ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައި ކޯޓުގެ ޝަރީއަތުގައި --

ޝަމްއާން ވަހީދު

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ހައި ކޯޓުން ވެސް ދަމަހައްޓައިފި

ހައި ކޯޓުން މިއަދު ހުކުމްކުރީ ޝަމްއާންގެ ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއަކުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބާރުދޭނެ ކަމެއް ދެއްކެވިފައި ނުވާ ކަމަށް
29 އޭޕްރީލު 2025

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ދަމަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - ރިޝްވަތުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށް، މިދިޔަ މަހު 22ގައި ވަނީ ހައްޔަރުކޮށްފަ އެވެ. ފުރަތަމަ 15 ދުވަހު ބަންދުކުރުމަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހު ކުރީކޮޅުގަ އެވެ.

ޝަމްއާންގެ ފަރާތުން ދެ އަމުރު ވެސް ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.

ތަފްސީލް - ހައި ކޯޓުން މިއަދު ހުކުމްކުރީ ޝަމްއާންގެ ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއަކުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބާރުދޭނެ ކަމެއް ދެއްކެވިފައި ނުވާ ކަމަށެވެ.

ކޮރަޕްޝަންގެ ތުހުމަތު އޮތް ނަމަވެސް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުންނަށް ވަކިން ތަހުގީގު ކުރެވޭނެ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުން ކަނޑައެޅި އެވެ.

ހައި ކޯޓުން ހުކުމްކުރެއްވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:

  • އަބްދުލްމާނިއު

  • މުހައްމަދު ނިޔާޒު

  • ހަސަން ޝަފީއު (ރިޔާސަތު)

ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުން ހިދުފާ ފާއިޒުގެ ފޯނު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އިތުރު ދެ މީހެއްގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. ޕާސްޕޯޓް ހިފެހެއްޓީ ކޮން ބަޔެއްގެ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެނގުން މުހިންމު - މި މައްސަލާގައި ޝަމްއާންގެ އިތުރު އިމިގްރޭޝަންގެ ހަތަރު އޮފިސަރަކު ވެސް ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި:

  • މަގާމުގެ ނުފޫޒުގެ ބޭނުންކޮށް އެ މުވައްޒަފުން ވަނީ، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން ބިދޭސީންތަކެއް ހިފަހައްޓާފައި

  • އެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ 530،000ރ.އާ އެކުގައި

  • އޭގެ އެއް ދުވަސް ފަހުން، ޝައްމާންގެ އަމުރަށް، ނަގުދު ފައިސާއާ އެކު ބިދޭސީއަކު ދަންވަރު ވަގުތުގައި ދޫކޮށްލި 

  • މުވައްޒަފުން ވަނީ އެ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ޝަމްއާންގެ ގެއަށް ގެންގޮސްފައި

  • ޝަމްއާންގެ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް