14 ސެޕްޓެމްބަރު 2024: ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް އިމާރާތް. (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކޭޕާކުގެ 4 އެޕާޓުމަންޓެއް ހަވާލުކުރަން އަމުރެއް

ސިވިލް ކޯޓުން އިއްޔެ އަމުރުކުރީ ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި އެ އެޕާޓުމަންޓުތައް އެތަން ގަތް މީހާއާ ހަވާލުކުރުމަށާއި އެޕާޓުމަންޓުތައް ހަވާލުނުކުރެވޭނަމަ އޭގެ އަގަށް ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން ވިއްކާފައިވާ ކޭ-ޕާކްގެ ހަތަރު އެޕާޓުމަންޓެއް، އެ އެޕާޓުމަންޓުތައް ގަތް މީހާއާ ހަވާލުކުރަން، އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ އަލީ އާދަމް، ގ.ކަކާގެއާގެ، އެވެ. އޭނާ ކޯޓުގައި އެދިފައިވަނީ:

  • ކޭޕާކު ރެސިޑެންސްގެ ފަސްވަނަ ފަންގިފިލާގަ އަދި ހަތްވަނަ ފަންގިފިލާގައި  ހަދާފައިވާ ހަތަރު އެޕާޓުމަންޓު އޭނާއާ ހަވާލުކުރަން އަމުރުކޮށްދިނުމަށް

  • ނުވަތަ އެ އެޕާޓުމަންޓުތަކުގެ އަގަށް އޭނާ ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް އަމުރުކޮށްދިނުމަށް

ތަފްސީލް - މި މައްސަލާގައި ސިވިލް ކޯޓަށް ހަންބޯ ކުންފުނިން ޖަވާބުދާރީވެފައެއް ނުވެ އެވެ. އެހެންވެ، އެ ކުންފުނީގެ ގައިރު ހާޒިރުގައި އިއްޔެ ކުރި ހުކުމްގައި އަމުރުކޮށްފައިވަނީ ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި އެ އެޕާޓުމަންޓުތައް އަލީ އާދަމްއާ ހަވާލުކުރުމަށާއި އެޕާޓުމަންޓުތައް ހަވާލުނުކުރެވޭނަމަ އޭގެ އަގަށް ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދިނުމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނީ:

  • އަލީ އާދަމަށް މި އެޕާޓުމަންޓުތައް ވިއްކުމުގެ އެއްބަސްވުމެއްގައި 3 އެޕްރީލް 2023ގައި ހަމްބޯ ކުންފުނީގެ ޑިރެކްޓަރު ހަސަން މަމްދޫހު ސޮއިކޮށް ކުންފުނީގެ ސިއްކަ ޖަހާފައިވޭ

  • ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު މި ހަތަރު އެޕާޓުމަންޓަކީ ވެސް އަލީ އާދަމްއާ ހަވާލުކުރަންޖެހޭ ތަންތަންކަން އެނގޭ

އެނގުން މުހިންމު - ހުޅުމާލޭގައި ކޭޕާކް ފްލެޓްތައް ހަދަމުން އަންނަ ހަންބޯ މޯލްޑިވްސް ކުންފުނީގެ ކަސްޓަމަރުންނަށް ނުއަގުގައި ފްލެޓް ވިއްކައި އެ ކުންފުންޏަށް ނޭނގި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވީ 2023 ވަނަ އަހަރުގެ އޭޕްރީލް ފަހުކޮޅު އެވެ.

އެ ކުންފުނިން އޭރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި:

  • އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު އާއި އިތުރު މީހަކު ވަނީ ބޮޑު އޮޅުވާލުމަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައި

  • މިކަން ކޮށްފައިވަނީ އެ ކުންފުނީގެ %95 ހިއްސާ އޮންނަ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން

މި މައްސަލަ ފެންމަތިވެފައިވަނިކޮށް، މަމްދޫހު ރާއްޖެއިން ބޭރަށް ފުރަން މަސައްކަތް ކުރަނިކޮށް، އެ އަހަރުގެ ޖުލައި މަސްތެރޭ ހައްޔަރުކުރި އެވެ. އެކަމަކު މިވަގުތު އޭނާ ހުރީ ޝަރީއަތަށް އެއްބާރުލުން ދޭން ޝަރުތުކޮށް ބަންދުން ދޫކޮށްލާފަ އެވެ.

މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ބުނާ މައްސަލާގައި ލަނޑު ލިބުނު 50 އަށް ވުރެ ގިނަ މީހުން ތިބި އިރު، އެއިން ކޮންމެ މައްސަލައެއްގައި ދައުލަތުން ވަނީ ވަކިވަކިން ދައުވާކޮށްފައިވެ އެވެ.

މި މައްސަލާގައި މަމްދޫހުގެ މައްޗަށް 104 ދައުވާއެއް ކުރެ އެވެ. އަދި، މިކަމުގައި އޭނާއާއެކު ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖައިޝާންގެ މައްޗަށް 74 ދައުވާ ވަނީ އުފުލާފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

4 ސެޕްޓެމްބަރު 2025
4 އެޕާޓްމަންޓު ގަތީ 2.9 މިލިއަން ރުފިޔާ ދީފައި؟ އެހެންވީމާ ހުޅުމާލެއިން ލަގްޒަރީ އެޕާޓްމަންޓް ގަނެފައި ތިއޮތީ 725،000 ރުފިޔާއަށްތާ؟ މާންޑޭއާ މަގުމަތީ ބާޒާރަކުން ދިމާވެގެންތޯ މި އަގުގައި ގަނެފައި މިއޮތީ؟؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް