ކޭޕާކް މައްސަލާގައި ދައުވާ ލިބޭ މަމްދޫހް(ކ)، ޖައިޝަން(ވ) ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި

ކޭޕާކް މަމްދޫހް 397 އަހަރަށް، ޖައިޝާން 159 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ދައުލަތުން އުފުލި 104 ދައުވާ ވެސް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި އިރު އޭގެ ތެރެއިން މިއަދު ހުކުމްކުރީ 94 ދައުވާއަށް
31 ޑިސެމްބަރު 2025
1

ކޭ-ޕާކު ފްލެޓްތައް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ދައުލަތުން އުފުލި 94 ދައުވާއެއްގެ އަދަބަކަށް 397 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އަދި ޖައިޝާން ސައީދު 159 އަހަރަށް ޖަލަށް ލާން ހުުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - ޝަރީއަތުގެ މަރުހަލާ ނިންމުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމެއްގައި މަމްދޫހުގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ. މިއަދުގެ އަޑުއެހުމަށް ތާވަލުކުރީ:

  • އެ 94 ދައުވާގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކައި ހުކުމްކުރުމަށް؛ ބާކީ 10 ދައުވާ ސާބިތުވުމާ މެދު ގޮތެއް ކަނޑައެޅުމަށް

  • މަމްދޫހާ އެކު މި ކުށުގައި ބައިވެރިވިކަމުގެ ތުހުމަތު ޖައިޝާން ސައީދުގެ މައްޗަށް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި 89 ދައުވާއަށް ހުކުމްކުރުން

ތަފްސީލް - މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް، މަމްދޫހަށް ކަނޑައެޅުއްވި އަދަބުތަކަކީ:

  • ޓެކުމުގެ 46 ދައުވާ: އެންމެ މަތީ ދަރަޖައަށް އަދަބު ކަނޑައަޅައި، ކޮންމެ ދައުވާއެއް 8 އަހަރު؛ ޖުމުލަ 368 އަހަރަށް ޖަލަށް ލުން

  • އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 44 ދައުވާ: އަސާސީ އަަދަބުގެ ދެބައިކުޅަ އެއްބައި ކަނޑައަޅައި، ކޮންމެ ދައުވާއެއް 3 މަހާއި 18 ދުވަސް؛ ޖުމުލަ 13 އަހަރާއި 2 މަހާއި 12 ދުވަސް

  • މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ: ބަންދުގައި ހޭދަކުރި 16 ދުވަސް އުނިކޮށް، 14 އަހަރާއ 11 މަހާއި 14 ދުވަހަށް ޖަލަށް ލުމަށް

  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ: 1 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް ލުން

  • ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ހުރިހާ ދައުވާއެއްގެ އަދަބު ޖުމުލަ 397 އަހަރާއި 6 މަހާއި 20 ދުވަހަށް އަރާ

ޖައިޝާންގެ މައްޗަށް ކަނޑައެޅި އަދަބުތަކަކީ:

  • އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 41 ދައުވާ: ކޮންމެ ދައުވާއެއް 3 މަހާއި 18 ދުވަސް؛ ޖުމުލަ 12 އަހަރާއި 3 މަހާއި 18 ދުވަސް

  • ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 44 ދައުވާ: ކޮންމެ ދައުވާއެއް 3 އަހަރާއި 2 މަހާއި 12 ދުވަސް؛ ޖުމުލަ 140 އަހަރާއި 9 މަހާއި 18 ދުވަސް

  • މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ: 4 އަހަރާއި 11 މަހާއި 24 ދުވަހަށް ޖަލަށް ލުން

  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ: 1 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް ލުން

  • ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ހުރިހާ ދައުވާއެއްގެ އަދަބު ޖުމުލަ 159 އަހަރާއި 5 މަހާއި 14 ދުވަހަށް އަރާ

ގެއްލުން ދިން ފަރުދުންނަށް އެ ދިން ގެއްލުމަށް ބަދަލުގެ ފައިސާ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައިި ދެއްކުމަށް ވެސް ކޯޓުން ހުކުމްކުރި އެވެ.

އަދި މަމްދޫހު ގަނެފައިވާ ޕެންޓްހައުސްއާއި އެ ތަނުގައި ހުރި މުދާތައް ދައުލަތަށް ނެގުމަށް ވެސް ހުކުމްކުރި އެވެ.

ބާކީ ދައުވާތައް ސާބިތުނުވާ ކަމަށް ވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ނިންމެވި އެވެ.

އެނގުން މުހިންމު - މަމްދޫހާއި އޭނާގެ އަނބިމީހާ ދިރިއުޅެމުންދިޔަ ޕެންޓްހައުސްގެ އަގު ގާތްގަނޑަކަށް 8 މިލިއަން ރުފިޔާއަށް އަރަ އެވެ. އެ ތަނުން ހޯދި ތަކެތީގެ ތެރޭގައި:

  • 200 ސެންޓު ފުޅި

  • 40،000 - 50،000ރ.ގެ އަގުހުރި އަތްދަބަސްތަކެއް 

  • 10،000 - 25،000 ޑޮލަރުގެ އަގުބޮޑު ގަހަނާތަކެއް

ކޮމެންޓް (1)

ހަސަން2343

31 ޑިސެމްބަރު 2025
މަންޑޭ މިއޮއް ހުރިހާ ދުވަހު މިނިވަންކަންމަތީ އަގުބޮޑު ކާރުގައި އުޅުންތަން މަގޭ ދެ ލޮލުން ފެނުނު .. މިހާރު ރިކޯޑު ހަދާ ޖަލު ހުކުމެއް އަޔަސް ތި ގަބޫލެއް ނުކުރެވޭ ނެ ތީނަ އޮންނާނީ މާދަން ރާއްޖޭންބޭރުގައި ފިލާގެން ..
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް