ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އަލީ އިހުސާން

ޝަހުޒާން އާއި ލީވާން އެކަހެރި ކުރީ އެ ގޮޅިން ފޯނެއް ފެނިިގެން؛ އެކަން ތަހުގީގު ކުރާނެ: އިހުސާން

ލީވާން އާއި ޝަހުޒާންގެ ގޮޅި ބަދަލު ކުރި ސަބަބާ ގުޅޭ ގޮތުން އޭރު ކަރެކްޝަންސްއާ ސުވާލު ކުރުމުން ބުނެފައި ވަނީ، ގައިދީން އާންމު އުސޫލުން ބަދަލު ކުރުމަކީ އިންޓާނަލް ނިންމުންތަކެއް ކަމަށާއި އެއީ ހާމަ ކުރާނެ މައުލޫމާތުތަކެއް ނޫން ކަމަށް

'އަދަދު' ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލު ހުކުމް ތަންފީޒުކުރަމުންދަނިކޮށް ވަކި ދެ ގޮޅިއަކަށްލައި އެކަހެރި ކުރީ، އެ މީހުން ތިބި ގޮޅިން ފޯނެއް ފެނިގެން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިހުސާން މިގޮތަށް ވިދާޅުވީ، 15 ދުވަހުގެ ޖަލު ހުކުމަށް ފަހު އިއްޔެ މިނިވަންވި ޝަހުޒާން ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި އިހުސާން މިއަދު އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ.

ތަފްސީލު - ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލެއްގެ މައްސަލައިގައި ކޯޓުން ނެރެފައި އޮތް ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި ޖަލަށް ހުކުމް ކުރި ޝަހުޒާން ދިން އިންޓަވިއުގައި އޭނާ ބުނެފައި ވަނީ، ލީވާންއާ އެކު އެއް ގޮޅިއެއްގައި އޮއްވާ އެކަހެރި ކުރީ ބަލިކަށިކުރުމުގެ ނިޔަތުގައި ކަމަށެވެ. އޭގެ ފަހުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ކަރެކްޝަންސްގެ އޮފިސަރުން އޭނާގެ ގޮޅި ބަލައި ފާސް ކުރި ކަމަށް ޝަހުޒާން ބުންޏެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މިއަދު އެކްސްގައި އިހުސާން ކުރެއްވި ދިގު ޕޯސްޓުގައި ވިދާޅުވީ "ޝަހުޒާން މި ހަދަނީ ކަނޑައެޅިގެން %100 ދޮގު" ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން، މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:35ގައި ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ކަރެކްޝަންސްގެ އޮފިސަރުން އެ މީހުންގެ ހާޒިރުގައި ބަލައި ފާސް ކުރި

  • އެ ގޮޅި ބަލައި ފާސް ކުރިއިރު، އެތަނުގައި ހުރި ކަބަޑެއްގެ ތެރޭ ހުރި އަންނައުނުތަކެއްގެ ތެރެއިން ފޯނެއް ވަނީ ފެނިފައި

"މިކަމާ ގުޅިގެން ޖަލުގައި އެހެން ގައިދީން ވެސް މިފަދަ ކަންކަމުގައި އަމަލުކުރާ ގޮތަށް މި ދެ މީހުން ވަނީ މޮނީޓާ ކުރެވޭ ގޮތަށް ވަކިން ދެ ގޮޅިއެއްގައި ބޭތިއްބިފައި. އަދި އެ ފަހުން، މީގެ ކުރިން ވެސް ޖަލުގައި ކަންކަމުގައި އަމަލު ކުރާ ފަދައިން އެ ގޮޅިތައް ވަނީ ވަކި އިންޓަވަލްތަކުގައި ބަލައި ފާސްކޮށްފައި،" އިހުސާން ވިދާޅުވި އެވެ.

ޝަހުޒާން ތުހުމަތުކޮށްފައިވާ ގޮތުގައި، އޭނާގެ ގޮޅި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ބަލައި ފާސް ކުރީ ރައީސް މުހައްމަދު މުއިއްޒުގެ އޯޑަރަށެވެ. އަދި އެއީ ބިރު ދެއްކުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.

ނަމަވެސް އެކަން އިހުސާން ދޮގު ކުރެއްވި އެވެ.

"މި ކަންކަމަކީ [ބަލައި ފާސް ކުރުމަކީ] ވަކި ގައިދީއަކަށް ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަންކަމެއް ނޫން. އަމުދުން ޖަލުގެ މިފަދަ ކަންކަމަކީ، ރައީސުލްޖުމްހޫރިއްުޔާ ގޮތް ނިންމަވާ ކަންކަމެއް ނޫން،" އޭނާގެ ވަޒީރުކަމުގައި ރައީސް މުއިިއްޒު ދުވަހަކު ވެސް ޖަލުގެ ކަންކަމާ ގުޅިގެން އެއްވެސް މިންވަރަކަށް އިރުޝާދެއް ދެއްވާފައި ނުވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވި އެވެ.

"މި މައްސަލަ (ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނިފައިވާ މައްސަލަ) މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ ތަހުގީގު ކުރަމުން."

އިހުސާން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި:

  • ޝަހުޒާން އާއި ލީވާން އެކަހެރި ގޮޅިއަކަށްލުމުން ރާއްޖޭގެ ތަފާތު ތިން ނޫސްވެރިއަކު މީގެ ކުރިން އޭނާއާ އެ ސުވާލު ކުރި

  •  އޭނާގެ އެ ޕޯސްޓުގައި ހިމެނޭ ވާހަކަތައް އޭރު އެ ނޫސްވެރިން ގާތުގައި ވިދާޅުވި

  • ނަމަވެސް އެ ވާހަކަތައް އެ ތިން ނޫސްވެރިން ވެސް ރިޕޯޓު ކުރި ތަނެއް ނުފެނޭ

  • އެ ރިޕޯޓު ކުރި ނަަމަ "ޝަހުޒާން މި ހަދަނީ ދޮގުކަން ސާފުވާނެ"

އެނގުން މުހިންމު - ލީވާން އެކަހެރި ގޮޅިއަކަށްލި ވާހަކަ އޭނާގެ ވަކީލުގެ ފަރާތުން ހިއްސާކުރުމުން އެކަން މީޑިއާތަކުން އޭރު ރިޕޯޓު ކުރި އެވެ.

އެކަހެރި ގޮޅިއަކަށް ލީވާން ބަދަލު ކުރި ސަބަބާ ގުޅޭ ގޮތުން ކަރެކްޝަންސްއާ އޭރު ސުވާލު ކުރުމުން އެ ސުވާލަށް އޭރު ސީދާ ޖާވާބެއް ދީފައެއް ނުވެ އެވެ. އަދި އެ ގޮޅިން ފޯނެއް ފެނުނު ވާހަކަ ރަސްމީކޮށް އެއްވެސް އިދާރާއަކުން މިއަދާ ހަމައަށް ހާމަކޮށްފައެއް ނުވެ އެވެ.

ޝަހުޒާންއާ އެކު އެއް ގޮޅިއެއްގައި އޮއްވާ ލީވާން އެހެން ގޮޅިއަކަށް ބަދަލު ކުރިތޯ 'ދައުރު'ން ކުރި ސުވާލަށް ސީދާ ޖަވާބު ނުދީ، ކަރެކްޝަންސްއިން އޭރު ބުނެފައި ވަނީ، ގައިދީން އާންމު އުސޫލުން ބަދަލު ކުރުމަކީ އިންޓާނަލް ނިންމުންތަކެއް ކަމަށާއި އެއީ ހާމަ ކުރާނެ މައުލޫމާތުތަކެއް ނޫން ކަމަށެވެ. އަދި ލީވާން ބަހައްޓާފައި ވަނީ "އެކަހެރި ގޮޅިއެއްގައި ނޫން" ކަމަށް ވެސް އޭރު ކަރެކްޝަންސްއިން ބުނެފައިވެ އެވެ.

ކޮމެންޓް (2)

ސިކުނޑި

31 މޭ 2026
އިހުސާނަކީ މުލީއާގެ ކައިރިން ނުރައްކާތެރި ބޮމެއް ހޯދި މީހެއް! އޭނަ ކޮންމެ ފަދަ އެއްޗެއްވެސް ހޯދަފާނެ! އެކަން އެންމެންވެސް ދަންނަވާނެ!
0 0

ޑޯންޓަން90

28 މޭ 2026
އަހަރެމެން ހޯމް މިނިސްޓަރަށް އިތުބާރެއް ނުކުރަން. ވ ވެދުން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް