ނޫސްވެރިކަމުގެ ހައްގުގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ލީވާން (ދައުރު ފައިލް ފޮޓޯ)
މަރުގެ މައްސަލަތަކުގެ ހައްޔަރީން ތިބި ޔުނިޓަކަށް ލީވާން ލައި އެކަހެރިކޮށްފި؛ "ޑޮކްޓަރަށްވެސް ނުދައްކާ"
ޖަލަށް ހުކުމްކޮށްފައިވާ ނޫސްވެރިޔާ ޝަހުޒާންއާއެކު އެއް ގޮޅިއެއްގައި އޮތް ނޫސްވެރިޔާ ލީވާން އަލީ ނަސީރު އެހެން ގޮޅިއަކަށް ލައި، އެކަހަރިކޮށްފައިވާ ކަމަށް އޭނާގެ ވަކީލު ބުނެފި އެވެ. އަދި މިހާރު އޭނާ އޮތީ މަރުގެ މައްސަލަތަކުގައި ތިބި މީހުން ތިބޭ ޔުނިޓް 10ގެ އެކަހެރި ގޮޅިއެއްގައިކަމަށްވެސް ވަކީލް ވިދާޅުވި އެވެ.
ގޮޅި ބަދަލު ކުރި ވާހަކައަށް ސީދާ ޖަވާބެއް ނުދިން ނަމަވެސް، ލީވާްން އެކަހަރި ކުރި ވާހަކަ ކަރެކްޝަންސްއިން ދޮގު ކުރެ އެވެ.
ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން ނެރުނު 'އަނގަ ބަންދުކުރުމުގެ އަމުރު ނުވަތަ ގެގް އޯޑަރާ ހިލާފުވިކަމަށް ނިންމައި، ލީވާން 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި ރައީސްއާ ކުރި ސުވާލެއްގެ މައްސަލައެއްގައި އެ އަމުރާ ހިލާފުވެގެން ޝަހްޒާންވެސް ހަމަ އެ ދުވަހު 15 ދުވަހަށް ޖަލަށް ހުކުމް ކުރި އެވެ.
އެކީގައި ޖަލަށް ހުކުމް ކުރި އެ ދެ ނޫސްވެރިންވެސް މިދިޔަ ދުވަސްތަކުގައި ތިބީ ކަރެކްޝަންސްގެ މާފުށީ ޖަލުގެ ޔުނިޓް 13ގެ ގޮޅިއެއްގަ އެވެ. ނަމަވެސް މިހާރު އެ ގޮޅިން ޔުނިޓް 10ގެ ގޮޅިއަކަށް ލީވާން ލާފައިވާކަން ވަކީލު ބުނެ އެވެ. އަދި އެކަން އެހެން މަސްދަރަކުންވެސް 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.
ތަފްސީލު - ލީވާންގެ ވަކީލު ޝާއިރު މިއަދު 'ދައުރު'އަށް ވިދާޅުވީ، ކުއްލި ގޮތަކަށް ލީވާން އެކަހެރި ގޮޅިއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
"ލީވާން ބަދަލު ކުރި ގޮޅީގައި އޮތީ އޭނާ އެކަނި. ދެން އެ ގޮޅިއާ ޖެހިގެން ދެފަރާތުގައި ތިބީ މަރުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން،" ޝާއިރު ވިދާޅުވި އެވެ.
ޝާއިރު ވިދާޅުވީ:
-
ލީވާންގެ ގޮޅިއާ ޖެހިގެން އޮތް ގޮޅީގައި އޮތީ، ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި އޮތް ޝާހިލް
-
ދެން އޮތް ގޮޅީގައި އޮތީ، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އަދުހަމް ހަސަން
ޝާއިރު އިތުރަށް ވިދާޅުވި ގޮތުގައި ލީވާންގެ ހަމުގެ މައްސަލައެއް ހުންނާތީ، ޖަލަށް ހުކުމް ކުރި ފަހުންއެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން ޑޮކްޓަރަށް ދެއްކުމަށް އެދުނު ނަމަވެސް އަދިވެސް ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ކަރެކްޝަންސްއިން އޭނާގެ ބޭސް ފަރުވާގެ ހައްގަށްވެސް ހުރަސް އަޅަމުން އަންނަކަން ވަކީލު ފާހަގަ ކުރެއްވި އެވެ.
ކަރެކްޝަންސްގެ ބަސް - މިކަމާ ގުޅޭ ކަރެކްޝަންސްއާ ސުވާލު ކުރުމުން އެތަނުގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން ވިދާޅުވީ:
-
"ލީވާން ބަހައްޓާފައި ވަނީ އެހަރި ގޮޅިއެއްގައި ނޫން" ކަމަށް
-
"ޖަލުގައި މީހުން ވަކިން ބައިތިއްބަނީ އެމީހެއްގެ ފަރާތުން އެހެން މީހުންނަށް ނުވަތަ އެހެން މީހުންގެ ފަރާތުން އެމީހަކަށް ގެއްލުން ދީފާނެ ހާލަތުގައި"
ޝަހުޒާންއާއެކު އެއް ގޮޅިއެއްގައި އޮއްވާ ލީވާން އެހެން ގޮޅިއަކަށް ބަދަލު ކުރިތޯ އެހުމުން ސީދާ ސުވާލަށް ޖަވާބު ނުދެއްވާ އޭނާ ވިދާޅުވީ، ގައިދީން އާންމު އުސޫލުން ބަދަލު ކުރުމަކީ އިންޓާނަލް ނިންމުންތަކެއް ކަމަށާއި އެއީ ހާމަ ކުރާނެ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
ބޭސް ފަރުވާއަށް މަހްރޫމުކޮށްފައިވާ ކަމަށް ވަކީލް ދެއްކި ވާހަކައާ ގުޅޭ ގޮތުން ޔުސްރީން ވިދާޅުވީ، ޖަލަށް ގެނައުމާ ގުޅިގެން އެ ދެ ނޫސްވެރިންގެވެސް މެޑިކަލް އެސެސްމަންޓެއް ހެދި ކަމަށެވެ. އަދި އޭގެ ފަހުން އިތުރު ފަރުވާއަށް ލީވާން އެދިފައި ނުވާ ކަމަށް ޔުސްރީން ވިދާޅުވި އެވެ.
ނަމަވެސް ވަކީލް ޝާއިރު ވިދާޅުވީ، އޭނާގެ ހާޒިރުގައިވެސް ޑޮކްޓަރަށް ދެއްކުމަށް ލީވާން އެދުނު ކަމަަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ލީވާން އެކަހެރި ގޮޅިއަކަށް ބަދަލުކޮށްފައިވާއިރު، އިއްޔެ ވަކީލުން މެދުވެރިކޮށް ލީވާން އާއި ޝަހްޒާން ފޮނުވި މެސެޖެއް 'އަދަދު' ނޫހުގައި ވަނީ ޝާއިއުކޮށްފައި އެވެ. އެ މެސެޖުގައި ހިތްވަރާއެކު ގަދަކޮށް ސާބިތުވެ ތިބި ކަމަށް ބުނެފައިވެ އެވެ.
"ނޫސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ބުނެލަން އޮތީ، ގަދަބާރުން ހުރުމަތާއި އިއްޒަތެއް ނުހޯދޭނެ ކަމެވެ. ދަންނާށެވެ! ކިތަންމެ ވަރުގަދައަށް ޗޭނުޖަހާ ބަންދުކޮށް ކުޑަގޮޅިއަކަށް ލިޔަސް، ސިންގާއެއް ވާނީ ހަމަ ސިންގާއަކަށެވެ. އަދި ރަންތާޖެއް އަޅުވައި ބޮޑު ތަހުތެއްގައި ބޭންދިޔަސް، ހިމާރެއް ވާނީ ހަމަ ހިމާރަކަށެވެ." އެ މެސެޖުގެ އެންމެ ފަހު ބައިގައި ލިޔެފައިވެ އެވެ.
ކޮމެންޓް (2)
ލޯލް
ހީރާޕަންނާ