ޝަމްއާން(ކ) އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުގައި ހުންނެވިއިރު، ބޭއްވި އިވެންޓެއްގެ ތެރެއިން އިހުސާން ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ އިމިގްރޭޝަން)
ޝަމްއާން އަތުގައި ހުރި ކަމަށް ބުނާ ކޮރަޕްޝަންގެ ހެކި ހިއްސާއެއް ނުކުރޭ، ހިއްސާކުރުމުން މައްސަލަ ބަލާނެ: ފުލުހުން
ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ތުހުމަތުކުރައްވާ ކޮރަޕްޝަންގެ އެއްވެސް މައުލޫމާތެއް ފުލުހުންނާ ހިއްސާނުކުރައްވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޝަމްއާންގެ މައްޗަށް މަނީ ލޯންޑަރިން ހިމެނޭހެން ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އިއްވި އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ޝަމްއާން ވަނީ މިނިސްޓަރު އިހުސާންއަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން:
-
އޭނާ ފްރޭމް ކުރުމުގައި އިސްކޮށް އުޅުއްވީ އިހުސާން
-
މިނިސްޓްރީގެ ތެރެއިން ބިދޭސީންގެ ކޯޓާގެ ކަންތަކުގައި އިހުސާން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެއްވި؛ އެ ވާހަކަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރި ކަމަށް ވިދާޅުވި
-
ޝަމްއާންގެ ފޯނުގައި ވެސް އެ ކޮރަޕްޝަނާ ގުޅޭ ހެކިތަކެއް ހުންނާނެ ކަމަށް ވިދާޅުވި
ޝަމްއާން ދެއްކެވި ވާހަކަތަކަށް ރައްދު ދީ، ފުލުހުން މިއަދު ދިގު ބަޔާނެއް ނެރުނީ މި ކަމުގެ ތަފްސީލްތައް ފުލުހުން އާންމުކުރުމަށް މިނިސްޓަރު އިހުސާން އެދިވަޑައިގަންނަވާނެ ކަމަށް އޭނާ އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.
ތަފްސީލް - ފުލުހުންގެ ބަޔާނުގައި ފުރަތަމަ ދިގުކޮށް ގެނެސްދީފައި ވަނީ މީގެ ކުރިން ވެސް ތަހުގީގުން ފާހަގަކުރެވިގެންނާއި ދައުލަތުން ޝަރީއަތުގައި ޝަމްއާނަށް ދައުވާކޮށް އާންމުކުރި މައުލޫމާތުތަކުގައި ވެސް ހިމެނޭ ތަފްސީލްތަކެވެ.
އެ ތަފްސީލްތައް ދިނުމަށް ފަހު، ފުލުހުން ބުނީ އެ ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ނޫން ކަމަށެވެ. އަދި ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވި ކަމާއި، ސިޔާސީ ފަރާތެއްގެ އިރުޝާދުގެ ދަށުން ތަހުގީގު ހިންގި ކަމަށް ޝަމްއާން ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށެވެ.
"ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީ ވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މި މުއައްސަސާއިން މިނިވަންކަމާ އެކު ނިންމާފައިވާ ނިންމުންތަކެއް،" ފުލުހުން ބުންޏެވެ.
އިހުސާނަށް ޝަމްއާން ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
-
މުޅި ތަހުގީގުގެ މަރުހަލާގަ އާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާތަކުގައި ވެސް، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ޝަމްއާން ނުދޭތީ ވެސް ފޯނުގައި ހުރި މައުލޫމާތުތައް ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ލިބިފައެއް ނުވޭ
-
ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި ޝަމްއާން ބަންދުން ދޫކޮށްލި ފަހުން މިނިވަނެއްގެ ގޮތުގައި އުޅުނު އިރު ވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްފައެއް ނުވޭ
-
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށް ވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައެއް ނުވޭ
"ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭ ގޮތުން ވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފި ނަމަ، އެ ކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ ބަޔާން ނިންމަމުން ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ކަނޑައެޅިފައިވާ އަދުލުގެ ނިޒާމަށާއި ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުލުހުންނަށް ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށެވެ.
ކޯޓަކުން ނިންމާފައިވާ ނިންމުމަކާ މެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭ ނަމަ ނުވަތަ އެ ނިންމުމެއް މުރާޖައާކުރަން ޖެހޭ ކަމަށް ދެކޭ ނަމަ، އެ ކަމަށް އޮތް ގާނޫނީ ހައްލަކީ ޝަރުއީ ނިޒާމުގެ ތެރެއިން ލިބިދޭ އިސްތިއުނާފު ކުރުމުގެ ހައްގުގެ ބޭނުންކުރުން ކަމަށް ފުލުހުން ދެކޭ ކަމަށް ބުންޏެވެ.
ކޮމެންޓް (1)
ނަނާ33333