އެލްޖީއޭގެ ބޯޑު ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ އެލްޖީއޭ)
އަތޮޅުތަކުގެ ހިންގުން އެލްޖީއޭގެ ދަށަށް ގެނައުމުގެ ކުރިން މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލު ކުރަނީ
އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅުތަކުގެ ހިންގުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ބަދަލު ކުރުމުގެ ކުރިން އެ އޮތޯރިޓީގެ އިދާރީ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލު ކުރުމަށް ގާނޫނަށް ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް އިސްލާހެއް ހުށަޅައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ. މި ބިލުގައި އޮތީ މައިގަނޑު ދެ ބަދަލެކެވެ. އެއީ:
-
1-
އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ގެނައުމަށް
-
2-
ކައުންސިލްތަކުގެ މެންޑޭޓްގެ ތެރޭގައި ކުނި މެނޭޖުކުރުން ހިމެނުމަށް
ތަފްސީލު - ލާމަރުކަޒީ ގާނޫނުގެ ގާނޫނު 61 ވަނަ މާއްދާގެ (ޅ)ގައިވާ ގޮތުން، އެލްޖީއޭގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އެ އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށާއި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެލްޖީއޭގެ ބޯޑަށެވެ.
ހަމަަދު އިސްލާހު ހުށަހެޅުއްވީ، އެ މާއްދާ ގާނޫނުން އުނިކުރުމަށެވެ. އޭގެ ބަދަލުގައި އޭނާ ހުށަހެޅުއްވީ:
-
އެލްޖީއޭގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރަނީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށް
-
އޮތޯރިޓީގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުމުގަ އާއި މުވައްޒަފުންނާ ގުޅޭ އެ ނޫން ވެސް ކަންކަމުގައި ސިވިލް ސާވިސް ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާން ކުރާ ޒިންމާދާރުވެރިޔާގެ ދައުރު އަދާ ކުރަނީ އެ އޮތޯރިޓީގެ ސީއީއޯ
-
އެ ތަނުގެ މުވައްޒަފުންގެ މަގާމުތަކާއި އެ މަގާމުތަކުގެ ގިންތި، ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރާ މުވައްޒަފުންގެ މަގާމުގެ އޮނިގަނޑު ކަނޑައެޅުމުގެ ބާރު އޮންނާނީ ބޯޑުގެ ލަފާގެ މަތިން ސީއީއޯއަށް؛ އެ އޮނިގަނޑު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި ފާސް ކުރަން ޖެހޭ
ފާހަގަކޮށްލެވޭ ކަމެއް - މި ބަދަލު ގާނޫނަށް މި ގެންނަނީ، އަތޮޅުތައް ހިންގުމާ ހަވާލުވުމަށް އެލްޖީއޭއިން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލްތައް އިންތިހާބުކޮށްފައެއް ނުވެ އެވެ. އެއީ އަތޮޅު ކައުންސިލްތައް އުވިގެންދާ ގޮތަށް، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، އެ އިސްލާހުތައް ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމުންނެވެ.
މިހާރު އޮތް އަތޮޅު ކައުންސިލްގެ ދައުރު ހަމަވަނީ މި މަހު 17 އަށެވެ. އެއާ އެކު އަތޮޅުތައް ދެން ހިންގާނީ އެލްޖީއޭއިންނެވެ.
އިތުރަށް ކިޔާލަން
ކުނި މެނޭޖް ކުރުމުގެ މެންޑޭޓް ކައުންސިލަށް
ގާނޫނުގެ 1-69ގެ (ހ)ގައިވާ ގޮތުން، ކޮންމެ ރަށެއް ނުވަ ސިޓީއެއްގައި ވެސް މައިގަނޑު ތިން ހިދުމަތެއް އެ ރަށެއްގެ ނުވަތަ އެ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހެ އެވެ. އެއީ:
-
1-
ކަރަންޓުގެ ހިދުމަތް
-
2-
ފެނުގެ ހިދުމަތް
-
3-
ފާހާނާ އާއި ނަރުދަމާގެ ހިދުމަތް
ހަމަދު އިސްލާހު ހުށަހެޅުއްވީ، ހަތަރުވަނަ ކަމެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ހިމެނުމަށެވެ.
ގާނޫނުގައިވާ ގޮތުން، މި ހިދުމަތްތައް ފޯރުކޮށްދޭންވާނީ، ސަރުކާރުގެ ކަމާ ބެހޭ ވުޒާރާއިން އެކަމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި މިންގަނޑުތަކާއި އަގުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެކަން ކުރާ ނަމަ، އެ ފަރާތަކާ އެކު ކައުންސިލުން އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް ލިޔުމުން އޮންނަންވާނެ ކަމަށެވެ.