އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްގަފޫރު މޫސާ (ފޮޓޯ/ އެމްޑީޕީ)

ސަރުކާރު އޮތީ ފެއިލްވެފައި؛ ހިތަދޫ އުތުރު އިންތިހާބުން ރައްޔިތުން ދިން މެސެޖަކީ އެއީ: ގަފޫރު

ގަފޫރު ވިދާޅުވީ އެމްޑީޕީން ހިތަދޫ އުތުރު ބައި-އިލެކްޝަން ކާމިޔާބުކުރީ ސަރުކާރުން އެ ޕާޓީގެ މެމްބަރުންނަށް ވަޒީފާގެ ބިރުދައްކަމުން ދަނިކޮށް ކަމަށާއި އެފަދަ ބިރަކަށް އެ ޕާޓީން ތަބާނުވާނެ ކަމަށް
1 ގަޑިއިރު ކުރިން

ރައްޔިތުން ބޭނުންވަނީ މިނިވަންކަމާއި އިހުލާސްތެރިކަން ކަމަށާއި މިއަދު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ވެސް ފެންނަނީ އެކަން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަން، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު ކާމިޔާބު ކުރައްވީ، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ކައުންސިލަރު އަހްމަދު ސައީދު (ސޮޑާ)އާ ވާދަކުރައްވައިގެންނެވެ.

ތަފްސީލު - އިންތިހާބުގެ ވޯޓުލައި ނިމުނު ފަހުން ގަފޫރު 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަދު ނެގި ވޯޓުގެ ނަތީޖާއިން ރައްޔިތުން ތިބި ގޮތް ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.

"މިއަދު ހާމަވެގެން މި ދިޔައީ ދިވެހި ރައްޔިތުން ތިބި ގޮތް. އިންތިހާބެއް ކާމިޔާބުކުރަން މި ސަރުކާރުން ނުކުރާ މަސައްކަތެއް ނެތް. އެހެން ނަމަވެސް ބޮޑު ތަފާތަކުން މި އިންތިހާބު އަޅުގަނޑުމެންގެ ކެންޑިޑޭޓު ކާމިޔާބުކުރީމަ ދެން ސަރުކާރަށް އަދިވެސް އެއްޗެއް ނުވިސްނިގެން މިއުޅެނީ،" ގަފޫރު ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވަނީ މިނިވަންކަމާއި އިހުލާސްތެރިކަމާއި ވަފާތެރިކަން ރައްޔިތުންނަށް ދައްކަން. އޭގެ ތެރެއިން ކަންކަން ހިނގަމުން މިދަނީ."

ގަފޫރު ވިދާޅުވީ އެމްޑީޕީން ހިތަދޫ އުތުރު ބައި-އިލެކްޝަން ކާމިޔާބުކުރީ ސަރުކާރުން އެ ޕާޓީގެ މެމްބަރުންނަށް އެކި ގޮތްގޮތުން ބިރުދައްކަމުން ދަނިކޮށް ކަމަށެވެ.

އެގޮތުން، ކެމްޕޭނުގައި މަސައްކަތްކުރި އެމްޑީޕީގެ އެކި މެމްބަރުންނަށް، ވަޒީފާއިން ސަސްޕެންޑު ކުރަން ސިޓީ ފޮނުވާފައިވާ ކަމަށާއި އެފަދަ ކަންކަން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ގަފޫރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އެގޮތަށް އެކަންކަމެއް ނުކުރެވޭނެ. މިއީ ދިވެހި ދައުލަތް. ދިވެހި ދައުލަތުގެ ވަޒީފާތަކަކީ އެންމެންނަށް ހައްގު، ހަމަހަމަވެގެންވާ ކަންކަން. އެއިން އެއްވެސް ކަމަކަށް އަރައެއް ނުގަނެވޭނެ،" ގަފޫރު ވިދާޅުވި އެވެ.

"އެކަންކަމުގެ އަގު މި ސަރުކާރުން ދައްކަން ޖެހޭނެ... ބިރު ދައްކަން ނުހައްދަވާ. އަޅުގަނޑުމެން ބިރަކަށް ތަބައެއް ނުވާނަން. އަޅުގަނޑުމެންގެ ވެސް ގައުމު މިއީ. ތިޔަބޭފުޅުން (ސަރުކާރު) ތިޔަކުރައްވާހާ ކަމެއް ކުރާކަށް ދޫކޮށްލައިގެން ނުތިބޭނަން. ރައްޔިތުން ދާދި ދެންމެއަކު ބަސް އެ ބުނެ ނިންމީ. މި ސަރުކާރު ބޮޑުތަނުން ފެއިލްވެއްޖެ. ސާފު."

މި ކާމިޔާބީއާ އެކު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ތިއްބަވާ އެމްޑީޕީ މެމްބަރުންގެ އަދަދު 13އަށް އިތުރުވާނެ އެވެ. ގަފޫރު ވިދާޅުވީ އެއީ އެ ޕާޓީއަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި ސޯދިގަކީ ފްރަންޓްލައިންގައި މަސައްކަތް ކުރައްވާނެ، އެ ޕާޓީގެ 'ގަދަ ފަހުލަވާނެއް' ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް