ކޭޕާކުގެ ވެރިޔާ ކަމަށް ބުނާ މަމްދޫހު، ކ.1 މަމްދޫހު އާއި އޭނާއާ ޖެހިގެން ކޮރެއާގެ އެޖެންޓް ކިމް

ކޭޕާކާ ގުޅޭ ހަމްބޯ ކުންފުނި 'ގެއްލި' ފްލެޓް ގަތް މީހުން އެޗްޑީސީއާ ބައްދަލު ކުރަނީ

ކޭޕާކު މަޝްރޫއިން ލަނޑު ލިބުނު ބައެއް މީހުން ތަމްސީލުކުރާ ލޯފާމުން ބުނީ އެ މައްސަލަ ހައްލުކުރަން އެޗްޑީސީން ވެސް އެއްބާރުލުން ދެމުންނުދާ ކަމަށް

ހުޅުމާލޭގައި ހަދަމުން އަންނަ މަތީ ފެންވަރުގެ ކޭ-ޕާކް ރެޒިޑެންސް ފްލެޓް މަޝްރޫއުގެ ތެރޭން އެޕާޓުމަންޓު ގަނެފައިވާ މީހުންނަށް އެތަންތަން އަދިވެސް ނުލިބޭތީ އާއި ހަންބޯ ކުންފުނި ވުޖޫދުން ގެއްލިފައިވާ ކަމަށް ބުނެ އެކަމަށް ހައްލެއް ހޯދަން އެޗްޑީސީއާ ބައްދަލުކުރަން އެ އެޕާޓުމަންޓުތައް ގަތް މީހުންގެ ލޯފާމުގެ ފަރާތުން އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ހަންބޯ ކުންފުނި ބޭނުންކޮށްގެން، ކޭ-ޕާކް އެޕާޓްމަންޓްތަކެއް މަކަރާ ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވީ އޭޕްރީލް 2023ގެ ފަހުކޮޅެވެ. އެގޮތުން:

  • މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، މައްސަލާގައި 50އަށް ވުރެ ގިނަ މީހުންނަށް ވަނީ ލަނޑު ލިބިފައި

  •  އޭގެ ތެރެއިން ބައެއް މީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ މީހުންނަށް އެޕާޓުމަންޓް ހަވާލުކުރަން މީގެ ކުރިން ކޯޓުން ވެސް އަންގާފައިވޭ

  • އެ މައްސަލާގައި ދައުވާކޮށްފައިވަނީ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު އާއި އޭނާއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖައިޝާން ސައީދުގެ މައްޗަށް

  • ސްކޭމްގެ މައްސަލަ ކުރިމަތިވި ނަމަވެސް ކޭ-ޕާކް ފްލެޓް އެޅުމުގެ މަޝްރޫއު ނުހުއްޓޭނެ ކަމުގެ ޔަގީންކަން އެ މަޝްރޫއު ހިންގައި މައި ކުންފުނި ހަމްބޯ ޓެކް ކޮރެއާއިން ވަނީ މީގެ ކުރިންދީފައި

ތަފްސީލް - އެޗްޑީސީގެ ބެލުމުގެ ދަށުން ހިންގާ އެ މަޝްރޫއުގެ ފްލެޓުތަކަށް ވެގެން އުޅޭގޮތް ސާފުކުރަން އެޗްޑީސީއާ ބައްދަލުކޮށްދިނުމަށް އެދި ހުށަހެޅީ، އެ މަޝްރޫއުއިން ލަނޑު ލިބުނު ބައެއް މީހުންގެ ފަރާތުން އައްޔަންކޮށްފައިވާ ލޯފާމު، އެޑްވޮކަސީ ޗެމްބާސްއިންނެވެ.

އެ ލޯފާމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ:

  • އެ މަޝްރޫއުއިން ފްލެޓު ގަތް މީހުންނަށް މިހާތަނަށް ވެސް އެތަންތަން ލިބިފައެއް ނުވޭ

  • އެޗްޑީސީއާ ބައްދަލުކޮށްގެން މި މައްސަލަ ހައްލުކުރަން މިހާތަނަށް ކުރި މަސައްކަތްތަކަށް އެއްބާރުލުމެއް ދީފައިނުވާތީ އެކަމަށް އެއްވެސް ކުރިއެރުމެއް ނުލިބޭ

  • އެހެންވެ، އެޗްޑީސީން އެ މަޝްރޫއު ހިންގަން ހަވާލުކޮށްފައިވާ ހަންބޯ ކުންފުންޏާއި ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރަން ބެލިއިރު އެ ކުންފުނި ވުޖޫދުން ގެއްލިފައިވާކަން ފާހަގަކުރެވިފައިވޭ

"މިކަން ވެފައިވާ ގޮތެއް ބަލައި، ޑިވެލޮޕަރު ހުރި ތަނަކުން ހޯދައި، އެފަރާތާ ބައްދަލުކުރުމަށް ބޭނުންވާތީ އާއި އެ ފަރާތްތަކުގެ މައުލޫމާތު ހުރީ އެޗްޑީސީގައި ކަމަށްވުމާއެކު، މިކަން ކުރެވޭނެ މަގެއް ހޯދުމުގެ ގޮތުން އެޗްޑީސީއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.

އެނގުން މުހިންމު - ކޭޕާކް އެޕާޓުމަންޓުތައް ގަތް މީހުން އެތަންތަން ހޯދަން ކުރާ މަަސައްކަތަށް ހައްލު ހޯދަން އެޗްޑީސީއާ 2024ވަނަ އަހަރު ވެސް އެތަންތަން ގަތް މީހުން ބައްދަލުކޮށްފައިވެ އެވެ. އެކަމަކު، އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާއި، ލާރި ދައްކާފައިވާ ފަރާތްތަކާއި ނުދައްކާ ފަރާތްތަކުގެ ލިސްޓެއް ހޯދަން އެ ބައްދަލުވުމުގައި އެދުމުން އެ މައުލޫމާތު ވެސް އެޗްޑީސީގައި ނެތްކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މީހުން ފާހަގަކުރި އެވެ. 

ކޭ-ޕާކު ފްލެޓްތައް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލާގައި ދައުވާ އުފުލާފައިވާ މަމްދޫހުގެ މައްޗަށް ދައުލަތުން އުފުލި 94 ދައުވާއެއްގެ އަދަބަކަށް 397 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރުގައި ހުކުމްކުރި އެވެ. އަދި ޖައިޝާން ސައީދު 159 އަހަރަށް ޖަލަށް ލާން ވެސް ހުުކުމްކުރި އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް