ހައި ކޯޓް އަދި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ހައި ކޯޓު

ތިކިތަކެއް ހުރެގެން 3 ވޯޓެއް ހައި ކޯޓުން ބާތިލްކޮށް، ވޭވަށު ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް

މ. ވޭވަށު ކައުންސިލްގެ ގޮނޑިއަކަށް އެމްޑީޕީގެ ކެންޑިޑޭޓު ދެ ވޯޓުގެ ފަރަގަކުން، އެމްޑީޕީއަށް ލިބުނު ތިން ވޯޓެއް ހައި ކޯޓުން ބާތިލްކުރުމުން އެ ގޮނޑި ޕީއެންސީއަށް ލިބިގެންދޭ

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މ. ވޭވަށު ކައުންސިލް މެންބަރު ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިިކިތަކެއް ހުރުމުން އެ ތިން ވޯޓު ކަރުދާސް ބާތިލްވާ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހަކީ އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން ނައީމަށް ލިބިފައިވާ ތިން ވޯޓެކެވެ. އެ ތިން ވޯޓު ހިމެނޭ ގޮތަށް އެ އިންތިހާބުގެ ނަތީޖާއަކީ:

  • އެމްޑީޕީގެ ކެންޑިޑޭޓް އަހުސަނަށް 121 ވޯޓު

  • ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް 119 ވޯޓު

އިލެކްޝަންސް ކޮމިޝަން (އީސީ)ން މި ގޮނޑީގެ ވޯޓު ކަރުދާސްތައް އަލުން ގުނުމަށް ފަހު ވެސް ނަތީޖާއަށް ބަދަލު ނުގެނައުމުން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ނަޒީހެވެ.

ތަފްސީލް - އަހުސަނަށް ލިބުނު ތިން ވޯޓު ކަރުދާހެއްގައި ތިކިތަކެއް ހުރިކަން ފާހަގަކޮށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު ހުކުމްކުރީ ތިން ވޯޓު ކަރުދާސް ބާތިލްވާ ކަމަށެވެ. އެއާ އެކު ނަތީޖާ ބަދަލުވަނީ:

  • ޕީއެންސީގެ ކެންޑިޑޭޓު ނަޒީހަށް 119 ވޯޓު

  • އެމްޑީޕީގެ ކެންޑިޑޭޓު އަހުސަނަށް 118 ވޯޓު

ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ އަގުލަބިއްޔަތުން ނިންމެވީ އެ ތިން ކަރުދާހުގައި ހުރި ތިކިތައް ހުރީ ވޯޓުގެ ސިއްރުކަން ގެއްލިގެންދާ ވަރަށް ފެންނަ ގޮތަށް ކަމަށެވެ. އެހެންވެ އެ ތިން ވޯޓު ބާތިލްވާނެ ކަމަށް ހުކުމުގައިވެ އެވެ.

ރައުޔު ތަފާތުވި ފަނޑިޔާރަކީއިބްރާހީމް މާހިރެވެ. އޭނާގެ ރައުޔަކީ ތިކިތައް ބެލެވެނީ ފާހަގަލުމުގެ ތެރެއިން ދެލި ބުރައިގެން ޖެހިފައި ހުރި ތިކިތަކެއް ކަމާއި ވޯޓުގެ ސިއްރުކަން އެ ތިކިތަކުގެ ސަބަބުން ގެެއްލޭ ކަމަށް ނުބެލެވޭ ކަމަށެވެ.

ކޮމެންޓް (1)

ތެފައާސާ.

14 މޭ 2026
ވަރަށް ބޮޑަށް މަރުހަބާ. ވޭވަށުގައި ހަވާ އަރުވަން ވާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް