ކުއްލި ގޮތަކަށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ވަކިކުރި ޝަމްއާން (ފައިލް ފޮޓޯ/ އިމިގްރޭޝަން)

ބިދޭސީން އަތުން އަތުލި ފައިސާއިން ޝަމްއާންގެ 2 ސްޓޫޑަންޓް ލޯނެއް ދެއްކި: ޕީޖީ

ދައުވާގައިވާ ގޮތުން ޝަމްއާންގެ އޭގެ ތެރެއިން 400،000ރ. ބޭނުންކޮށްފައިވޭ؛ އަނެއް 100،000ރ. ބޭނުންކުރީ އެކަމުގެ ތުހުމަތުވާ އިމިގްރޭޝަން އޮފިސަރު އިބްރާހިމް އަހުމަދު، ބިދޭސީ މީހާއަށް ދިނީ 30،000ރ. ކަމަށް ވެސް ދައުވާގައިވޭ

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި އިމިގްރޭޝަންގެ ރެއިޑުގައި ބިދޭސީ މީހެއްގެ އަތުން ނެގި ފައިސާއިން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދައްކާފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިގޮތަށް ތުހުމަތުކޮށްފައިވަނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކްރިިމިނަލް ކޯޓަށް ޕީޖީން ހުށަހަޅާފައިވާ ދައުވާތަކުގަ އެވެ. މި މައްސަލާގައި ޝަމްއާންގެ މައްޗަށް ކުރަނީ ތިން ދައުވާ އެކެވެ. އެއީ:

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ

  • ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

  • މަނީ ލޯންޑަރިންގެ ދައުވާ

މި މައްސަލާގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރެއްގެ މައްޗަށް ވެސް ޕީޖީން ވަނީ ދައުވާ އުފުލާފަ އެވެ.

ތަފްސީލް - ޝަމްއާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުރެ، ރެއިޑް ޖެހުމުގެ ކަންކަން ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމަންޓަށް އެންގުމެއް ނެތި، ބިދޭސީންތަކެއް ރާއްޖޭގައި ކުރާ މަސައްކަތް ބެލުމަށް މިދިޔަ 11 މާޗުގެ ރޭގަނޑު 11:30 ހާއިރު އޭނާގެ ދަށުން މަސައްކަތްކުރާ ހަަތަރު މުވައްޒަފަކަށް އިރުޝާދު ދީފައިވާ ކަމަށް ތުހުމަތުކޮށެވެ.

ދައުވާގައިވާ ގޮތުން:

  • ޝަމްއާންގެ އެނގިގެން އެ މުވައްޒަފުން އެ ރެއިޑް ޖަހާފައިވަނީ ރެއިޑް ޖެހުމުގެ ރަސްމީ ހުއްދައެއް ނެތި، މޯލްޑިވްސް އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފަށް

  • ފަރީދީމަގުގައި ހުންނަ މ. އޯރްމަންގޭގެ އެންމެ ތިރީ ބުރިއަށް ގޮސް، ދޮރުގައި ޓަކި ޖެހުމަށް ފަހު، "އިމިގްރޭޝަން ޗެކް"އަކަށް އައީކަމަށް ބުނެ، އެގޭ ތެރެއަށް ވަދެ ގެ ބަލައި ފާސްކޮށް ހެދުމަށް ފަހު، އެ ތަނުގައި ގިނަ ފައިސާތަކަކާ އެކު ބިދޭސީން ތިބިކަމުގެ މައުލުމާތު ޝަމްއާންއަށް ދީފައިވޭ

  • އެއަށް ފަހު އިމިގްރޭޝަންގެ ބިދޭސީން ދިރިއުޅޭ ތަންތަން ރެއިޑް ޖެހުމަށް ވިލަރެސްކުރެވިފައިވާ ޑިޕާޓްމަންޓުގެ މުވައްޒަފުން އެ ތަނަށް ދިއުމަށް އަންގާފައިވޭ

  • އިމިގްރޭޝަންގެ ރިސްކް ސެކްޝަން މުވައްޒަފުން އެ ތަނަށް ހާޒިރުވެ، އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން 530،000ރ.އާ އެކު ބަނގްލަދޭޝްެގެ ރައްޔިތެއްކަމަށްވާ މައިނުއްދީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ 

  • އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްދިނުމަށް އޭނާގެ ސްޕޮންސަރުގެ ނަމުގައި ސައްހަ ނޫން ސިޓީއެއް ޖެހިގެން އައި ދުވަހުގެ ރޭގަނޑު 9:38 ހާއިރު އިމިގްރޭޝަންގެ މެއިލަށް ލިބުނު

  • އެ މެއިލް ލިބުނުތާ ކުޑަ ވަގުތުކޮޅެއް ތެރޭ އޭނާ ދޫކޮށްލުމަށް އިރުޝާދުދީފައިވޭ 

  • އެ ރޭ ދަންވަރު 2:08 ހާއިރު މައިނުއްދީން އިމިގްރޭޝަން ބެލުމުގެ ދަށުން ދޫކުރުމަށް ފަހު، އޭނާގެ އަތުގައި ހުރި ފައިސާ ދިނުމަށް އަންގާފައިވޭ

  • އެ ފައިސާ ނުދެވޭނެ ކަމަށް މައިނުއްދީން ބުނުމުން، އޭނާގެ އަތުން އަތުން 500،000ރ. އަތުލުމަށް ޝަމްއާން އަންގާފައިވޭ 

  • އެ އެންގުމަށް އެ ފައިސާ އަތުލައި ދެ ދުވަސް ތެރޭގައި ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ އިތުރު ދަތިތަކެއް ކުރިމަތިވާނެކަމަށް ބުނެ އޭނާއަށް ބިރުދައްކާފައިވޭ 

  • 13 މާޗުގެ ދަންވަރު 3 ހާއިރު ޝަމްއާން ދިރިއުޅޭ ގެއަށް އެ ފައިސާ ގެންގޮސް ދިނުމުން އެ ފައިސާގެ ތެރެއިން 400،000ރ. ޝަމްއާން ބަލައިގަނެފައިވޭ

  • އެ ފައިސާ އަތުގައި ބެެހެއްޓުމަށް ފަހު، ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން މީނާގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯންއަކަށް ފައިސާ ދެއްކާފައިވޭ

  • އެގޮތުން އެއް އެކައުންޓަށް 149،491ރ. ޖަމާކޮށްފައިވޭ 

  • އަނެއް އެކައުންޓަށް 110،345ރ ޖަމާކޮށްފައިވޭ

ލޯންޑާކޮށްފައިވާ ފައިސާގެ ތެރެއިން ޝަމްއާންގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 250،000ރ. ދައުލަތަށް ނަގައިދިނުމަށް ދައުވާގައި އެދިފައިވެ އެވެ. އަދި އަތުގައި ބެހެއްޓި ޖުމްލަ 400،000ރ.ގެ ބާކީއަށްވާ 150،000ރ.ގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.

މައިނުއްދީންގެ އަތުން ފޭރިގަނެފައިވާ ކަމަށް ފުލުހުން ތުހުމަތުކުރާ 500،000ރ.އަށްވާ ބަދަލު އެ ބިދޭސީމީހާއަށް ނަގައިދިނުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ.

މި މައްސަލާގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރާ އިބްރާހިމް އަހުމަދު

ބާކީ 100،000ރ. ބޭނުންކުރީ އިބްރާހީމް އަހުމަދު

ދެން މި މައްސަލާގައި އެންމެ ގިނަ ދައުވާތަކެއް ކޮށްފައިވަނީ، އިމިގްރޭޝަންގެ ވަޒީފައި އުޅުނު އިބްރާހިމް އަހުމަދު ކިޔާ މީހެއްގެ މަޗަށެވެ. އޭނާގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެ އެވެ. އެއީ:

  • ފޭރުމުގެ ކުށުގެ ދައުވާ

  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން 

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ

  • މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

ދައުލަތުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ސްޕޮންސަރުގެ ނަމުގައި ސައް ހަނޫން ސިޓީއެއް އިމިގްރޭޝަނަށް ފޮނުވި ކަމަށެވެ. އަދި ބިދޭސީމީހާގެ އަތުން ފައިސާ ފޭރިގަނެ، އެއިން ބައެއް ބޭނުންކޮށް، ބިދޭސީމީހާއަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ދައުވާގައިވާ ގޮތުން:

  • އޭނާގެ ބޮޑުބޭބެއެއް ކަމަށްވާ އިމިގްރޭޝަންގައި މަސައްކަތްކުރާ ހަސަން ސަހެޝާން ބިދޭސީމީހާގެ ސްޕޮންސަރަަކަށް ހަދައި އެ ބިދޭސީ މީހާއާ ހަވާލުވާނޭ އިންތިޒާމް ހަމަޖައްސާފައިވޭ

  • ސަހެޝާން އެ ބިދޭސީ މީހާ ގޮވައިގެން ގޮސް ފައިސާއާ އެކު އިބްރާހިމް މުހައްމަދާ ހަވާލުކުރުމުން އިމިގްރޭޝަންގެ ކާރަށް މައިނުއްދީންއާ އެކު އަރައި 500،000ރ. ދިނުމަށް އަންގާފައިވޭ

  • އެ ފައިސާ ދޭން އިންކާރުކުރުމުން ބިދޭސީ މީހާއަށް ބިރުދައްކައި 500،000ރ. އަތުލާފައިވޭ

  • އެ ފައިސާގެ ތެރެއިން ބާކީ 30،000ރ. ދީ، ބިދޭސީ މީހާއަށް ރާއްޖެ ދޫކޮށް ދިއުމަށާއި ނުގޮސްފިނަމަ އިތުރަށް ދަތިވާނެކަމަށް އިންޒާރުދީފައިވޭ

  • އިމިގްރޭޝަން ރެއިޑަކަށް ކަމަށް ބުނެ ބިދޭސީމީހާ ދިރިއުޅުނު ގެ ބަލައި ފާސްކުރިއިރު އެތަނުގައި ދިރިއުޅުނު އަބޫ ލަޔެސް ކިޔާ މީހެއްގެ ފައިސާ ތަކުގެ ތެރެއިން 5000 ޑޮލަރު ނަގާފައިވޭ

އެ ބިދޭސީމީހާގެ އަތުން ފޭރިގަނެފައިވާ ކަމަށް ބުނާ 500،000ރ.އަށްވާ ބަދަލު އޭނާއަށް ނަގައިދިނުމަށާއި މި ފައިސާގެ ތެރެއިން އިބްރާހިމް އަހުމަދަށް ލިބިފައިވާ 100،000ރ. ދައުލަތަށް ނަގައިދިނުމަށް ދައުވާގައި އެދިފައި ވެއެވެ. އަދި ރެއިޑުގައި އިތުރު ބިދޭސީއެއް ކަމަށްވާ، އަބޫ ލަޔެސްގެ އަތުން ނެގި 5000 ޑޮލަރު އިބްރާހިމް މުހައްމަދުގެ އަތުން ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.

ދެން ހިމެނޭ މީހުންގެ މައްޗަށް ކުރި ދައުވާތަކުގެ ތަފްސީލު ކިޔާލަން

ކޮމެންޓް (2)

ދުރުމި

27 މޭ 2025
މިހާ ސާފުކޮށް އޮތް ކަމެއް ސިޔާސީ ކޮށްގެން ފްރޭމް ކުރީއޭ ކިޔައި ކުށްވެރިން ހިމާޔަށް ކުރަން ބަޔަކު އުޅުނެވެ
0 0

ސަކީނާ

26 މޭ 2025
ޔުނީފޯމު އަޅައިގެންތިބެ ބޮޑެތި ޖަރީމާ ހިންގަން މިމީހުންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއޭދޯ، ދެން ކޮންމެވެސް ސިޔާސީ ޑީލެއްގެ ދަށުން ދޫކޮއްލާފާނެ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް