ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް، ދެކުނު ކަނޑުގެ ހޮހަޅައަށް ފީނަނީ: މިއީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކުރެވޭ ޑައިވްއެއް (ފޮޓޯ/ޝަފްރާޒް ނައީމް)

ޑައިވިން

އަނދިރި، އެކަހެރި އެ ހޮހަޅައަށް ފީނަނީ ކީއްވެ؟

ދެކުނު ކަނޑުގެ ހޮހަޅައަށް ފީނި ބައެއް މީހުންނަށް އެ އުފާވެރިކަން ސިފަކޮށްދޭކަށް ނޭނގޭ. އެއީ އެތަނަށް ހާއްސަ ދިރުންތައް ހިމެނޭ މުޅިން ތަފާތު މާހައުލެއް

"އެތައް ފަހަރަކު އެ ކޭވަށް ޑައިވްކުރިން."

މިއީ މުނިފޫހިފިލުވަން ޑައިވްކުރާ ދިވެއްސަކު ބުންޏެވެ. އިޓަލީގެ ހަތަރު ޓޫރިސްޓުންނާއި އެމީހުންގެ އިޓަލީ އިންސްޓްރަކްޓަރު މިދިއަ ބުރާސްފަތިދުވަހު މަރުވީ އޭނާ އެ ބުނި ވ. އަތޮޅުގެ ދެކުނު ކަނޑުގެ ހޮހަޅަ ތެރޭގަ އެވެ.

ދެކުނު ކަނޑަކީ ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ މަޝްހޫރު މިޔަރު ޕޮއިންޓެކެވެ. ކަނޑު އަޑީގެ ހޮހަޅަ އޮންނަނީ ގާތްގަނޑަކަށް 52 މީޓަރު (156 ފޫޓު) އަޑީގަ އެވެ. މިއީ ރާއްޖޭގައި ހަދާފައި އޮތް ޑައިވިންއާ ބެހޭ ހަމައެކަނި ގަވާއިދު ހުއްދަކުރާ 30 މީޓަރުގެ ފުންމިނުގެ ގާތްގަނޑަކަށް ދެ ގުނަ ފުނެވެ.

ވ. ދެކުނު ކަނޑުގެ ހޮހަޅަ އޮންނަ ގޮތް ދައްކައިދޭ ޗާޓެއް

ހޮހަޅައިގެ އެންމެ ފުނުގައި މަރުވި ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު މިހާރު ވަނީ، ދުނިޔޭގައި ކަނޑު އަޑީގެ ހޮހަޅަތަކަށް ފީނުމުގެ ތަޖުރިބާކާރު ތިން ޑައިވަރެއްގެ އެހީގައި ނަގައިފަ އެވެ. އިންސްޓްރަކްޓަރުގެ ހަށިގަނޑު ނެގީ މަރުވި ދުވަހު އެވެ. އެކަމަކު އޭނާ އޮތީ ހޮހަޅައަށް ވަންނަ ދޮރުމަތީގައި ކަހަލަ ގޮތަކަށް ކަމަށްވެ އެވެ.

މި އެންމެން މަރުވީ ކީއްވެގެންކަން އަދި ނުހޯދެ އެވެ. އެ މީހުން ގެންގުޅުނު ކެމެރާތަކާއި އަތުގައި އޮންނަ ކޮމްޕިއުޓަރުން ވަރަށް ގިނަ މައުލޫމާތު ހޯދޭނެ އެވެ.

އިޓަލީގެ ފަސް ޑައިވަރުން މަރުވި ކަނޑު އަޑީގެ ހޮހަޅަ އޮންނަ ވ. ދެކުނު ކަނޑު ހިމެނޭ ސަރަހައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް

ބައެއް ޑައިވަރުންގެ ވާހަކަތަކުން މިހާރު ވެސް އެނގެނީ މި ހޮހަޅައަށް ފީނުމަކީ އާންމު ކަމެއް ކަމެވެ. ޓޫރިސްޓުންނާއި ދިވެހި ޑައިވަރުންނެވެ. ބައެއް މީހުން ބުނި ގޮތުގައި ހޮހަޅައަށް ޑައިވްކުރަން ޓޫރިސްޓުންނަށް އިސްތިހާރު ވެސް ކުރެ އެވެ.

ދެވަނަ ކަނޑުގެ ހޮހަޅައަށް ފީނި ބައެއް ޑައިވަރުން ބުނާ ގޮތުގައި އެ ތަނަށް ޑައިވްކުރަނީ ހުރިހާ ގޮތަކަށް ތައްޔާރުވެގެންނެވެ. ސަލާމަތީ ގޮތުން ވެސް ފިޔަވަޅުތައް އަޅައިގެންނެވެ. އެކަމަކު ހޮހަޅައިގެ ތިން ވަނަ ބައި، ނުވަތަ ތިން ވަނަ ޗެމްބަރަށް ދިއުމަކީ އާންމު ކަމެއް ނޫން ކަމަށް، ބައެއް ޑައިވަރުން ބުންޏެވެ.

އެކަން ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ޝަފްރާޒް ނައީމް އިނގިރޭސި ޓެބްލޮއިޑް ނޫސް ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއިން ވެސް އެނގެ އެވެ. އޭނާ ބުނީ އެތައް ފަހަރަކު އެ ހޮހަޅައަށް ފީނިއިރު ވެސް ތިން ވަނަ ބަޔަށް ނުދިޔައީ "ސަލާމަތީ ގޮތުން ހުރި ކަންބޮޑުވުންތަކާ ހެދި" ކަމަށެވެ.

ދެވަނަ ކަނޑު ހޮހަޅާގައި މަރުވި މީހުން

  • މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް

  • ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް

  • މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު

އެތަނަށް ފީނި ބައެއް އެހެން ޑައިވަރުން ވެސް ހޮހަޅަ ތެރޭގައި އެންމެ ދުރަށް ދިޔައީ ދެވަނަ ބަޔަށެވެ. ތިން ވަނަ ބަޔަށް ނުދަނީ، އެއް ޑައިވަރަކު ބުނި ގޮތުގައި، އެ ހިސާބު މާ ބޮޑަށް ފުންކަމުންނެވެ.

"ކޭވްގެ ނިމޭކޮޅު އޮންނާނީ މާ ބޮޑަށް ފުނަން ގޮސް. ރައްކާތެރިނުވާނެތީ ގިނަ މީހުން ނުދަނީ އެ ހިސާބަށް،" އޭނާ ބުންޏެވެ.

ހޮހަޅައިގެ ކުރެހުމުން އެކަން އެނގެ އެވެ. ފުރަތަމަ ބައިގެ ފުންމިނަކީ ގާތްގަނޑަކަށް 61 މީޓަރު (183 ފޫޓު) އެވެ. ދެވަނަ ބަޔަަށް ދެެވެނީ ހަނި ދޭތެރެއަކުންްނެވެ. އެ ދޭތެރޭގައި 67 މީޓަރު (201ފޫޓު)ގެ ފުން ސަރަހައްދެއް އޮވެ އެވެ. ދެވަނަ ޗެމްބަރުގެ އެވްރެޖް ފުންމިން އުޅެނީ ގާތްގަނޑަކަށް 183 ފޫޓުގަ އެވެ. އެކަމަކު އެ ބައި ހުރަސްކޮށް ދެން ތިންވަނަ ޗެމްބަރަށް ދާއިރު ފުންވަމުން ގޮސް 73 މީޓަރު (219 ފޫޓު) އަށް ވެއްޓެ އެވެ.

ހޮހަޅައަށް ޑައިވްކުރަނިކޮށް މަރުވި ޔުނިވަސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން

މަރުވި ހަތަރު ޓޫރިސްޓުންނަކީ އިޓަލީގެ ޔުނިވަސިޓީ އޮފް ޖެނޯއާގެ ދިރާސާވެރިންނެވެ. މީގެ ތެރޭގައި ހިމެނޭ ކަނޑު އަޑީގެ ދިރުންތަކާ ބެހޭ ޕްރޮފެސަރު މޮނިކާއަކީ ވަރަށް ތަޖުރިބާކާރު ޑައިވަރެކެވެ.

ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދޫދު) ވިދާޅުވި ގޮތުގައި އިޓަލީގެ މި ގްރޫޕަށް ވަނީ 30 މީޓަރަށް ވުރެ ފުނަން ފީނުމުގެ ހުއްދަ ދީފަ އެވެ. ދިރާސާއަކަށް ބޭނުންވާ މައުލޫމާތު ހޯދަން އެ ހުއްދަ ދިނަސް، އެއީ ކަނޑު އަޑީގެ ހޮހަޅައަށް ފީނުމުގެ ހުއްދަ ނޫން ކަމަށް، ބޭރުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

މޮނިކާ ވަނީ 5،000އަށް ވުރެ ގިނަ ޑައިވްކޮށްފަ އެވެ. އޭގެ ތެރޭގައި އެކި ފަހަރު ރާއްޖޭގައި ކުރި ޑައިވްތައް ވެސް ހިމެނެ އެވެ.

މި ހޮހަޅަ ހާއްސަވަނީ ކީއްވެ؟

ދެކުނު ކަނޑުގެ ހޮހަޅައަށް ފީނި ބައެއް މީހުން ބުނީ އެހާ ފުނަން ގޮސް އެތަނުގެ އެތެރެއަށް ވަންނަނީ އެ ލިބޭ ހިތްހަމަޖެހުން ބޮޑުވެގެން ކަމަށެވެ. އެ ހިތްހަމަޖެހުން ސިފަކޮށްދޭކަށް އެމީހުންނަކަށް ނޭނގެ އެވެ.

އާންމުކޮށް ޑައިވްކުރާ ސަރަހައްދުތަކުން ނުފެންނަ މުޅިން ތަފާތު ދިރުންތައް މި ހޮހަޅައިގެ ތެރޭގައި އުފެދައި އޮތް ކަމަށް، ރަޝިޔާގެ ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ ލަޑީމިއާ ޓޮޗިލޯވް ބުންޏެވެ. އޭނާ 2014ގައި އެ ހޮހަޅައަށް ފީނި ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ ސަމާލުކަން ހޯދައިފަ އެވެ.

"މިއީ ވަރަށް ބޮޑަށް ތައްޔާރުވެ، ފީނުމުގެ އެވަރުގެ ތަޖުރިބާ ވެސް ހުރި އަނެއްކާ އެތަނުގެ ތެރޭގައި ފީނަން ޖެހޭ ގޮތަށް ރަނގަޅަށް ރޭވިގެން އެކަން ކުރެވޭ މީހުން ދާން ޖެހޭނެ ތަނެއް،" ޓޮޗިލޯވް ބުންޏެވެ.

ލަޑީމިއާ ޓޮޗިލޯވް 2014ގައި ދެކުނު ކަނޑުގެ ހޮހަޅައަށް ފީނަނީ

އޭނާ ބުުނިިގޮތުގައި އެއީ 'އެހެން ދުނިޔެއެއްގެ ދިރުންތަކެކެ'ވެ. ގުދުރަތީ އެއްވެސް އަލިކަމެއް ނުހުރެ އެވެ. އެހެންކަމުން ބިރާއި ވިސްނުމަށް އަތުވެދާނެ ކުއްލި ލޮޅުންތަކުން ރެކެވޭނެ ހުނަރު ވެސް، އެ ހޮހަޅައަށް ފީނާ މީހުންގެ ހުންނަން ޖެހޭނެ ކަމަށް ބުންޏެވެ.

ޓޮޗިލޯވްގެ ތަޖުރިބާއަށް ބިނާކޮށް ބުނީ ކަނޑުގެ އެހެން ހިސާބުތަކުން ނުފެންނަ ރީތި ދިރުންތައް އެ ހޮހަޅައިން ފެންނަ ކަމަށެވެ. ސައިންސްވެރިންނާއި ޑައިވަރުންގެ ޝައުގުވެރިކަން އެތަނަށް ލިބެނީ ވެސް އެހެންވެގެން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

މިއީ ވ. އަތޮޅުގެ މަޝްހޫރު މިޔަރު ޕޮއިންޓެއް ވެސް މެ އެވެ. އެކަމަކު އާންމުކޮށް ޓޫރިސްޓުން ފީނަނީ ހުއްދަ ކޮށްފައި އޮންނަ 90 ފޫޓުގެ ފުން މިނަށެވެ.

އަނދިރީގެ ތެރޭގައި، ކަނޑުގެ ފުނުގައި އޮތް 200 މީޓަރު (600 ފޫޓު) ދިގު ހޮހަޅައަކީ، ފީނާ ގިނަ މީހުންނަށް ފެންނާނެ ތަނެއް ނޫނެވެ. އެ އެކަހެރިކަމުގެ ތެރެއަށް ވަންނަން ދަނީ، ފީނުމުގެ އުފާވެރިކަން އެންމެ މައްޗަށް ހޯދަން ބޭނުން ޑައިވަރުންނެވެ. އެއީ، އެއް ޑައިވަރަކު ބުނި ގޮތަށް، ސިފަކޮށްދޭން އުނދަގޫ، ބުނެދޭނެ ލަފުޒުތަކެއް ވެސް އޭނާއަށް ނޭނގޭ ހިތްހަމަޖެހުމެކެވެ.

ކޮމެންޓް (2)

ބޮޗޭ

28 މޭ 2026
ބްރޯ ހިންދުކަރައެބަސީ ހިންގަން ތިޔަތަން ދީ!
0 0

ބޯކޮއްޕާ

22 މޭ 2026
ރީތިއެކައްޗެއްވެސް އެތާކުނެތް. ތިރީގަ ވެލިގަނޑު މަތީގަ އާނުފަރުބަދަގަނޑު. ތަނެއްއޮތީމަ ވަންނަނީ.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް