23 މެއި 2026 - ފިންލެންޑް ޑައިވަރުންގެ ޓީމުން ވ. ދެކުނު ކަނޑު ހޮހަަޅައިގެ ތެރޭގައި ފީނަނީ. (ފޮޓޯ/ޑޭން ޔޫރަޕް)

ފަސް ޑައިވަރުންގެ ފޯނާއި ތަކެތި އިޓަލީ ތަހުގީގު ޓީމުން ގެންގޮސްފި

އިޓަލީގެ ޕްރޮސިކިއުޓަރުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ އިހުމާލުން މީހުންތަކެއް މަރުވުމުގެ މައްސަލައެއްގެ ގޮތުގައި ދެކިގެން

ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ގޮސް އުޅުނު އިޓަލީ ފަސް މީހަކު މަރުވި ހާދިސާއާ ގުޅިގެން، އިޓަލީން ހިންގާ ޖިނާއީ ތަހުގީގުގެ ބޭނުމަށް އެ މީހުންގެ ތަކެތި ހިފަހައްޓައި، އިޓަލީއަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 14ވަނަ ދުވަހު ހިނގި ހިތާމަވެރި މި ހާދިސާގައި އެ ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް، މަރުވި އިޓަލީގެ ފަސް ޑައިވަރުންނަކީ:

  • މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް

  • ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް

  • މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު

އިޓަލީގެ ޕްރޮސިކިއުޓަރުން މި މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރަމުން ދަނީ އިހުމާލުން މީހުންތަކެއް މަރުވުމުގެ މައްސަލައެއްގެ ގޮތުގައި ދެކިގެންނެވެ.

ތަފްސީލް - ދުނިޔޭގެ ޑައިވިން ހަބަރުތައް ގެނެސްދޭ، އިނގިރޭސިވިލާތުގެ 'ޑައިވް މެގެޒިނު'ން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި އިޓަލީގެ ތަހުގީގު ޓީމުން މިހާރު ވަނީ ފިންލެންޑްގެ ރެސްކިއު ޓީމުގެ ތަޖުރިބާކާރުންގެ ބަޔާންތައް ނަގައިފަ އެވެ.

މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކޮންމެވެސް ވަރަކަށް ސާފުވަމުން އަންނަ ކަމަށް ވެސް އެ މެގެޒިންގެ ލިޔުމުގައި ބުންޏެވެ.

އިޓަލީގެ ޖެނޯއާ ފްލައިން ސްކޮޑަކުން މިހާރު މަރުވި މީހުންގެ މޯބައިލް ފޯނާއި ކޮމްޕިއުޓަރާއި، ޓެބްލެޓް، ޔޫއެސްބީ ޑްރައިވް އަދި ހާޑް ޑްރައިވް ހިމެނޭހެން އެ މީހުންގެ ގިނަ އަދަދެއްގެ ތަކެތި ވަނީ ހިފަހައްޓައިފަ އެވެ.

އެ ތަކެތި މިހާރު ވަނީ އިޓަލީއަށް ގެންގޮސްފަ އެވެ. ޑައިވް މެގެޒިނުން ރިޕޯޓްކުރި ގޮތުގައި އެ ތަކެތި އިޓަލީއާ ހަމައަށް ގެންގޮސްދިނީ، ޖެނޯއާ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އޮފް ޒޫލޮޖީ، ސްޓެފާނޯ ވެނިން އެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ ކޮރިއޭ ޑެލާ ސެރާއިން ވެސް މި ކަން ރިޕޯޓްކުރި އެވެ.

ފާހަގަކުރެވޭ - މި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ވަނީ އެމްއެންޑީފްގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މަރުވެފަ އެވެ. މަހުދީ މަރުވުމުގައި އިހުމާލެއްވޭތޯ ބަލަން ދިވެހި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް (2)

ނަންނުގަތި

23 މޭ 2026
ފުލުހުންގެ އެއްވެސްވަރެއްގެ ލީޑަރޝިޕެއް އޮތްނަމަ އެތަކެތި ފުލުހުންގެ ތަހްގީގަށް ބަހައްޓާނެ. ފުލުހުންގެ މުވައްސަސާ ވީކުވި ވަރު އެބައެނގޭ.
4 1

އަލީ ސ

23 މޭ 2026
@ނަންނުގަތި ފުލުހުންގެ ތަހުޤީޤުގެ ފެންވަރު ދަށްކަން ނޭނގޭ މީހަކު ތި ނޫނީ ނެތް
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް