ނޫސްވެރިޔާ ޝަހުޒާން ޖަލުން މިނިވަންވުމާ އެކު ހުޅުމާލެ ޖަލު ބޭރުގައި
ނޫސްވެރިކަންކޮށްގެން އަދިވެސް ޖަލަށް ދާން މިިހުރީ ތައްޔާރަށް؛ ވަރުބަލިވާނީ ދައުލަތް: ޝަހުޒާން
ނޫސްވެރިކަން ކޮށްގެން ޖަލަށް ދާން އަދިވެސް މި ހުރީ ތައްޔާރަަށް ކަމަށާއި ވަރުބަލިވާނީ ދައުލަތްކަމަށް 15 ދުވަހުގެ ޖަލުގެ ހުކުމެއް ތަންފީޒުކޮށް މިއަދު މިނިވަންވި 'އަދަދު'ގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މި މަހު 11ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނާ ކުރި ސުވާލެއްގެ މައްސަލައިގައި ޝަހުޒާން 15 ދުވަހަށް ޖަލަށް ހުކުމްކޮށްފައި ވަނީ ޖެހިގެން އައި ދުވަހު، މި މަހު 12ގަ އެވެ.
ޝަހުޒާން ޖަލަށް ހުކުމްކުރީ ރައީސްގެ މައްޗަށް ގަޒުފް ކުރި ކަމަށް ފުލުހުން ތުހުމަތުކުރާ މައްސަލައިގައި ކޯޓުން ނެރެފައި އޮތް 'އަނގަ ބަންދު ކުރުމުގެ އަމުރު' ނުވަތަ ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައިގެންނެވެ.
ތަފްސީލު - ޝަހުޒާން މިނިވަންވުމާ އެކު ހުޅުމާލެ ޖަލު ބޭރުގައި ހުރެ ދިން އިންޓަވިއުގައި އޭނާ ފުރަތަމަ ވެސް ބުނީ ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒަކީ "ސީދާ ހުދުމުހްތާރު ވެރިއެއް" ކަމަށެވެ. އަދި އޭނާ ހިމެނޭހެން 'އަދަދު'ގެ ދެ ނޫސްވެރިން ޖަލަށްލީ ނޫސްވެރިކަމުގައި ތަޅު އެޅުވޭނެ ކަމަށް ހީކޮށް ކަމަށް ބުންޏެވެ.
"އަޅުގަނޑު އޭރު ވެސް ދެންނެވިން ނޫސްވެރިކަމުގައި ތަޅެއް ނޭޅުވޭނެ ކަމަށް. އަޅުގަނޑު އަތުގައި އެބަހުރި އޭގެ ހެކި. އަޅުގަނޑު މިދިޔަ 15 ދުވަހު ކުރި ކަމަކީ، ނޫސްވެރިކަން. ޖަލުގައި ހުރި ހުރިހާ ޝަކުވާއެއް އަޅުގަނޑު ފޮތުގައި ހުންނާނެ،" އެ ވާހަކަތައް ރިޕޯޓު ކުރާނެ ކަމުގެ ޔަގީންކަން ދެމުން ޝަހްޒާން ބުންޏެވެ.
ޝަހުޒާން އާއި އޭނާއާ އެކު ޖަަލަށް ހުކުމްކުރި 'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ފުރަތަމަ ތިބީ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ފަހުން އެ ދެ މީހުން ވަކިކޮށް، ލީވާން އެކަހެރި ގޮޅިއަކަށް ބަދަލުކުރި އެވެ. ޝަހްޒާން ބުނި ގޮތުގައި އެކަން ކުރީ ސީދާ ރައީސްގެ އޯޑަރަށެވެ.
"އެއަށް ފަހު، ކޮންމެ ރެއަކުހެން ޖަލު އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި މަރުތޭލާއި ފުށްކަށި ހިފައިގެން އަޅުގަނޑުގެ ގޮޅިއަށް ކޮންމެ ރެއަކުހެން ވަދެ ނިދަން އޮންނަ އައްޓާއި ފާރުގެ އެކި ތަންތަން ތަޅާ ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން އަޅުގަނޑަށް ބިރު ދައްކަން، ސައިޒުކުރަން،" ޝަހުޒާން ބުންޏެވެ.
"ނަމަވެސް އަޅުގަނޑު ރައީސް މުއިއްޒަށް ދަންވާލަން ބޭނުންވަނީ، އަޅުގަނޑުމެން ނޫސްވެރިކަމުގެ ކަމަރު ބަދެގެން މިތިބީ ވަރަށް ކެރިގެންނޭ. އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. ތިޔަހެން ޖައްސަވާ ވައި ބޮޑިއަކުން އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. ތިޔަ ދުއްވާލެވުނީ އަދި ތެޔޮ ހަމެއް."
އެއާ އެކު ޝަހުޒާން ރައީސްއަށް ޗެލެންޖެއް ވެސް ދިނެވެ. އެއީ ކޯޓުން ނެރެފައި އޮތް ގެގް އޯޑަރު ބާތިލުކުރުމަށް ފަހު، އޭނާއާ އެކު ލައިވް އިންޓަވިއުއަކަށް ވަޑައިގަތުމަށެވެ.
"އަޅުގަނޑު އެމަނިކުފާނާ ކުރަން އޮތީ އެންމެ ސުވާލެއް ނޫން. ވަރަށް ބައިވަރު ސުވާލު އެބަހުރި. އަޅުގަނޑު މިހުރީ ނޫސްވެރިކަން ކޮށްގެން އަދިވެސް ގޮޅިއަށް ދާން ތައްޔާރަށް. 15 ދުވަހެއް ނޫން، 15 އަހަރު ނޫސްވެރިކަން ކޮށްގެން ޖަލުގައި ބޭއްވިޔަސް ވަރުބަލިވާނީ ދައުލަތް،" ޝަހުޒާން ބުންޏެވެ.
"އަޅުގަނޑުމެން ނުކުމެ މިތިބީ ކުރިއަށް ވުރެ މާ ގަދަކޮށް. ދެން އަޅުގަނޑުމެންގެ ގައިގައި ތަޅައިފިއްޔާ ފޮޅުލާނީ ރައީސް މުއިއްޒުގެ އަތްޕުޅުގައި."
ޝަހުޒާން އިތުރަށް ފާހަގަކުރި ގޮތުގައި ޖަލު އޮތީ ފުރި ބާރުވެފައި ކަމަށާއި އެމީހުންނާ މެދު އަމަލު ކުރަނީ ދެ ވަނަ ދަރަޖައިގެ އިންސާނުންގެ ގޮތުގަ އެވެ. އެގޮތުން އޭނާ ބުނީ:
-
ގައިދީންނަށް ގެންނަނީ އިންސާނުން ކާން ހެޔޮވާރު އެއްޗިއްސެއް ނޫން
-
ގައިދީންނަށް ބޭނުންވާ އަސާސީ ތަކެތި ގަންނާކަށް ވެސް ނުލިބޭ
-
ކްލެމެންސީ އާއި ޕްރޯލްއަށް ޝަރުތު ހަމަވާ އެތައް ގައިދީން ތިބިއިރު، އެމީހުންގެ ހުށަހެޅުންތައް ރައީސް އޮފީހުގައި އޮތީ ފުނި ޖެހިފައި
-
ކުށުގެ ވެށިން ނުކުމެވޭނެ ފަދަ މާހައުލެއް ޖަލުގައި ނެތް
ކޮމެންޓް (3)
ާވައިއަނގަ
ހޯގުޅާ
ސޯބޭ