ޕީއެންސީގެ އޮފީހުގައި މީގެ ކުރިން ބޭއްވި ސެނެޓް ބައްދަލުވުމުގެ ރިޔާސަތު މޭޒުގައި ރައީސް މުހައްމަދު މުއިއްޒު (ދައުރު ފައިލް ފޮޓޯ. ހުސައިން ސުނޭން(

ޕީއެންސީ

ގޮނޑި ގެއްލުނަސް، ޕީއެންސީން ބުނަނީ ބައި-އިލެކްޝަނުން ލިބުނީ ކާމިޔާބެއް ކަމަށް

ޕީއެންސީން ބުނި ގޮތުގައި، ގިނަ ފޮށިތަކުން ކުރި ހޯދީ އެ ޕާޓީން ކަމަށް އަދި މިއީ ޕާޓީ އެކަނި ނުކުމެ ލިބުނު ކާމިޔާބެއް ކަމަށް

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ގެއްލި، އިދިކޮޅު ކެންޑިޑޭޓު އެ ދާއިރާއަށް އިންތިހާބުވި ނަމަވެސް އިއްޔެގެ މި އިންތިހާބަކީ ކާމިޔާބެއް ކަމަށް ޕީއެންސީން ސިފަކޮށްފި އެވެ.

ވީ ކިހިނެއް؟ - ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ، ކުރިން އެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

އެ ދާއިރާއަށް ބޭފުޅަކު ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިވެ.

ވަގުތީ ނަތީޖާ

  • ސޯދިގު: 1375 ވޯޓު

  • ޕީއެންސީގެ ކެންޑިޑޭޓު އަހްމަދު ސައީދު (ސޮޑާ): 1313 ވޯޓު

  • ދެ ކެންޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ 62 ވޯޓު

  •  ވޯޓުލީ ޖުމްލަ 2،730 މީހުން؛ އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %66.25

ތަފްސީލު - ޕީއެންސީން މިކަމާ ގުޅިގެން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ކެންޑިޑޭޓު ސައީދަށް އެ ދާއިރާގެ "ގިނަ އަދަދެއްގެ ވޯޓު ދެއްވައި ޕާޓީއަށް އޮތް ތާއީދު ދެއްކެވީތީ" އެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އެގޮތުން، އެ ބަޔާނުގައި ބުނީ:

  • އިންތިހާބުގައި ބެހެއްޓި ޖުމްލަ ހަތް ފޮށީގެ ތެރެއިން ފަސް ފޮށީގެ އަގުލަބިއްޔަތު ލިބުނީ ސައީދަށް؛ އެއީ، ހިތަދޫގައި ބެހެއްޓި ފަސް ފޮށީގެ ތެރެއިން ތިން ފޮއްޓާއި މާލޭގެ ދެ ފޮށީގެ ތެރެއިން އެއް ފޮށި

  • ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ޖުމްލަ އަގުލަބިއްޔަތުން ވެސް ކުރި ހޯދީ ސައީދު

"އެއީ އިދިކޮޅު ހުރިހާ ޕާޓީތަކެއް އެކުގައި މަސައްކަތް ކުރަމުން އައި ދަނޑިވަޅެއްގައި، އިތުރު ޕާޓީއެއްގެ ވާގިވެރިކަމެއް ނެތި މި ޕާޓީއަށް ހޯދުނު ކާމިޔާބެއް،" ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

މި އިންތިހާބުގެ ކެމްޕެއިންގައި ޕާޓީއާ އެކު މަސައްކަތް ކުރި ބޭފުޅުންގެ އަގު ވަޒަންކޮށް، އެ ބަޔާނުގައި ޝުކުރު އަދާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕާޓީގެ ލީޑާޝިޕް ބޭފުޅުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތައް ވެސް ޝާމިލު ކުރި އެވެ.

މިއީ ކާމިޔާބެއްގެ ގޮތުގައި ޕީއެންސީން ސިފަ ކުރި ނަމަވެސް އެމްޑީޕީން ބުނި ގޮތުގައި، މި އިންތިހާބު ކާމިޔާބު ކުރީ ސަރުކާރުން އެ ޕާޓީގެ މެމްބަރުންނަށް އެކި ގޮތްގޮތުން ބިރުދައްކަމުން ދަނިކޮށެވެ. އަދި އިންތިހާބުން ދިން މެސެޖަކީ ސަރުކާރު އޮތީ ފެއިލްވެފައި ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް