ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުއޫދު ސުޕްރީމް ކޯޓުގައި ވަކާލާތުކުރައްވަނީ --

ސުޕްރީމް ކޯޓު

ވޭވަށު 3 ވޯޓެއް ހައި ކޯޓުން ބާތިލްކުރުމާ ދެކޮޅަށް ކުރީގެ ފަނޑިޔާރު ސުއޫދު ސުޕްރީމް ކޯޓުގައި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގައި ވަކާލާތުކުރައްވަމުން ވިދާޅުވީ ޗާޕުގެ ތެރެއިން ވޯޓު ކަރުދާހުގައި ތިކިތަކެއް ހުންނަކަން އީސީން ފާހަގަކުރާއިރު ހުރިހާ ކެންޑިޑޭޓުންގެ ވޯޓުތަކުގައި ވެސް ތިކިހުރި ކަރުދާސްތަކެއް ކުރުމަށް
41 މިނިޓު ކުރިން

ނިމިދިޔަ ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލް މެންބަރު ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިިކިތަކެއް ހުރުމުން އެ ތިން ވޯޓު ކަރުދާސް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ސުޕްރީމް ކޯޓުގައި ވަކާލާތުކުރައްވައިފި އެވެ.

ވީކިހިނެއް؟ - ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހަކީ އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން ނައީމަށް ލިބިފައިވާ ތިން ވޯޓެކެވެ. އެ ތިން ވޯޓު ހިމެނޭ ގޮތަށް އެ އިންތިހާބުގެ ނަތީޖާއަކީ:

  • އެމްޑީޕީގެ ކެންޑިޑޭޓް އަހުސަނަށް 121 ވޯޓު

  • ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް 119 ވޯޓު

އަހުސަނަށް ލިބުނު ތިން ވޯޓު ކަރުދާހެއްގައި ތިކިތަކެއް ހުރިކަން ފާހަގަކޮށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ހުކުމްކޮށްފައިވަނީ ތިން ވޯޓު ކަރުދާސް ބާތިލްވާ ކަމަށެވެ. އެއާ އެކު ނަތީޖާ ބަދަލުވަނީ:

  • ޕީއެންސީގެ ކެންޑިޑޭޓު ނަޒީހަށް 119 ވޯޓު

  • އެމްޑީޕީގެ ކެންޑިޑޭޓު އަހުސަނަށް 118 ވޯޓު

ހައި ކޯޓުން ކުރި މި ހުކުމް އަހުސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. އިސްތިއުނާފް މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވި އެވެ.

ތަފްސީލް - އަހުސަންގެ ވަކީލެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ)ން ހައި ކޯޓަށް ހުށަހެޅި، ވޯޓު ކަރުދާސްތައް ޗާޕްކުރި ނޮވެލްޓީ ޕަބްލިޝާސްގެ ސިޓީގައި ހެކިބަހަކަށް ބުރަދަންދެވިދާނެ ނުކުތާއެއް ހިމެނޭ ކަމަށެވެ. އެ ނުކުތާއަކީ، ޗާޕުކުރުމުގައި ޖެހޭ ތިކިތައް ނައްތާލުމަކީ ނާދިރުކަމަކަށްވާތީ ވޯޓު ކަރުދާސްތަކުގައި ޗާޕުގެ ތިކިތައް ހުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ނޮވެލްޓީން ބުނެފައިވާ ބައެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ވޯޓެއް ބާތިލްވާނެ ގޮތުގެ ހާލަތްތައް ބަޔާންކުރާއިރު، އެ ހާލަތްތަކުގެ ތެރޭގައި ޗާޕުގެ ދެލި ހުރެގެން ވޯޓެއް ބާތިލްވާނެ ކަމަކަށް ގާނޫނުގައި ނެތް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އެއީ އެ ގޮތަށް ހިނގި ކަމެއް ނޫންކަން ސާބިތުކުރުމުގެ ބުރަ އޮންނަންވާނީ ދައުވާކުރާ ފަރާތަށް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވީ، އެއީ ޗާޕު ދެލިކަން ސާބިތުކުރުމުގެ ބުރަ އިލެކްޝަންސްގެ މައްޗަށް އޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައި އޮންނާތީ އެވެ.

"އެ ތިން ވޯޓު ކަރުދާހުގައި ވެސް ނޫކުލައިން ފާހަގަ ޖެހިއިރު، ތިކިތައް މި ހުރީ ކަޅު ކުލައިން. އީސީން އެބަ ފާހަގަކުރޭ ކަޅު ކުލައިގެ ގަލަމެއް ވައްދަން ފުރުސަތު ނުދެމޭ، ތިމަންނަމެން ޗެކްކުރަމޭ. އެ ކަމުން ވެސް ބުރަވެވެނީ އެއީ ޗާޕުކުރުމުގެ ތެރެއިން އަރާފައިވާ ތިކިތަކެއް ކަމަށް،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު އިތުރަށް ފާހަގަކުރެއްވީ:

  • ހައި ކޯޓަށް މައްސަލަ ހުށަހެޅި ނަޒީހުގެ ފަރާތުން އެދިފައިވަނީ އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބު ބާއްވައިދިނުމަށް؛ ހަސްމަކު ނޭދޭ ފަރުވާއެއް ކޯޓަކަށް ހޯދާ ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުގައިވޭ

  • ޗާޕުގެ ތެރެއިން ޖެހޭ ތިކިތައް އެހެން ގޮނޑިތަކުގެ ވޯޓު ކަރުދާހުގައާއި ނަޒީހަށް ވޯޓު ލިބުނު ކަރުދާސްތަކުގައި ވެސް މި ޒާތުގެ ތިކިތަކެއް ހުރި؛ ތިކިތައް ހުރެގެން ވޯޓު ބާތިލްވާނަމަ މި ހުރިހާ ވޯޓުތަކަށް ވެސް އަސަރުކުރާނެ

  • ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުންތައް އައިސްފައިވަނީ ފައިސަލާއަކަށްވުރެ ވެސް ބޮޑަށް އަމިއްލައަށް ހަބީރުންގެ ހެކިބަހެއް ގޮތުގައި

ނަޒީހުގެ ވަކީލު ފާހަގަކުރެއްވީ ވޯޓުލާ މަރުކަޒުގެ ތެރެއަށް ވަދެފައި ހުންނާނީ ހަމައެކަނި ނޫކުލައިގެ ގަލަންތައް އެކަނި ކަމުގެ ކަށަވަރުކަމެއް އިލެކްޝަންސް ކޮމިޝަނަށް ނުދެވޭނެ ކަމަށެވެ. އެހެންވެ އެ ތިން ވޯޓު ކަރުދާހުގައި ހުރި ދެލި ތިކިތަކަކީ ޔަގީންނުވާނަމަ ބޮޑަށް ބަލަން ޖެހޭނީ ޖަހާފައި ހުރި ތިކިތަކެއްގެ ގޮތުގައި ކަމަށް ވަކީލު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ހެނދުނު 10:30ގައި ފެށި އަޑުއެހުން މެންދުރު ނަމާދު ވަގުތަށް 30 މިނެޓަށް މެދުކަނޑާލުމަށް ފަހު، އޭގެ ފަހުން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް