ކޭ-ޕާކު މައްސަލައިގައި އެޗްޑީސީން އޭރު ސަސްޕެންޑްކުރި އަބްދުލް ނާފިއު މުހައްމަދު.

އެޗްޑީސީ

ކޭޕާކު މަމްދޫހާ އެކު ކުންފުނި ހެދި ނާފިއުއަށް އެޗްޑީސީގެ އިސް މަގާމެއް

ނާފިއުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުންނާއި އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން އޭރު ތަހުގީގުކުރަން ފެށި

ހުޅުމާލޭގައި ހަންބޯ ކޮމްޕެނީން ހަދަމުން އަންނަ މަތީ ފަންތީގެ ކޭ-ޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)އާ އެކު ކުންފުނި ހެދި އެޗްޑީސީގެ މުވައްޒަފަކަށް އިސް މަގާމެއް ދިންކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - އޭރު އެޗްޑީސީގެ ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަދި ޕްރޮޕަޓީ މެނޭޖްމަންޓް ބައިގެ ޖެނެރަލް މެނޭޖަރު އަބްދުލް ނާފިއު މުހައްމަދަކީ، ކޭޕާކުގެ މައި ހިއްސާދާރަށް އޮޅުވާލައިގެން މަމްދޫހު އެޕާޓްމަންޓް ވިއްކަން ބޭނުންކުރި ކުންފުންޏެއްގެ ހިއްސާދާރެެކެވެ.

މި މައްސަލާގައި އެ ދުވަސްވަރު އޭނާ ސަސްޕެންޑްކޮށް އެޗްޑީސީގެ އިންޓާނަލް އޮޑިޓުން ވެސް ތަހުގީގުކުރަން ފެށި އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ނާފިއު އައްޔަންކޮށްފައިވަނީ އެ ކުންފުނީގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސްގެ މަގާމަށެވެ. އެގޮތުން:

  • އެ ސެކްޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް ބައި ބަލަހައްޓާނީ ނާފިއުގެ ބެލުމުގެ ދަށުން

  • ސޭލްސްގެ ބައި ބަލަހައްޓަނީ އެހެން ޑިރެކްޓަރެއް

  • ނާފިއު މި މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުރި މުވައްޒަފަކު ވަކިކުރުމަށް ފަހު؛ ވަކިކުރި ސަބަބެއް އަދި ސާފެއް ނޫން

އެނގުން މުހިންމު - އޮޅުވާލައިގެން ހުޅުމާލޭން ބިން ދޫކުރި ކަމުގެ ތުހުމަތުގައި އިއްޔެ އެޗްޑީސީގެ ބިޒްނަސް ޑިވެލޮޕްމެންޓް އަދި ސޭލްސްގެ އިސް އަންހެން މުވައްޒަފެއް ވެސް ސަސްޕެންޑްކޮށްފައިވެ އެވެ.

ގުޅުން ހުރި - މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ބުނާ މައްސަލާގައި ލަނޑު ލިބުނު 50 އަށް ވުރެ ގިނަ މީހުން ތިބި އިރު، އެއިން ކޮންމެ މައްސަލައެއް ވަކިވަކިން ދައުވާކޮށްފައިވެ އެވެ.

އެ ހިޔާނާތުގެ މައްސަލާގައި ދައުވާކޮށްފައިވަނީ މަމްދޫހުގެ އިތުރުން މިކަމުގައި އޭނާއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖައިޝާން ސައީދުގެ މައްޗަށެވެ.


ކޮމެންޓް (2)

އަސްލު

26 އޯގަސްޓު 2025
ކޮރަޕްޝަން ހުރިހާ ކުންފުންޏެއްގައި... ތުހުމަތެއް ކުރެވިފައިވާ މީހަކަށް އަނެއްކާވެސް ހަމަ އެކުންފުނީ ގެ އިސް މަގާމަކަށް ގެނައުމާއި ކޮން އިތުބާރެއް ސަރުކާރަށް އޮންނާނީ..
11 0

ތެފައާސާ.

26 އޯގަސްޓު 2025
ހަމަ ކޮންމެކަމެއް ފަދައިން، ވައްކަމަކީވެސް އެކަން ކުރަން އެނގިގެން ކުރެވޭ ކަމެކެވެ. ކުރަން އަދި ކިތަންމެ ބޭނުން ވިޔަސް، ކުރަން ނޭގޭ ކަމެއް ކުރަން ނޭގޭނެއެވެ. ކުރަން ބޭނުންވެ، ކުރަން ނޭގުނީމާ އޮންނާނީ ދެގޮތެކެވެ. އެހެންޏާ ނުކޮށް ދޫކޮށްލުމެވެ. ނޫނީ ކުރަން އެނގޭ މީހުން ލައިގެން ކުރުމެވެ. މިއަކީ މި ޚަބަރާއި ގުޅުން ހުރި ކޮމެންޓެއް ނޫނެވެ.
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް