޯރިޓީއަށް ލިބިގެންވޭ

  • އެގޮތުގެ މަތިން އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީހެއް ގާއިމުކުރާ ނަމަ، ގާއިމުކުރަން ވާނީ އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން އެ އިދާރީ ދާއިރާގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅާފައިވާ ރަށެއްގައި

  • އެފަދައިން ގާއިމުކުރެވޭ އޮފީހުގެ އޮނިގަނޑާއި އޮފީސް ހިންގުމުގެ އުސޫލުތަކުގެ އިތުރުން، އެ އޮފީހަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވެސް ކަނޑައަޅާނީ އެލްޖީއޭއިން

މީގެ އިތުރުން، އަތޮޅު ކައުންސިލްތައް އުވުމުން އޭގެ ކުރިން އަތޮޅު ކައުންސިލްތަކުގައި ހުރި މުދަލާއި ވަސީލަތްތައް ބަދަލުވަނީ އެލްޖީއޭއަށް ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.

އަތޮޅު ކައުންސިލްތަކުގައި ހުރި ފައިސާއަށް އަމަލުކުރަން ޖެހޭނެ ގޮތަކަށް ބުނެފައިވަނީ މާލީ ކަންކަން ހަވާލުކުރާ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އެ އަތޮޅެއްގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކަށް ބަހާލުމެވެ.

ބުނީ ކީކޭ؟ - އެލްޖީއޭން މިއަދު ނެރުނު ބަޔާނުގައި ބުނީ އަތޮޅު ކައުންސިލްތަކުން އަދާކުރަމުން ދިޔަ މަސްއޫލިއްޔަތާއި އެ ތަންތަނުގެ ވަސީލަތްތައް އެލްޖީއޭއަށް ބަދަލުވާނެކަން ގާނޫނުގައި ބަޔާންކޮށްފައި އޮންނާތީ އާއި އަތޮޅުތަކުގައި އެލްޖީއޭގެ އޮފީސް ގާއިމުކުރުމުގެ އިހުތިޔާރު ދީފައިވާތީ އަތޮޅުތަކުގެ ހިންގުން ގާނޫނީ ހުސްކަމަކަށް ނުދާ ކަމަށެވެ.

"މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް، އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލުމަކުން ގާނޫނުއަސާސީގައި އަދި ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ގާނޫނީ ހުރަހެއް ނެތް ހުސްކަމެއް އަތުވާނެ ކަމަށް މި އޮތޯރިޓީން ނުދެކެމެވެ،" އެލްޖީއޭން ބުންޏެވެ.

ފާހަގަކޮށްލެވޭ - މީގެ އިތުރުން، ލޯކަލް ގަވެމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލި ނަމަވެސް އެ މިނިސްޓްރީން ކުރަމުން އައި ދެ މަސައްކަތް ވަނީ އެހެން ދެ މިނިސްޓްރީއަކާ ހާވަލުކޮށްފަ އެވެ. އެއީ:

  • ލޯކަލް ގަވަމެންޓް ނުވަތަ ލާމަރުކަޒީ އުސޫލުގެ ސިޔާސަތުތައް ހިންގުމުގެ މަސައްކަތްތައް ހަވާލުކުރީ ފިނޭންސް މިނިސްޓްރީއާ

  • ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ހަވާލުކުރީ ހައުސިން މިނިސްޓްރީއާ

މި ބަދަލާ ގުޅިގެން އެލްޖީއޭގައި އިންނަވާ ސަރުކާރުގެ މިނިސްޓަރަކީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ގާނޫނު ބުނާ ގޮތުން އެލްޖީއޭގެ ރައީސްކަން ވެސް ކުރައްވާނީ އެ އޮތޯރިޓީގެ ބޯޑުގައި އިންނަވާ ސަރުކާރުގެ މިނިސްޓަރެވެ.

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުތައް ހިންގުމަށް ހާއްސަ މިނިސްޓްރީއެއް ފުރަތަމަ އުފެއްދީ، އެލްޖީއޭގައި އިންނަވާ ސަރުކާރުގެ މިނިސްޓަރަކީ ފުލްޓައިމް އެކަމަށް އެކަނި ހާއްސަ މިނިސްޓަރަކަށް ހެއްދެވުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާތީ އެވެ.

ކޮމެންޓް (2)

ގަޅިއަސް ބޮޑުވަރު

16 އޭޕްރީލު 2026
ހެހެހެެ އޮޕޮސިޝަން 2028 ގެ ވައުދަކަށް ވާނީ އަތޮޅު ހިންގުން އަތޮޅު ރައްޔިތުންނަށް މާލެ ކޮޅަކުން ނޫން.
0 0

މިޔަރު

16 އޭޕްރީލު 2026
ބަަލަން ތިބެމާ. މިތަނަށް ޕާޓީ ފިކުރުގެ މީހުން ލައި ސިޔާސީ ޖަގަހަޔަކަށް ހަދައިދފިނަ. %5 ވެސް ނުދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ. ރިސޯޓް ފަދަ ތަންތާ އުޅެ ކަންކަން ހިންގޭ ކަން ސާބިތުކޮށްދީފައި ތިބި މޮޅޭތި މީހުން ލައި 2 އަހަރު ތެރޭ އެގުން ވާވަރު ކޮށް ރައްޔިުތުންގެ އިގްތިސާދީ ގޮތުން އަތޮޅުގައި ވަޒީފާ ލިބޭ ގޮތް ހަދައިފިނަމަ (ހަލާލު މަސައްކަތް ކޮށްގެން. މުއިއްޒު ބަހާ ވަޒީފާ ގަނޑަކުންނޫން) އަލުން %5 ދޭތެރޭ ވިސްނިދާނެ. ބޮޑު ޕްރޮޖެކްޓަށް ބޮޑު ލާރި ބޭނުންވާނެ. ތިޔަހިއްކިތަންތައް ހަދުމާ ކަލޭމެން ކާވަރާ 2 ކަން އެކީ ނުގެންދެވޭނެ. އެކަމަކުވެސް ގަސްހައްދާލައިގެންވެސް ވަޒީފާ އުފެއްދިދާނެ. ބޮޑުކޮށް ބޮޑު ޕްރޮޖެކްޓް ހިންގަން އުޅެނިކޮށް އަތަށް ގޮވީ. ވިސްނޭނެ ބާ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް