ޝައްމާން ވަހީދު، ހުކުމް ކުރަން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި

ޝަމްއާން ވަހީދު

އިހުސާން ކޮރަޕްޝަން ހިންގާ ކަމަށް ރައީސަށް ދެންނެވުމުން ފިޔަވަޅެއް ނޭޅި: ޝަމްއާން

ކުރީގެ ކޮންޓްރޯލަރު ޝަމްއާން ތުހުމަތުކުރެއްވި ގޮތުގައި ބިދޭސީންގެ ކޯޓާ ހަމަޖައްސައިދިނުމުގެ ތެރެއިން އިހުސާން ރިޝްވަތު ނެންގެވި. އަދި އިހުސާން އާއި އެޓާނީ ޖެނެރަލް އުޝާމް ގުޅިގެން ކޮރަޕްޝަން ހިންގެވި ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައި.
1 ގަޑިއިރު ކުރިން

‏ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ދޫކުރާ ކޯޓާ އާއި ވޯކް ޕާމިޓް ހުއްދައިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ނާޖާއިޒް ފައިދާ ހޯއްދަވަމުން ގެންދެވި ކަމަށާއި އެ ވާހަކަ ރައީސް މުހައްމަދު މުއިއްޒުއަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ބަޔަކަށް ދިނުމުގައި އިހުސާން އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކޮރަޕްޝަންގެ "ބޮޑު ޖަރީމާއެއް" ހިންގަވާފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ވެސް ރައީސް މުއިއްޒު ދެކޮޅު ހައްދަވާފައިވާ ކަމަށް ވެސް ޝަމްއާން މިއަދު ވަނީ ތުހުމަތުކުރައްވައިފަ އެވެ.

ރައީސްގެ މައްޗަށް ޝަމްއާން ކުރައްވާ ތުހުމަތުތައް ސަރުކާރުން ދޮގުކުރެ އެވެ.

ވީ ކިހިނެއް؟ - ފޭރުމުގައި ބައިވެރިވުމުގެ ކުށާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށް ޝަމްއާންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ 25 އަހަރަށް ޖަލަން ލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

އެ ހުކުމް އިއްވުމުގެ ކުރިން ކޯޓުގެ ބޭރުގައި ޝަމްއާން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި އިހުސާންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުތަކެއް ކުރައްވާފަ އެވެ.

ތަފްސީލް - ޝަމްއާން ވިދާޅުވި ގޮތުގައި:

  • ‏ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ދޫކުރާ ކޯޓާ އާއި ވޯކް ޕާމިޓް އެޕްރޫވްކުރުމުގައި އިހުސާން ނާޖާއިޒް ފައިދާ ހޯއްދަވަމުން ގެންދަވާކަން، މިދިޔަ އަހަރުގެ ޖެނުއަރީގެ ތެރޭގައި އޭނާ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެންނެވި

  • އެގޮތުން ކޮންމެ ކޯޓާއަކަށް 8،000 ރުފިޔާ އާއި އެޕްރޫވްކުރާ ބަންގްލަދޭޝްގެ ކޮންމެ މީހަކަށް 1،800 ޑޮލަރު ނަގާ ކަމަށް އަންގަވައި، އެކަމުގެ ހެކި ހުށަހެޅުއްވި ކަމަށް ވިދާޅުވި

"އޭރު ރައީސް ހުންނެވީ އެސްޓޯނިޔާގައި. އެތަނުގައި ހުންނަވައި ވިދާޅުވީ މިނިސްޓަރު އިހުސާންއާ ދެކޮޅަށް ޝަމްއާން ޒާތީގޮތުން ކަންކަން ކުރާކަމުގެ ތުހުމަތު ލިބިއްޖެ ކަމަށާއި ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް [އިހުސާން] ނުކުރައްވާ ކަމަށް،" ޝަމްއާން ވިދާޅުވި އެވެ.

"އަދި ނުކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް."

ޝަމްއާން ވިދާޅުވީ "ލޯޔަލް ވުމަކީ ތިއެއް ނޫން" ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ.

ކްރިމިނަލް ކޯޓު ހުޅުމާލެ ޑިވިޝަނަށް ވަނުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ ހިންގަމުން ދިޔަ ކޮރަޕްޝަނުގެ އަމަލުތަކެއްގެ ވާހަކަ ރައީސްއާ ހަމައަށް ގެންގޮސް ދިނުމުން، އެކަމާ މެދު ފިޔަވަޅު ނޭޅުއްވުމަކީ ކޮރަޕްޝަނުގެ އަމަލެއް ކަމަށެވެ. އަދި ހިނގަމުންދާ ކުށެއް އެނގި ހުރެ ނުހުއްޓުވުމުން، އެކަމުގައި ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ހުސެން މުހައްމަދު ޝަރީފް (މުންދު) ވިދާޅުވީ ޝަމްއާން "ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެ ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް" ކަމަށެވެ.

ޝަމްއާން ތުހުމަތުރެއްވި ގޮތުގައި އޭނާ "ފްރޭމްކުރީ" މިނިސްޓަރު އިހުސާނާއި އެޓާނީ ޖެނެރަލް އުޝާމް އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކޮރަޕްޝަނާ ދެކޮޅަށް އޭނާ މަސައްކަތްކުރެއްވުމެވެ.

އިހުސާން އާއި ރައީސް އަދި އުޝާމްގެ މައްޗަށް ކުރައްވާ ތުހުމަތުތައް ޝަމްއާން އެކްސްގައި މިއަދު ޕޯސްޓް ކުރެއްވި އެވެ. އޭނާ ތުހުމަތުކުރެއްވިގޮތުގައި ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް "އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވަނީ ވިއްކާލާފަ" އެވެ. އަދި އޭނާ ވިދާޅުވީ އެއީ އިހުސާން އާއި އުޝާމް "އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް" ކަމަށާއި އޭގެ "ހެކި، ފުލުހުން އަތުގައި އަދިވެސް އޮތް އަޅުގަނޑުގެ ފޯންގައި ހުންނާނެ" ކަމަށެވެ.

"މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އަދި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން އަޅުގަނޑަށް ސީދާ ރައީސް މުއިއްޒު ގުޅި. އެމައްސަލައިގައި އެންމެ ފަހުން އަޅުގަނޑަށް ގުޅިދުވަހު 'މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ' ކަމަށް ބުނެ ކޯފާ އިސްކުރައްވާ އަޅުގަނޑަށް އިންޒާރު ދެއްވި،" އެކްސް ޕޯސްޓެއްގައި ޝަމްއާން ލިޔުއްވާފައިވެ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލައިގައި މިދިޔަ އަހަރުގެ މާޗު މަހު ޝަމްއާން ހައްޔަރުކުރި އެވެ. އޭގެ ނުވަ މަސް ފަހުން އޭނާ ދޫކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ޝަމްއާން ވިދާޅުވީ އެއީ ސިޔާސީ އަދި ޒާތީގޮތުން އޭނާގެ މައްޗަށް ހިންގި ތަހުގީގެއް ކަމަށެވެ. އަދި އޭނާ މިއަދު ތުހުމަތުކުރެއްވިގޮތުގައި ފައިސާ ފޭރުނު ކަމަށް ތުހުމަތުކުރާ ބިދޭސީ މީހާ ދޫކޮށްލަން އެންގެވީ ވެސް އިހުސާން އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް