އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު؛ (ފޮޓޯ/ އިމިގްރޭޝަން)
ޝަމްއާންގެ މައްޗަށް 3 ދައުވާއެއް އުފުލައިފި
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ހިމެނޭހެން އެ ކުށުގައި ބައިވެރިވި ކަމަށް ތުހުމަތުކުރާ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހިމެނޭ ގޮތަށް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށީ މިދިޔަ 20 މާޗުގަ އެވެ.
އެ މައްސަލާގައި ބަންދުގައި ތިބި ހަތަރު މުވައްޒަފުން ހިމެނޭހެން ޝަމްއާންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން އޮތީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
އެ ހަތަރު މުވައްޒަފުންނަކީ:
-
އިބްރާހިމް އަހުމަދު، ގ. ހެޕީސައިޑް
-
އަހުމަދު ލައްސާން، މ. ހަޒާރީވިލާ
-
މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި
-
ހަސަން ސެހެޝާން، ގ.ހެޕީސައިޑް
ފުލުހުން ބުނާ ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިމިގްރޭޝަނުގެ އުސޫލުތަކާ ހިލާފަށް ލިޔެކިއުންތައް ފުރިހަމަ ނުކޮށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދިޔަ މި ހަތަރު މުވައްޒަފުންނަކީ ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދާ ޓާސްކް ފޯސްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ތަފްސީލް - ޕީޖީ އޮފީހުން މި ފަސް މީހުންގެ މައްޗަށް ކުރާ ދައުވާތައް މިއަދު ކޯޓަށް ހުށަހަޅާފައިވާއިރު، އެ މީހުންގެ މައްޗަށް ކުރަނީ މައިގަނޑު ފަސް ދައުވާ އެކެވެ. އެއީ:
-
ފޭރުމުގެ ކުށުގެ ދައުވާ - އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
-
ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ - ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
-
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ - އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
-
މަނީ ލޯންޑްރިންގެ ދައުވާ - އަސާސީ އަދަބަކީ 100,000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށް ވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާ އެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
-
މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުން؛ އަސާސީ އަދަބަކީ 50،000ރ. އާއި 500,000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށް ވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާ އެކު 2 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
-
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން - 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
ޝަމްއާންއަށް ކުރާ ދައުވާތަކުގެ ތަފްސީލް
ޝަމްއާންގެ މައްޗަށް ކުރަނީ ތިން ދައުވާ އެކެވެ. އެއީ:
-
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ
-
ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
-
މަނީ ލޯންޑަރިންގެ ދައުވާ
މި ދައުވާތައް އޭނާގެ މައްޗަށް އުފުލާފައިވަނީ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނަވައި މިދިޔަ 11 މާޗުގެ ރޭގަނޑު 11:30 ހާއިރު، ރެއިޑް ޖެހުމުގެ ކަންކަން ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމަންޓަށް އެންގުމެއް ނެތި، ކޮންޓްރޯލަރުގެ ބިއުރޯގައި މަސައްކަތްކުރަމުން ދިޔަ އިބްރާހީމް އަހުމަދާއި އަހުމަދު ލައްސާނު އަދި މުހައްމަދު އަލްސަން އިސްމާއީލަށް ބިދޭސީންތަކެއް ރާއްޖޭގައި ކުރާ މަސައްކަތް ބެލުމަށް އިރުޝާދުދެއްވާފައިވާ ކަމަށް ތުހުމަތުކޮށެވެ.
ދައުވާގައިވާ ގޮތުން:
-
ޝަމްއާންއަށް އެނގިގެން އެ މުވައްޒަފުން އެ ރެއިޑް ޖަހާފައިވަނީ ރެއިޑް ޖެހުމުގެ ރަސްމީ ހުއްދައެއް ނެތި، މޯލްޑިވްސް އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފަށް
-
ފަރީދީމަގުގައި ހުންނަ މ. އޯރްމަންގޭގެ އެންމެ ތިރީ ބުރިއަށް ގޮސް، ދޮރުގައި ޓަކި ޖެހުމަށް ފަހު، "އިމިގްރޭޝަން ޗެކް"އަކަށް އައީ ކަމަށް ބުނެ، އެ ގޭ ތެރެއަށް ވަދެ ގެ ބަލައި ފާސްކޮށް ހެދުމަށް ފަހު، އެ ތަނުގައި ގިނަ ފައިސާތަކަކާ އެކު ބިދޭސީން ތިބިކަމުގެ މައުލޫމާތު ޝަމްއާންއަށް ދީފައިވޭ
-
އެއަށް ފަހު އިމިގްރޭޝަންގެ ބިދޭސީން ދިރުއުޅޭ ތަންތަން ރެއިޑް ޖެހުމަށް ވިލަރެސްކުރެވިފައިވާ ޑިޕާޓްމަންޓުގެ މުވައްޒަފުން އެ ތަނަށް ދިއުމަށް އަންގާފައިވޭ
-
މޯލްޑިވްސް އިމިގްރޭޝަންގެ ރިސްކް ސެކްޝަން މުވައްޒަފުން އެ ތަނަށް ހާޒިރުވެ، އެ ތަނުގައި ތިބި ބިދޭސީންގެ ތެރެއިން 530،000ރ.އާ އެކު ބަންގަލަދޭޝްެގެ ރައްޔިތެއް ކަމަށްވާ މައިނުއްދީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ
-
އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްދިނުމަށް އޭނާގެ ސްޕޮންސަރުގެ ނަމުގައި ސައްހަ ނޫން ސިޓީއެއް، ޖެހިގެން އައި ދުވަހުގެ ރޭގަނޑު 9:38 ހާއިރު އިމިގްރޭޝަންގެ މެއިލަށް ލިބުމުން އޭނާ ދޫކޮށްލުމަށް އިރުޝާދުދީފައިވޭ
-
އެ ރޭ ދަންވަރު 2:08 ހާއިރު މައިނުއްދީން އިމިގްރޭޝަން ބެލުމުގެ ދަށުން ދޫކުރުމަށް ފަހު، އެ ރޭ 2:30 ހާއިރު އިބްރާހިމް އަހުމަދު އިމިގްރޭޝަންގައި ބޭނުންކުރަމުންދިޔަ ކާރަކަށް މައިނުއްދީން އަރުވައި މައިނުއްދީންގެ އަތުގައި ހުރި ފައިސާގެ ތެރެއިން 500،000ރ. ދިނުމަށް އަންގާފައިވޭ
-
އެ ފައިސާ ނުދެވޭނެ ކަމަށް މައިނުއްދީން ބުނުމުން، އޭނާގެ އަތުން އަތުން 500،000ރ. އަތުލުމަށް ޝަމްއާން އަންގާފައިވޭ
-
އެ އެންގުމަށް އެ ފައިސާ އަތުލައި ދެ ދުވަސް ތެރޭގައި ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އޭނާއަށް އިބްރާހީމް އަހުމަދު ބިރުދައްކާފައިވޭ
-
13 މާޗުގެ ދަންވަރު 2:46 އެހާކަށް ހާއިރު މައިނުއްދީން ދިރިއުޅޭ ހިސާބަށް ކާރުގައި ގޮސް އޭނާ ބޭލުމަށް ފަހު، އެ ރޭ 3 ހާއިރު ޝަމްއާން ދިރިއުޅޭ ގެއަށް އެ ފައިސާ ގެންގޮސްދިނުމުން އެ ފައިސާގެ ތެރެއިން 400،000ރ. ޝަމްއާން ބަލައިގަނެފައިވޭ
-
އެ ފައިސާ އަތުގައި ބެެހެއްޓުމަށް ފަހު، ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯންއަކަށް ފައިސާ ދައްކާފައިވޭ
-
އެއް އެކައުންޓަށް 149،491ރ. ޖަމާކޮށްފައިވޭ
-
އަނެއް އެކައުންޓަށް 110،345ރ. ޖަމާކޮށްފައިވޭ
ދައުވާގައި އެދިފައިވަނީ ލޯންޑާކޮށްފައިވާ ފައިސާގެ ތެރެއިން ޝަމްއާންގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000ރ. ދައުލަތަށް ނަގައިދިނުމަށެވެ. އަދި އަތުގައި ބެހެއްޓި ޖުމްލަ 400،000ރ.ގެ ބާކީއަށްވާ 150،000ރ.ގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.
މައިނުއްދީންގެ އަތުން ފޭރިގަނެފައިވާ ކަމަށް ފުލުހުން ތުހުމަތުކުރާ 500،000ރ.އަށްވާ ބަދަލު އެ ބިދޭސީ މީހާ އަށް ނަގައިދިނުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ.
އިބްރާހީމް އަހުމަދުގެ މައްޗަށް ކުރާ ދައުވާތަކުގެ ތަފްސީލް
މީނާގެ މައްޗަށް ހަތަރު ދައުވާއެއް ކުރެ އެވެ. އެއީ:
-
ފޭރުމުގެ ކުށުގެ ދައުވާ
-
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން
-
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
-
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
ދައުލަތުން ތުހުމަތުކުރަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލުމަށް ސްޕޮންސަރުގެ ނަމުގައި ސައްހަނޫން ސިޓީއެއް އިމިގްރޭޝަނަށް ފޮނުވި ކަމަށެވެ. އަދި ބިދޭސީ މީހާގެ އަތުން ފައިސާ ފޭރިގަނެ، އެއިން ބައެއް ބޭނުންކޮށް، ބިދޭސީ މީހާއަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.
ދައުވާގައިވާ ގޮތުން:
-
އެއަށް ފަހު އޭނާގެ ބޮޑުބޭބެ ކަމަށްވާ ހަސަން ސަހެޝާން، އެ ބިދޭސީ މީހާއާ ހަވާލުވާނޭ އިންތިޒާމް ހަމަޖައްސާފައިވޭ؛ ސެހެޝާންއަކީ ވެސް މި މައްސަލާގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ މުވައްޒަފެއް
-
ސަހެޝާން އެ ބިދޭސީ މީހާ ގޮވައިގެން ގޮސް ފައިސާއާ އެކު އިބްރާހިމް މުހައްމަދާ ހަވާލުކުރުމުން އިމިގްރޭޝަންގެ ކާރަށް މައިނުއްދީންއާ އެކު އަރައި 500،000ރ. ދިނުމަށް އަންގާފައިވޭ
-
އެ ފައިސާ ދޭން އިންކާރުކުރުމުން ބިދޭސީ މީހާއަށް ބިރުދައްކައި 500،000ރ. އަތުލާފައިވޭ
-
އެ ފައިސާގެ ތެރެއިން ބާކީ 30،000ރ. ބިދޭސީ މީހާއަށްދީ، ރާއްޖެ ދޫކޮށް ދިއުމަށާއި ނުގޮސްފި ނަމަ އިތުރަށް ދަތިވާނެކަމަށް އިންޒާރުދީފައިވޭ
-
އިމިގްރޭޝަން ރެއިޑަކަށް ކަމަށް ބުނެ ބިދޭސީމީހާ ދިރިއުޅުނު ގެ ބަލައި ފާސްކުރިއިރު އެ ތަނުގައި ދިރިއުޅުނު އަބޫ ލަޔެސް ކިޔާ މީހެއްގެ ފައިސާ ތަކުގެ ތެރެއިން 5000 ޑޮލަރު ނަގާފައިވޭ
ދައުވާގައި އެދިފައިވަނީ އެ ބިދޭސީ މީހާގެ އަތުން ފޭރިގަނެފައިވާ ކަމަށް ބުނާ 500،000ރ.އަށްވާ ބަދަލު އޭނާއަށް ނަގައިދިނުމަށާއި، މި ފައިސާގެ ތެރެއިން އިބްރާހިމް މުހައްމަދަށް ލިބިފައިވާ 100،000ރ. ދައުލަތަށް ނަގައިދިނުމަށެވެ. އަދި ރެއިޑުގައި އިތުރު ބިދޭސީއެއް ކަމަށްވާ، އަބޫ ލަޔެސްގެ އަތުން ނެގި 5000 ޑޮލަރު އިބްރާހިމް މުހައްމަދުގެ އަތުން ނަގައިދިނުމަށް ވެސް އެދިފައި ވެއެވެ.
ސެހެޝާންގެ މައްޗަށް ކުރާ ދައުވާތަކުގެ ތަފްސީލް
ސަހެޝާންގެ މައްޗަށް އުފުލާފައިވަނީ ތިން ދައުވާ އެކެވެ. އެއީ:
-
ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
-
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
ސަހެޝާންގެ މައްޗަށް މި ދައުވާކުރަނީ އިމިގްރޭޝަންގައި މަސައްކަތްކުރާ އޭނާއަށް ބޮޑުބޭބެ ކިޔާ އިބްރާހިމް އަހުމަދުގެ އެންގުމުގެ މަތިން، ބިދޭސީ މީހާގެ ސްޕޮންސަރުގެ ފަރާތުންކަމަށް ބުނެ އޮޅުވާލައިގެން މައިނުއްދީންއާ ހަވާލުވެފައިވާތީ އެވެ.
އިބްރާހިމް އަހުމަދަކީ އެ ބިދޭސީ މީހާ ކާރަކަށް އަރުވައި އިންޒާރުދީ ފައިސާ އަތުލި ކަމުގެ ތުުހުމަތުވާ އިމިގްރޭޝަންގެ އޮފިސަރެވެ. ބިދޭސީ މީހާއާ ހަވާލުވެ، އޭނާގެ އަތުން ފައިސާތައް އަތުލައި އިބްރާހިމް މުހައްމަދުއާ ހަވާލުކޮށްފައިވާ ކަމަށް ދައުވާގައި ބުނެ އެވެ.
ލައްސާންގެ މައްޗަށް ކުރާ ދައުވާތަކުގެ ތަފްސީލް
ލައްސާންގެ މައްޗަށް ވެސް ކުރަނީ ދެ ދައުވާއެކެވެ. އެއީ:
-
ފޭރުމުގެ ކުށުގެ ދައުވާ
-
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
މި ދައުވާތައް ކުރަނީ ބިދޭސީ މީހާ ބަންދުން ދޫކޮށްލުމުން އޭނާ ގޮވައިގެން އެ މައްސަލާގައި ތުހުމަތުވާ އިމިގްރޭޝަން އޮފިސަރު އިބްރާހިމް އަހުމަދާ އެކު ކާރުގައި މާލެތެރޭ ހަރަކާތްތެރިވެ، ބިދޭސީ މީހާގެ އަތުން ފައިސާ އަތުލައި ޝަމްއާންގެ ގެއަށް ގޮސް، އެ ފައިސާ ހަވާލުކޮށްފައިވާ ކަމަށް ތުހުމަތު ކޮށެވެ.
އޭނާގެ މައްޗަށް ކުރާ މި ތުހުމަތުތަކަށް އިއުތިރާފުވެފައިވާ ކަމަށް ދައުވާގައިވެ އެވެ.
އަލްސަންގެ މައްޗަށް ކުރާ ދައުވާތަކުގެ ތަފްސީލް
އަލްސަންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކަންޏެވެ.
މި ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ރެއިޑް ޖެހުމުގެ ކަންކަން ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމަންޓަށް އެންގުމެއް ނެތި، އަދި ރެއިޑް ޖެހުމުގެ ރަސްމީ ހުއްދައެއް ނެތި، އުސޫލުތަކާ ހިލާފަށް މ. އޯރްމަންގޭގެ އެންމެ ތިރީ ބުރިއަށް ގޮސް، ދޮރުގައި ޓަކި ޖެހުމަށް ފަހު، "އިމިގްރޭޝަން ޗެކް" އަކަށް އައީ ކަމަށް ބުނެ، އެ ގޭ ތެރެއަށް ވަދެ، ގެ ބަލައި ފާސްކޮށް ހަދައި އެ ގޭތެރޭގެ ފޮޓޯ ނަގާފައިވާތީ އެވެ.
ކޮމެންޓް (1)
ތެފައާސާ.