މަމްދޫހު: މަކަރާ ހީލަތުން ކޭޕާކްގެ ފްލެޓްތައް ވިއްކި މައްސަލަ ވަނީ ފެންމަތިވެފައި

ޝަރީއަތަށް އެއްބާރުލުން ދޭން ޝަރުތުކޮށް ކޭޕާކު މަމްދޫހު ދޫކޮށްލައިފި

ހަސަން މަމްދޫހު ބަލިވެގެން ކަމަށް ބުނެ ޝަރީއަތަށް ހާޒިރުނުވި ދުވަސްތަކުގައި ބޭރުން ވެސް ފެނިފައިވޭ؛ މެޑިކަލް ސެޓްފިކެޓްތަކުގައި ވެސް ހާޒިރުނުވެވޭ ބައްޔެއް ވި ކަމަށް ބެލެވެން ނެތް ކަމަށް މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ފާހަގަ ކުރެއްވި

ހުޅުމާލޭގައި ތަރައްގީ ކުރާ ކޭ-ޕާކު ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތަށް އެއްބާރުލުން ދޭން ޝަރުތުކޮށް ބަންދުން މިއަދު ދޫކޮށްލައިފި އެވެ.

ވީކިހިނެއް؟ - މަމްދޫހާއި މި ކަމުގައި އޭނާއާ ބައިވެރިވި ކަމަށް ބުނާ ޖައިޝަން ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ ގިނަ އަޑުއެހުންތައް ކުރިން ކެންސަލް ކުރަން ޖެހުނީ މަމްދޫހް ޝަރީއަތަށް ހާޒިރުނުވެގެންނެވެ.

ޝަރީއަތަށް މަމްދޫހް ހާޒިރުނުވެ، ޑޮކްޓަރުންގެ ލިޔެކިޔުން ވެސް ޝަރީއަތަށް ހުށަހަޅާފައިވެ އެވެ. އެކަމަކު އޭގައި ޝަރީއަތަށް ހާޒިރުނުވެވޭ ވަރު ކަމެއް ފާހަގަވާން ނެތުމުންނާއި ގަވައިދުން ޝަރީއަތަށް ހާޒިރުނުވާތީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރީ މިދިޔަ ހަފުތާގަ އެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވަނީ ޝަރީއަތަށް އެއްބާރުލުން ދިނުން ޝަރުތުކޮށް މަމްދޫހު ބަންދުން ދޫކޮށްލައްވަން ނިންމަވައިފަ އެވެ. ދެން ވެސް އެއްބާރުލުން ނުދޭނަމަ ބަންދުކުރަން އަނެއްކާ ވެސް އަމުރުކުރައްވާނެ ކަމަށް ވެސް ގާޒީ މިއަދު ވިދާޅުވި އެވެ.

ދައުވާތަކުގެ ހުލާސާ - މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ބުނާ މައްސަލާގައި ލަނޑު ލިބުނު 50 އަށް ވުރެ ގިނަ މީހުން ތިބި އިރު، އެއިން ކޮންމެ މައްސަލައެއް ވަކިވަކިން ދައުވާކޮށްފައިވެ އެވެ.

މަމްދޫހުގެ މައްޗަށް 104 ދައުވާއެއް ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 50 ދައުވާ: ޓެކުމުގެ ކުށް

  • 50 ދައުވާ: އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށް

  • 3 ދައުވާ: މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށް

  • މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް

ބާކީ 74 ދައުވާ އުފުލާފައިވަނީ، މިކަމުގައި އޭނާއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖައިޝާން ސައީދުގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 47 ދައުވާ: އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށް

  • 27 ދައުވާ: ޓެކުމުގައި ބައިވެރިވުމުގެ ކުށް

  • 20 ދައުވާ: ޓެކުމުގެ ކުށް

  • 3 ދައުވާ: މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށް

ގުޅުންހުރި ކަމެއް - މަމްދޫހްގެ މުދާތައް ވެސް ވަނީ ޝަރީއަތް ނިމެންދެން ހިފަހައްޓައިފަ އެވެ. މަމްދޫހުގެ މުދާތަކުގެ ތެރެއިން ހިފެހެއްޓި ތަކެތީގެ ތެރޭގައި އޭނާ އާއި އޭނާގެ އަންހެނުން ދިރިއުޅެމުންދާ ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސް ވެސް ހިމެނެ އެވެ.

ތަހުގީގުގައި އެ ތަނުން ހޯދި ތަކެތީގެ ތެރޭގައި:

  • 200 ސެންޓު ފުޅި

  • 40،000 - 50،000ރ.ގެ އަގުހުރި އަތްދަބަސްތަކެއް 

  • 10،000 - 25،000 ޑޮލަރުގެ އަގުބޮޑު ގަހަނާތަކެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް