ނާޖާއިޒުގޮތުގައި ބިދޭސީއެއްގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުއްލިއަކަށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ވަކިކުރި ޝަމްއާން (ފައިލް ފޮޓޯ/އިމިގްރޭޝަން)
ޝަމްއާންއަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހިމެނޭ ގޮތަށް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000 ރުފިޔާ ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށީ މިދިޔަ 20 މާޗުގަ އެވެ.
އެ މައްސަލާގައި ޝަމްއާން ހިމެނޭހެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ އެންމެން އަދިވެސް ތިބީ ބަންދުގަ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލް - ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިދިޔަ އާދީއްތަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
ތަހުގީގުން މިހާތަނަށް ހޯދާފައިވާ ހޯދުންތަކަށް ބަލާއިރު އެއީ ދުރާލާ ރާވައިގެން ހިންގާފައިވާ ކުށުގެ އަމަލެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
'ރެއިޑް ޖެއްސީ ދުރާލާ ރާވައިގެން؛ ފައިސާ ގެންދިޔައީ ޝަމްއާންގެ ގެއަށް'
ފުލުހުން ބުނިގޮތުގައި ތަހުގީގުގައި ގިނަ އަދަދެއްގެ ބަޔަކާ ސުވާލުކޮށް ބަޔާންތައް ނަގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ވެސް އެނަލައިޒްކުރި އެވެ. ސީސީޓީވީ ފުޓޭޖުތަކާ ހަވާލާދީ ވެސް ފުލުހުން މިއަދު ބައެއް ތަފްސީލްތައް ދިނެވެ.
ފުލުހުން ބުނީ މިދިޔަ 25 މާޗުގެ ދަންވަރުގެ ވަގުތެއްގައި މާފަންނުގެ ގެއެއްގައި ދިރިއުޅޭ ބިދޭސީންތަކަކަށް ހާއްސަކޮށް އިމިގްރޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިމިގްރޭޝަނުގެ އުސޫލުތަކާ ހިލާފަށް ލިޔެކިއުންތައް ފުރިހަމަ ނުކޮށް ކަމަށާއި މި އޮޕަރޭޝަން ކުރިއަށް ގެންދިޔަ ތިން މުވައްޒަފުންނަކީ ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދާ ޓާސްކް ފޯސްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ތިން މުވައްޒަފުންނަކީ:
-
1-
އިބްރާހިމް އަހުމަދު، ގ. ހެޕީސައިޑް
-
2-
އަހުމަދު ލައްސާން، މ. ހަޒާރީވިލާ
-
3-
މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި
ފުލުހުން ބުނިގޮތުގައި:
-
މި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޝަމްއާންއަށް އެނގިގެން ދުރާލާ ރާވައިގެން
-
އޮޕަރޭޝަންގައި ބިދޭސީންގެ އަތުން ނެގި ތަކެތީގެ ތެރޭގައި އެއް ބިދޭސީއެއްގެ އަތުން ނެގި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ
-
މި ހަތް ބިދޭސީން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ
-
ހަމަ އެ ދުވަހުގެ ވަގުތެއްގައި ގިނަ އަދަދެއްގެ ފައިސާ ފެނުނު ބިދޭސީމީހާ ދޫކޮށް ދިނުމަށް އެދި އޭނާގެ ސްޕޮންސަރުގެ ނަމުގައި އިމިގްރޭޝަނަށް ސިޓީއެއް ފޮނުވި
-
މި ސިޓީގައި، ބިދޭސީމީހާއާ ހަވާލުވާން ދާނެ މީހާގެ ނަމުގެ ބަދަލުގައި ޖަހާފައިވަނީ ފޯން ނަންބަރެއް
-
މި ސިޓީ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސިޓީއާ ހަވާލާދީ އޭނާ ދޫކޮށްލުމުގެ ކަންކަން "އާޖެންޓު" ކަމެއްގެ ގޮތުގައި ކުރިއަށް ގެންދަން ޝަމްއާން އެންގި
-
ބިދޭސީމީހާއާ ހަވާލުވާން ދިޔައީ އެ ރެއިޑް ކުރިއަށް ގެންދިޔަ ތިން މުވައްޒަފުންގެ ތެރޭގައި ހިމެނޭ މީހަކަށް ބޮޑުބޭބެ ކިޔާ މީހެއް
-
ބިދޭސީމީހާ ދޫކޮށްދިނުމަށް އެދި ފޮނުވި ސިޓީއަކީ ސްޕޮންސަރުގެ ނަންމަތީ އޭނާއަށް އެނގުމެއް ނެތި އުފެއްދި ސައްހަ ނޫން ސިޓީއެއް
-
ބިދޭސީމީހާގެ އަތުން އޮޕަރޭޝަންގައި ފެނުނު ފައިސާ ހުދު ކޮތަޅަަކަށް އެޅުމަށް ފަހު އޭނާ ދޫކޮށްލިއިރު ހަވާލުކޮށްފައިވޭ
-
ބިދޭސީމީހާ އާއި އޭނާއާ ހަވާލުވާން ދިޔަ މީހާ ސައިކަލުގައި ދުއްވާފައި ގޮސް ވަކި ހިސާބަކަށް މަޑުކުރުމުން، ރެއިޑްގައި ހަރަކާތްތެރިިވި އިބްރާހިމް މުހައްމަދު ހިނގާފައި އައި
-
އޭގެ ކުޑަ އިރުކޮޅެއް ފަހުން، އިމިގްރޭޝަންގައި ބޭނުންކުރާ ކާރެއް އައިސް، އިބްރާހިމް މުހައްމަދު އާއި ބިދޭސީމީހާ އެއަށް އަރައިގެން ދޭ
-
އެއަށް އެރީ ފައިސާ ކޮތަޅު އިބްރާހިމް މުހައްމަދުއާ ހަވާލުކުރުމަށް ފަހު
-
އެ ކާރު މާލެތެރޭގައި ދުއްވުމަށް ފަހު، ބިދޭސީމީހާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގޮސް މަޑުކުރުމުން ބިދޭސީމީހާ ކާރުން ފައިބައިގެން ދިޔައިރު އޭނާގެ އަތުގައި ފައިސާ ކޮތަޅު ނެތްކަން ފާހަގަކުރެވޭ
-
އެ ކާރު ރައީސް އޮފީސް ކައިރީގައި އޮންނަ ޕާކިން ޒޯންގައި ޕާކުކުރުމަށް ފަހު ކާރުން ފައިސާ ކޮތަޅު އިބްރާހިމް މުހައްމަދު ނެގި
-
އެ ކާރުން ދެން ފޭބީ ރެއިޑް އޮޕަރޭޝަންގައި ހަރަކާތްތެރިވި އަހުމަދު ލައްސާން
-
އޭގެ ފަހުން އެ ދެ މީހުން ސައިކަލުގައި ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް
-
ފައިސާ ކޮތަޅު ހިފައިގެން ޝަމްއާންގެ ގެއަށް އެ މީހުން ވަނީ އެ ރޭގެ ދަންވަރު ތިނެއް ޖެހިއިރު
-
އޭގެ ތިން މިނެޓު ފަހުން އެ މީހުން އެ ގެއިން ނުކުމެގެން ދޭ