ޝަމްއާން މިއަދު ހުކުމުގެ ކުރިން ކޯޓު ބޭރުގައި އޭނާގެ އަންހެނުންނާ އެކު (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ޝަމްއާން ވަހީދު

ޝަމްއާން 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ޖަލު ހުކުމާ އެކު 500،000 ރުފިޔާއިން ޖޫރިިމަނާކޮށް، ބިދޭސީމީހާގެ އަތުން އަތުލި 500،000 ރުފިޔާ ތިން ދުވަސްތެރޭ އަނބުރާ ދިނުމަށް ވެސް އެންގި
1 ގަޑިއިރު ކުރިން

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށް، 22 މާޗު 2025ގައި ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލާގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ކުރި އެވެ. އެއީ:

  • ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ 

  • މަނީ ލޯންޑަރިން ކުށުގެ ދައުވާ 

ޝަމްއާން ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވައިފަ އެވެ. އޭނާ ކޯޓުގައި ދިފާއުގައި ވިދާޅުވެފައިވަނީ މި މައްސަލައަކީ އޭނާ ފްރޭމުކުރަން ކުޅެފައިވާ ޒާތީ އަދި ސިޔާސީ "ޑްރާމާއެއް" ކަމަށެވެ.

ތަފްސީލް - އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން މިއަދު ނިންމެވީ، އެ ތިން ދައުވާ ވެސް ޝައްމާންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ޝަމްއާން، ހުކުމް ކުރަން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި

ކުށުގެ އަދަބަކަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެ ކުށްތަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށްޓަކައި، ދައުލަތުން އެދިފައިވާގޮތަށް އަދަބުގެ ދަރަޖަތައް މަތިކޮށްފަ އެވެ. އެގޮތުން އިއްވީ:

  • ފޭރުމުގައި ބައިވެރިވުމުގެ ކުށަށް އަށް އަަހަރުގެ ޖަލު ހުކުމެއް؛ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ތަންފީޒުކުރަންޖެހޭނެ އަދަބަކީ 7 އަހަރާއި 2 މަހާއި 20 ދުވަހުގެ އަދަބެއް، ބިދޭސީމީހާގެ އަތުން ފޭރިގަތްކަމަށް ބުނާ 500،000ރ. ތިން ދުވަސްތެރޭ ދެއްކުމަށް ވެސް އެންގި

  • ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް

  • މަނީ ލޯންޑަރިންގެ ކުށަށް 15 އަހަރުގެ ޖަލު ހުކުމަކާ އެކު 500،000ރ. ގެ ޖޫރިމަނާއެއް؛ އެ ފައިސާ ހަ މަސް ދުވަސްތެރޭ ދެއްކުމަށް އެންގި

އޭގެ އިތުރަށް، މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން ދައުލަތުން އެދިފައިވާ ދައުލަތަށް ފައިސާ ނަގައިދިނުމުގެ އަމުރު ވެސް މިއަދުގެ ހުކުމްގައި ވަނީ ނެރެދީފަ އެވެ. އެގޮތުން ދައުލަތަށް ނަގައިދީފައިވަނީ:

  • ޝައްމާންގެ ގެއިން ފެނުނު 250،000ރ.

  • އެ މައްސަލާގައި ލޯންޑާކޮށްފައިވާ ކަމަށް ބުނާ 400،000ރ.ގެ ތެރެއިން 250،000ރ. 

  • ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ހިފަހައްޓާފައި ހުރި 10،000 ޑޮލަރުގެ ތެރެއިން 150،000ރ. އަށް ވާ މިންވަރަށް ވާ ފައިސާ

ޝަމްއާނަށް ގާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ކަނޑައެޅި ސަބަބަކަށް ގާޒީ އިހުސާން ވިދާޅުވީ، އެ ކުށް ކޮށްފައިވަނީ، ދައުލަތުގެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުރެގެން ކަމަށްވެފައި އެކަމުގެ ސަބަބުން އިމިގްރޭޝަނަށް ރައްޔިތުންކުރާ އިތުބާރު ގެއްލި އަގު ވެއްޓިފައިވާތީ ކަމަށެވެ. 

ޝަމްއާން މިއަދު ހުކުމުގެ ކުރިން ކޯޓު ބޭރުގައި އޭނާގެ އާއިލާއާ އެކު (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ޝަމްއާން މިއަދު ހުކުމުގެ ކުރިން ކޯޓު ބޭރުގައި އޭނާގެ އަންހެނުންނާ އެކު (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ފާހަގަކުރެވޭ - މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ވަންނަމުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝައްމާން ވިދާޅުވީ އޭނާގެ މައްޗަށް ކުށް ސާބިތުވާނެކަން ޔަގީން ކަމަށެވެ. އެ ދައުވާތަކަކީ، ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ ވާހަކަތަކެއްގެ ވާހަކަ ދެއްކެވެމުން، ރާވައިގެން އޭނާ ފްރޭމުކޮށް އަގުވައްޓާލުމުގެ ނިޔަތުގައި ކުޅެފައިވާ ސިޔާސީ ޑްރާމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް