ކްރިމިނަލް ކޯޓުގެ ހުޅުމާލެ ޑިވިޝަނުގައި ހުކުމް ކުރަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ޝައްމާން ވަހީދު އަދި އޭނާގެ އަންހެނުން ވަންނަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ޝަމްއާންގެ މައްޗަށް ހުރިހާ ދައުވާއެއް ސާބިތުވެއްޖެ
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް ކުރި ތިން ދައުވާވެ ސް ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށް، 22 މާޗު 2025ގައި ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ތުހުމަތުކޮށެވެ.
މި މައްސަލާގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ކުރި އެވެ. އެއީ:
-
ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
-
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ
-
މަނީ ލޯންޑަރިން ކުށުގެ ދައުވާ
ޝަމްއާން ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވައިފަ އެވެ. އޭނާ ކޯޓުގައި ދިފާއުގައި ވިދާޅުވެފައިވަނީ އެއީ އޭނާ ފްރޭމުކުރަން ކުޅެފައިވާ ޒާތީ އަދި ސިޔާސީ "ޑްރާމާއެއް" ކަމަށެވެ.
ތަފްސީލް - މި މައްސަލާގައި ހުކުމް ކުރަން މިއަދު ހަވީރު 4 ޖެހިއިރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އިބްރާހިމް އިހުސާން ނިންމެވީ، އެ ތިން ދައުވާ ވެސް ޝައްމާންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދަބު ކަނޑައެޅުމުގެ މަޖިލިސް އިރުކޮޅަކުން ފަށާނެ އެވެ.
އަދަބާ ބެހޭގޮތުން ވާހަކަދައްކަން ފުރުސަތު ގާޒީ ދެއްވުމުން ދައުލަތުން އެދުނީ، ކުށުގެ އަދަބުގެ ދަރަޖަތައް ގާނޫނުގައި ބުނާ އެންމެ މަތިން ކަނޑައަޅައިދިނުމަށެވެ. ދައުލަތުން ބުނީ ޝައްމާން ކުށް ކޮށްފައިވަނީ، ދައުލަތުގެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާގެ މަގާމު ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ކަމަށްވުމުން އެއީ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކުށެއް ކަމަށެވެ.
ޝައްމާންގެ ފަރާތުން އެދުނީ، ވީހާވެސް ލުއި އަދަބެއް ކަނޑައަޅައިދިނުމަށެވެ.
ގާޒީ އިހުސާން މި މައްސަލަ ސާބިތުވާ ކަމަށް ނިންމަވައި ވިދާޅުވީ:
-
އިމިގްރޭޝަންގެ ބަންދަށް ނެގި ބިދޭސީއެއްގެ އަތުން 500،000ރ ފޭރިގަނެފައިވާކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް
-
މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި އެ ކުށުގައި ބައިވެރިވެ ދައުވާ އުފުލި އެހެން އޮފިސަރުންތަކެއް ވެސް ހިމެނޭއިރު، އެ ބިދޭސީމީހާ ހައްޔަރުކުރި ރެއިޑު ހިންގީ ޝައްމާނަށް ދުރާލައި އެނގި، ޝައްމާންގެ އިރުޝާދާއެކުކަމާއި އަދި އޭނާގެ އަތުން އެ ފައިސާ ފޭރިގަނެފައިވަނީ ވެސް ވަގުތުން ވަގުތަށް ޝައްމާންގެ އިރުޝާދާއެކު ކަން އެނގޭ ކަމަށް
-
އޭގެ ފަހުން އެ ފައިސާއާ ހަވާލުވެ، އެ ފައިސާގެ ބޭނުން ކޮށްފައިވާކަން ވެސް ޝަރީއަތަށް ސާބިތުވާ ކަމަށް
އެނގުން މުހިންމު - މި މައްސަލާގައި އިމިގްރޭޝަންގެ ހަތަރު އޮފިސަރެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އެ އެންމެން ވެސް ކުށަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ އެ މީހުންނަށް މީގެ ކުރިން ވަނީ ހުކުމް އިއްވާފަ އެވެ. އެ މީހުން ޝައްމާންއާ ދެކޮޅަށް ހެކިބަސްދީފައިވެ އެވެ.
ކޮމެންޓް