އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް. (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ކޯޓާގެ ވަގު ވިޔަފާރި ހުއްޓުވީ އެމްޑީޕީން؛ އަލުން ފެށީ މި ސަރުކާރުން: ފައްޔާޒު

ފައްޔާޒު ވިދާޅުވީ ކޯޓާގެ ވަގު ވިޔަފާރި ހުއްޓުވާފައި އޮއްވާ އެކަމަށް މަގުފަހި ކުރަން ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވިއްކާލި ކަމަށާއި އެއީ ސަރުކާރުގެ އެންމެ އިސް ފަރާތްތައް ގުޅިގެން ހިންގި އެތައް ބިލިއަން ރުފިޔާގެ ހިޔާނާތެއް ކަމަށް
1 ގަޑިއިރު ކުރިން
1

ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އާއި ވޯކް ޕާމިޓުގެ ވަގު ވިޔަފާރި އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން ހުއްޓުވާފައި އޮއްވާ އަލުން ފެށީ މި ސަރުކާރުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފައްޔާޒު މިހެން ވިދާޅުވީ، ފޭރުމުގައި ބައިވެރިވުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އިއްޔެ 25 އަހަރަށް ޖަލަށްލި މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ދެއްކެވި ވާހަކައަކާ ގުޅުވައިގެންނެވެ.

ހުކުމް ކުރުމުގެ ކުރިން ޝަމްއާން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ‏ރާއްޖެއަށް ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓް ހުއްދައިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ނާޖާއިޒް ފައިދާ ހޯއްދަވަމުން ގެންދެވި ކަމަށާއި އެ ވާހަކަ ރައީސް މުހައްމަދު މުއިއްޒުއަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފަ އެވެ.

އޭގެ އިތުރަށް ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ބަޔަކަށް ދިނުމުގައި އިހުސާން އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކޮރަޕްޝަންގެ "ބޮޑު ޖަރީމާއެއް" ހިންގަވާފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ވެސް ރައީސް މުއިއްޒު ދެކޮޅު ހައްދަވާފައިވާ ކަމަށް ވެސް ޝަމްއާން ވަނީ ތުހުމަތުކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ޕޯސްޓާ ގުޅުވައި ފައްޔާޒު ވިދާޅުވީ ޝައްމާން އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް ކަމަށާއި ޝަމްއާން ޖަލަށް ލީ އެ ހަގީގަތް ހާމަކުރުމުން ކަމަށެވެ.

"ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން،" ފައްޔާޒު ވިދާޅުވި އެވެ.

"އެކަމަށް މަގުފަހި ކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވަނީ ވިއްކާލާފައި. އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް. އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސް ފަރާތްތައް."

އެނގުން މުހިންމު - މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލައިގައި މިދިޔަ އަހަރުގެ މާޗު މަހު ޝަމްއާން ހައްޔަރުކުރި އެވެ. އޭގެ ނުވަ މަސް ފަހުން އޭނާ ދޫކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ޝަމްއާން ވިދާޅުވާ ގޮތުގައި، އެއީ ސިޔާސީ އަދި ޒާތީގޮތުން އޭނާގެ މައްޗަށް ހިންގި ތަހުގީގެކެވެ. އަދި ފައިސާ ފޭރުނު ކަމަށް ތުހުމަތުކުރާ ބިދޭސީ މީހާ ދޫކޮށްލަން އެންގެވީ ވެސް، އޭނާ ވިދާޅުވާ ގޮތުގައި އިހުސާނު އެވެ.

ޝައްމާންގެ ތުހުމަތުތައް ސަރުކާރުން ވަނީ އިއްޔެ ދޮގުކޮށްފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ސިކުނޑި

1 ގަޑިއިރު ކުރިން
ރާއްޖޭގައި ބިދޭސީން އަންނަން ފެށިފަހުން ތިޔަ ވިދާޅުވާ ކޮރަޕްޝަނެއް ހުއްޓިފައެއްނެތް! އޭރުވެސް ކުރޭ މިހާރުވެސް ކުރަމުންދަނީ އަދި ކުރިޔަށް އޮތްތަނުގައިވެސް ކުރާނެ!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް