ރައީސް މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު(ފައިލް ފޮޓޯ/ ރައީސް އޮފީސް)

ޕީއެންސީގައި މިހާރު ރައީސް މުއިއްޒަށް ތާއީދެއް ނެތް؛ އަޅުގަނޑު ހޮވުނީމަ އެމަނިކުފާނު އޮންނަންޖެހޭނީ މުންޑު އަނދެގެން ގޭގައި: ނަޝީދު

ނަޝީދު ވިދާޅުވީ، ޕީއެންސީގެ ތެެރޭގައި ރައީސް މުއިއްޒަށް ތާއީދު ނެތް ކަމަށާއި ކުރިއަށް އޮތް ޕީއެންސީ ކޮންގްރެސްގައި އެމަނިކުފާނު ވަކިވެސްކޮށްފާނެ ކަމަށް

ވެރިކަންކުރާ ޕީއެންސީގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒަށް މިހާރު މާ ބޮޑު ތާއީދެއް ނެތް ކަމަށާއި އެމްޑީޕީގެ ޗެއާޕާސަންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފި ނަމަ، ރައީސް މުއިއްޒު އޮންނަވަންޖެހިވަޑައިގަންނަވާނީ މުންޑު އަނދެގެން ގޭގައި ކަމަށް ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނަޝީދު މިހެން ވިދާޅުވީ، 'ހެލޯ އަންނި' ނަމުގައި ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގަ އެވެ. ލައިވްކޮށް ގެނެސްދިން މި ޕްރޮގްރާމް ކުރިއަށްދިޔައީ ފޯނު ކޯލާއި އޯޑިއަންސްގެ ސުވާލުތަކަށް ނަޝީދު ޖަވާބުދެއްވާ ގޮތަށެވެ.

އޯޑިއަންސްގައި ތިބި މީހުންގެ ތެރެއިން މީހަކު ކުރި ސުވާލެއްގައި ވަނީ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުން ބަލިވެއްޖެ ނަމަ، "މުންޑު އަނދެގެން ގޭގައި އޮންނަވާނީ" ކަމަށް ނަޝީދު ކުރިން ވިދާޅުވެފައިވާތީ، އެހެން ވިދާޅުވި ސަބަބު ސާފުކޮށްދޭން އެދިފަ އެވެ.

ބުނީ ކީކޭ؟ - ޖަވާބުގައި ނަޝީދު ވިދާޅުވީ، ޑިމޮކްރަސީއެއްގަައި ބަލިވާ މީހާ އޮންނަންޖެހޭނީ ގޭގައި ކަމަށާއި އެހާ ގަދަ ހަދައިގެން އުޅެންޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެެވެ. އެގޮތަށް ވިދާޅުވީ، އާންމުކޮށް ގޭގައި ހުންނަވާއިރު އުޅުއްވަނީ މުންޑު އަނދެގެން ކަމަށްވާތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެކަމަކު މުންޑު އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިނުގަންނަވާނެކަން މިހާރު ވަރަށް ބޮޑަށް ޔަގީންވެފައިވާ ކަމަށާއި އެ އިންތިހާބު ބޮޑުތަނުން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް އިރާދަކުރެއްވިއްޔާ މިހާރު ވަރަށް ބޮޑަށް ޔަގީން އަޅުގަނޑު މުންޑެއް އަނދެގެން ގޭގައި އޮންނަން ނުޖެހޭނެކަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެއަށް ފަހު، ނަޝީދު ވިދާޅުވީ، މާދަމާ ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ފަހު، މުންޑު އަނދެގެން ގޭގައި އޮންނަވަންޖެހޭނީ ރައީސް މުއިއްޒު ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި އެ މަނިކުފާނު ވާދަކުރަންޖެހިފައިވަނީ ވާދަވެރި ކެންޑިޑޭޓުގެ ގޮތުގައި ފެންނަންހުރި އެމްޑީޕީގެ ކެންޑިޑޭޓު މީކާއިލް ނަސީމާ ނޫންކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. ހަގީގަތުގައި އެ މަނިކުފާނު ވާދަކުރަންޖެހިފައިވަނީ ރައީސް މުއިއްޒާއި ޕީއެންސީއާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޕީއެންސީ މި އިންތިހާބު އަޅުގަނޑަށް ގެއްލުވާލަންވެގެން އެކުރާ މަަސައްކަތް ކައިރި ވެސް ނުކުރޭ އަޅުގަނޑުގެ އަސްލު ވާދަވެރިޔާ ކަމަށް އަޅުގަނޑުމެންނަށް ފެންނަން ހުރި ބޭފުޅާ، އެއީ އެއް ނޫން. ރައީސް ޑރ. [މުހައްމަދު] މުއިއްޒާއި ޕީއެންސީ މިކަމާ ގުޅޭ މިންވަރު މާ ބޮޑު،" ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު މޮޅުވީމާ ޑރ. މުއިއްޒު މުންޑު އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނެ. އެއްގޮތަކަށް ވެސް ބޭރަށް ނިކުމެ އުޅުއްވައިގެން ނުވާނެ."

ނަޝީދު އިތުރަށް ވިދާޅުވީ:

  • ރައީސް މުއިއްޒަކީ އިންތިހާއަށް ބޭވަފާތެރި ބޭފުޅެއް

  • މުއިއްޒަކީ ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ހުސްގޮނޑި ދައްކަވައިގެން ވެރިކަމެއް ވަޑައިގެންނެވި ބޭފުޅެއް؛ ހަގީގަތުގައި އެއްވެސް ހަސިއްޔަތެއް އޮތް ބޭފުޅެއް ނޫން

  • 2023ގެ ޕްރައިމަރީއަށް އެ ޕާޓީގެ ނައިބު ރައީސްގެ ގޮތުގައި އޭރު ހުންނެވި ގައްސާން މައުމޫން ކުރިމަތިނުލެއްވީ ރައީސް މުއިއްޒަށް ފުރުސަތު ދެއްވުމަށްޓަކައި 

  • އެކަމަކު ވެރިކަމަށް ވަޑައިގަތުމަށް ފަހު ގައްސާނަށް ވެސް ބޭވަފާތެރިވެ މަގާމުން ވަކިކުރެއްވީ

  • ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން؛ ތެދުވެރިވާންޖެހޭނެ އަދި އިހުލާސްތެރިވާންޖެހޭނެ

"ދެން އަޅުގަނޑަކަށް ހިއެއްނުވޭ ޕީއެންސީ ތެރޭން ވެސް ޑރ. [މުހައްމަދު] މުއިއްޒަކަށް އެއްވެސް ތާއީދެއް މިހާރު އޮތް ހެނެއް. އަޅުގަނޑު ލަފާކުރެވޭ ގޮތުގައި އެ ބޭފުޅުންގެ ކޮންގްރެސްގައި ޑރ. މުއިއްޒު ވަކިކުރުން ވެސް އެކަށީގެންވޭ،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް (1)

profile-image-placeholder

ހަތަރެސްކަން

1 ގަޑިއިރު ކުރިން
މަނިކުފާނުގެވެސް ބައިވެރިވުމާއި ތާއީދާއިއެކު ގެނައި ވެރިކަމެއް ނޫންތޯ؟ އެހެންވީމާ މުންޑަށް ތިރިނުކޮށް ދައުރު ނިންމާލަން ފުރުސަތު ދެއްވާ!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް